Roadha Mihaaru
ތިނަދޫ ތަރައްގީކޮށް ސިޓީއެއްގެ ދަރަޖަ ދެނީ

ތިނަދޫ ތަރައްގީކޮށް ސިޓީއެއްގެ ދަރަޖަ ދެނީ

02 ޖޫން 2016

ގދ. ތިނަދޫގައި، ސިޓީއަކަށް ބަދަލުވާ ފަދަ ބޮޑެތި ޕްރޮޖެކްޓްތަކެއް ފެށިގެން ހިނގަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގދ. ތިނަދޫގައި، ސިޓީއަކަށް ބަދަލުވާ ފަދަ ބޮޑެތި ޕްރޮޖެކްޓްތަކެއް ފެށިގެން ހިނގަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އިއްޔެ ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވި ގޮތުގައި ތިނަދޫގެ ކޮންމެ ދިމާލަކަށް ބެލި ކަމުގައިވިޔަސް ފެންނަނީ ސިޓީއެއްގެ ސިފަތަކެކެވެ. އެގޮތުން ތިނަދޫގައި 55 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކަން ފެށުން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ތިނަދޫގެ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަނީ. - މިހާރު ފޮޓޯ

ތިނަދޫގެ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަނީ. - މިހާރު ފޮޓޯ

ތިނަދޫ ބިން ބޮޑު ކުރުމުގެ ބޭނުމަކީ ރަށުގެ އާބާދީ ބޮޑުކޮށް ސިޓީއެއްގައި ހުންނަން ޖެހޭ ވަރަށް މީހުން އިތުރު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ޖިހާދު ވިދާޅުވި ގޮތުގައި މިހާރު ވެސް ރަށުގައި ގާތްގަނޑަކަށް 10،000 މީހުން ދިރިއުޅެމުން އެބަދެ އެވެ. އަދި ތިނަދޫން ހިދުމަތް ހޯދަން ބޭނުންވެގެން ކައިރި ރަށް ރަށުން 2000 އަށް ވުރެ ގިނަ މީހުން އެ ރަށަށް އާދެ އެވެ.

ބިން ހިއްކުމުގެ އިތުރުން ތިނަދޫގެ ބައެއް މަގުތަކުގައި އަށް ކިލޯމީޓަރުގެ ދިގުމިނަށް ތާރު އެޅުމާއި 100 އަށް ވުރެ ގިނަ ފްލެޓު އެޅުން ފަދަ މަޝްރޫއުތައް ހިމެނެ އެވެ. މީގެ ތެރެއިން ގިނަ މަޝްރޫއުތައް ނިންމުމަށް ކަނޑައަޅާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ ކުރިންނެވެ.

ތިނަދޫ މަގެއް. ރަށުގައި ގިނަ މަޝްރޫއުތަކެއް ހުއްޓުމެއް ނެތި ކުރިއަށް އެބަދޭ. --މިހާރު ފޮޓޯ

ތިނަދޫ މަގެއް. ރަށުގައި ގިނަ މަޝްރޫއުތަކެއް ހުއްޓުމެއް ނެތި ކުރިއަށް އެބަދޭ. --މިހާރު ފޮޓޯ

ތިނަދޫގައި ފެށުމަށް ތައްޔާރުވާ މަޝްރޫއުތަކުގެ ތެރޭގައި ގޭސް ޕްލާންޓެއް ހެދުމާއި މިއުޒިއަމް ޕާކެއް ހެދުމާއި އިސްލާމީ މަރުކަޒެއް ބިނާ ކުރުން ހިމެނެ އެވެ.

ޖިހާދު ވިދާޅުވި ގޮތުގައި ރަށްރަށުގައި ހުރި ބަނދަރުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބަނދަރު އޮތީ ތިނަދޫގަ އެވެ. އަދި ތިނަދޫގައި ކުރި އަށް ދާ މަޝްރޫއުތައް ނިމުމުން ރަށުގެ މީހުންނަށް ހިތްފަސޭހަ ކަމާ އެކު ދިރިއުޅެވޭ ތަނަކަށް އެ ރަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ނިސްބަތުން ސިޓީއަކަށް ބޭނުންވާ ގިނަ ކަންކަން ތިނަދޫގައި ހުންނާނެ. ތިނަދު އަށް އެ އަންނަނީ ސިޓީއެއްގެ ސިފަ ޖެހެމުން." މިނިސްޓަރު ވިދާޅުވި އެވެ.

ތިނަދޫގައި ހަދާ ފްލެޓުގެ އަމަލީ މަސައްކަތް ކުރަނީ. މި މަސައްކަތް ނިންމާލުމަށް ކަނޑައަޅާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހު. -- މިހާރު ފޮޓޯ

ތިނަދޫގައި ހަދާ ފްލެޓުގެ އަމަލީ މަސައްކަތް ކުރަނީ. މި މަސައްކަތް ނިންމާލުމަށް ކަނޑައަޅާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހު. -- މިހާރު ފޮޓޯ

ރާއްޖޭގެ ނިސްބަތުން ކުރިއަރާފައިވާ އެއް ރަށަށް ވާނެ ތިނަދޫ، ހުރިހާ ޕްރޮޖެކްޓެއް ނިމޭއިރު. -- ޖިހާދު

ތިނަދޫގައި ފެށި މަޝްރޫއުތަކަކީ ރައީސް އަބްދުﷲ ޔާމީންގެ އިސް ނެންގެވުމުގެ މަތިން ތިނަދޫ ސިޓީއަކަށް ހެދުމަށް ފެށި މަޝްރޫއުތަކެއް ކަމަށާއި އެ މަޝްރޫއުތައް ފުރިހަމަ ކުރެވިއްޖެ ނަމަ ތިނަދޫ ސިޓީއަކަށް ބަދަލުނުވާނެ އެއްވެސް ސަބަބެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތިނަދޫ ބިން ހިއްކުމަށް ހޮލޭންޑް ކުންފުނިން ގެނައި ޑްރެޖަރު އެ ރަށު ފަޅު ތެރޭގައި. ތިނަދޫގެ ބިން ހިއްކަން ވަނީ ފަށާފައި. -މިހާރު ފޮޓޯ

ތިނަދޫ ބިން ހިއްކުމަށް ހޮލޭންޑް ކުންފުނިން ގެނައި ޑްރެޖަރު އެ ރަށު ފަޅު ތެރޭގައި. ތިނަދޫގެ ބިން ހިއްކަން ވަނީ ފަށާފައި. -މިހާރު ފޮޓޯ

އެމްޑީޕީގެ ހަތް ކައުންސިލަރުން ހިމެނޭ ތިނަދޫ ކައުންސިލުން ބުނީ ސަރުކާރުން ތިނަދޫގައި ހިންގާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ތަރައްގީގެ އެއްވެސް މަޝްރޫއަކަށް ހުރަސް އަޅާފައި ނުވާނެ ކަމަށް ކައުންސިލުން ބުންޏެވެ. ތިނަދޫ ކައުންސިލުން ވެސް ބޭނުންވަނީ އެ ރަށަށް ސިޓީއެއްގެ ދަރަޖަ ލިބުމެވެ.