Roadha Mihaaru
ތިނަދޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނިންމާލައިފި

ތިނަދޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނިންމާލައިފި

23 ޖޫން 2016

ގދ. ތިނަދޫގެ ބިން ހިއްކަން ސަރުކާރުން ފެށި 165 މިލިއަން ރުފިޔާގެ މަޝްރޫއު ރޭ ނިންމާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގދ. ތިނަދޫގެ ބިން ހިއްކަން ސަރުކާރުން ފެށި 165 މިލިއަން ރުފިޔާގެ މަޝްރޫއު ރޭ ނިންމާލައިފި އެވެ.

ސަރުކާރުން ހޮލެންޑުގެ ވެންއޫޑު ކުންފުންޏާ ހަވާލުކޮށްގެން މިދިޔަ މަހުގެ ފަހުކޮޅު ފެށި މަޝްރޫއުގެ ދަށުން 55 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. އެއީ އެ ރަށުގެ އުތުރު ފަރާތުން 52 ހެކްޓަރުގެ ބިމާއި ދެކުނު ފަރާތުން ތިން ހެކްޓަރުގެ ބިމެވެ. މިހާރު ތިނަދޫގެ ބޮޑު މިން ގާތްގަނޑަކަށް 175 ހެކްޓަރަށް އަރަ އެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރު "މިހާރު" އާ ވާހަކަދައްކަވަމުން ވިދާޅުވީ ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތިނަދޫ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ: މިހާރު އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް ރަށް.--ފޮޓޯ؛ ހައުސިން މިނިސްޓްރީ

ތިނަދޫ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ: މިހާރު އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް ރަށް.--ފޮޓޯ؛ ހައުސިން މިނިސްޓްރީ

"ރައްޔިތުން ވަރަށް ހިތްހަމަޖެހިފައި ތިބީ. މި ސަރުކާރު އައި ފަހުން ރަށުގެ ތަރައްގީއަށް މިހާރު ވެސް ވަރަށް ގިނަ ކަންތައްތަކެއް އެބަ ކުރޭ. އިސްލާމީ މަރުކަޒެއް އެޅުމާއި މަގު ހެދުމުގެ މަޝްރޫއު މިހާރު ވެސް އެބަ ކުރިއަށްދޭ،" ނަސީރު ވިދާޅުވި އެވެ.

ތިނަދޫގެ ދެކުނު ފަރާތު ސަރަހައްދަށް ދޭތެރެ ދޭތެރެއިން އުދަ އަރާތީ ގޮނޑުދޮށާ ކައިރީގައި ހުންނަ ގެތަކަށް ގެއްލުން ލިބިފައިވެ އެވެ. ނަމަވެސް އެ ދިމާލުން ވެސް ބިން ހިއްކާފައިވާތީ އެއީ އެ ސަރަހައްދުގައި އުޅޭ މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުތުރު ފަރާތުން ހިއްކި ސަރަހައްދުގައި ހައުސިން މިނިސްޓްރީން ވަނީ ފްލެޓް އަޅަން ނިންމައިފަ އެވެ. އަދި އެ ސަރަހައްދުން ބިން ވިއްކަން ނިންމާފައިވާ ކަމަށް ނަސީރު ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ހައުސިން މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމުގައި، މި އަހަރުގެ ފަހުކޮޅު ފްލެޓް އަޅަން ފަށާނެ ކަމަށް މިނިސްޓްރީން ބުނި ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.