Roadha Mihaaru
ޕީޕީއެމުން ވަކިވި މެމްބަރުންގެ ގޮނޑި ގެއްލޭނެ: ނިހާނު

މަޖިލީހުން އިއުލާން ކުރުމުން، ޕީޕީއެމުން ވަކިވި މެމްބަރުންގެ ގޮނޑި ގެއްލޭނެ: ނިހާނު

19 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޕީޕީއެމުން ސޮއި ކުރެއްވި 10 މެމްބަރުން ވަކިވިކަން މަޖިލީހުން އިއުލާންކޮށްފި ނަމަ، އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޕީޕީއެމުން ސޮއި ކުރެއްވި 10 މެމްބަރުން ވަކިވިކަން މަޖިލީހުން އިއުލާންކޮށްފި ނަމަ، އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ރޭ ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވީ މަޖިލީހުގެ މެމްބަރުން މަޖިލީހުން ވަކި ކުރެވެނީ އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރުން ޕާޓީން ވަކިވި ކަމުގެ ސިޓީ މަޖިލީހަށް ފޮނުވީމަ ކަމަށެވެ.

ޕީޕީއެމްގެ ބައެއް ކައުންސިލް މެމްބަރުން ރޭ ޕާޓީގެ އޮފީސް ކައިރީގައި. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ޕީޕީއެމްގެ ބައެއް ކައުންސިލް މެމްބަރުން ރޭ ޕާޓީގެ އޮފީސް ކައިރީގައި. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

"ޕާޓީން ވަކިވެވަޑައިގެން ފެޔަށް ޖެހިވަޑައިގަތަސް، ޕާޓީއާ މައްސަލަ ޖެހި ކަނޑާލި މެމްބަރުންގެ ތެރޭގައި ހިމެނުނު ނަމަވެސް، މަޖިލީހުން އިއުލާން ނުކުރާހާ ހިނދަކު ހުންނާނީ ޕީޖީ ގްރޫޕްގެ މެމްބަރެއްގެ ގޮތުގައި. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މަޖިލީހަށް ސިޓީ ފޮނުވީމަ ޕީޕީއެމުން މެމްބަރުން ވަކިވާނެ. އެ ހިސާބުން (މަޖިލީހުން އިއުލާން ކުރުމުން) މެމްބަރުންގެ ގޮނޑި ގެއްލޭނެ،" ނިހާނު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އެއީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށް އެ ކޯޓުން އޭގެ ފަހުން ވަނީ އަމުރު ނެރެފަ އެވެ.

އެކަމާ ގުޅިގެން ނިހާނު ވިދާޅުވީ "ނިމުން އައީ ހުކުމްގެ ފަހުން" ކަމަށެވެ. އަދި ޕީޕީއެމް މެމްބަރުންގެ މަސްލަހަތު ގެއްލިއްޖެ ކަމަށް އެ މެމްބަރުންނަށް ގަބޫލު ކުރެވޭ ނަމަ، ސުޕްރީމް ކޯޓަށް ވަޑައިގެން، އެ ކޯޓުގެ ރައުޔު ހޯއްދެވުމަށް ވެސް ނިހާނު ގޮވައިލެއްވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަ ރައުޔާއި ލަފާގެ ތަރުޖަމާ މި ކިޔައިދިނީ. ހުކުމުގައި ނިންމާ އެއްޗަކާއި އިސްފަސް އާއި އެއްވެސް ހަމައެއް ގެއްލޭ ކަމުގައިވާ ނަމަ، އެ މެމްބަރަކަށް ވަޑައިގެންނެވޭނެ ސުޕްރީމް ކޯޓަށް. އެ ރައުޔު އެ ބޭފުޅުން (ކޯޓުން) ދެއްވާނެ،" ނިހާނު ވިދާޅުވި އެވެ.

މަސީހް ވަކި ކުރަން ސޮއި ކުރެއްވި 10 މެމްބަރުންގެ މައްސަލަ ސުލޫކީ ކޮމެޓީ އަށް ފޮނުވާފައިވާނެ ކަމަށާއި ކޮމެޓީގެ ޖަވާބު މިހާތަނަށް ލިބިފައި ނުވާ ކަމަށް ނިހާނު ވިދާޅުވި އެވެ. އަދި 10 މެމްބަރުންގެ ސޮއި އަނބުރާ ގެންދަވާފައި ޕީޕީއެމަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިވާން ސިޓީ ފޮނުވި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ އާއި ތިނަދޫ ދެކުނު ދާއިރާގެ މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މުހައްމަދު ތޯރިގާއި ތިމަރަފުށި ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ.

މަސީހާ ދެކޮޅަށް ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ކުރިން ޕީޕީއެމުން ވަކިކޮށްފައިވާ ކަމުގެ ލިޔުން އެ ޕާޓީން ދީފައިވާ ބޭފުޅުން ވެސް ހިމެނޭ އިރު ކޯޓުގެ ހުކުމް އައުމުގެ ދެތިން ދުވަސް ކުރިން ޕާޓީން ވަނީ އެ މެންބަރުންގެ މައްސަލަ އަލުން ބަލަމުން އަންނަ ކަމަށް އަންގައިފަ އެވެ.

މަޖިލީހުގެ މެމްބަރުންނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމް، މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒު ކުރުން ހުއްދަ ނޫން ކަމަށް ކޯޓުން އަމުރު ކުރުމުން، ޕީޕީއެމުން ވަކިވެފައިވާ 10 މެމްބަރުން މަޖިލީހުގެ މެމްބަރުކަމުން ވަކިނުވާނެ ކަމަށް ގާނޫނީ ބައެއް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.