Roadha Mihaaru
މެމްބަރު ރަޝީދުގެ "ޝަކުވާއެއް" ޕޮލިހަށް ހުށަހަޅައިފި

މެމްބަރު ރަޝީދުގެ "ޝަކުވާއެއް" ޕޮލިހަށް، އެކަމަކު ސޮއިގެ މައްސަލައެއް ނޫން

04 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލާގައި އޭނާ ސޮއިނުކުރައްވާ ކަމަށް ވިދާޅުވި ފަހުން، އަމިއްލަ "ޝަކުވާތަކެއް"، އިސްދޫ ދާއިރާގެ އަހުމަދު ރަޝީދުގެ ރޭ ފުލުހަށް ހުށަހަޅުއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލާގައި އޭނާ ސޮއިނުކުރައްވާ ކަމަށް ވިދާޅުވި ފަހުން، އަމިއްލަ "ޝަކުވާތަކެއް"، އިސްދޫ ދާއިރާގެ އަހުމަދު ރަޝީދުގެ ރޭ ފުލުހަށް ހުށަހަޅުއްވައިފި އެވެ.

އެކަމަކު އޭނާ ހުށަހެޅުއްވީ ސޮއި ފޯޖްކުރުމުގެ މައްސަލަ ނޫން ކަމަށް، ފުލުހުން ބުނެ އެވެ.

ޕީޕީއެމްގެ 10 މެމްބަރަކު ހިމެނޭ ގޮތަށް ޖުމްލަ 45 މެމްބަރުންގެ ތާއީދާ އެކު މަސީހުގެ ވަކިކުރަން މަޖިލީހަށް އިއްޔެ ހުށަހެޅިއިރު ލިސްޓުގައި ރަޝީދުގެ ސޮއި ވެސް ހިމެނެ އެވެ. އެކަމަކު އޭނާ ފަހުން ވިދާޅުވަނީ އެ ލިސްޓުގައި ސޮއި ކުރައްވާފައި ނުވާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އޭނާގެ ސޮއި ފޯޖްކޮށްފައިވާ ކަމުގެ ތުހުމަތު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ކުރުމުން، އިދިކޮޅު ފަރާތްތަކުން ވަނީ ރަޝީދު ސޮއިކުރައްވަން އިންނެވި މަންޒަރު ކަމަށް ބުނެ ފޮޓޯއެއް އާއްމު ކޮށްފަ އެވެ. ދެ ހެކިންގެ ހާޒިރުގައި އޭނާ ސޮއިކުރެއްވި ކަމުގެ ވީޑިއޯ ވެސް އެބަހުރި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ރަޝީދު ފުލުސް އޮފީހަށް ރޭ ވަޑައިގަތީ ޕީޕީއެމްގެ އިސް ބޭފުޅަކާ އެކު އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ނުވަތަ ޝަކުވާއެއްކަމެއް، އޭނާގެ ފަރާތުން ސާފުވާ ގޮތެއް ނުވި އެވެ.

ފުލުހުންގެ ތަރުޖަމާން، ސުޕްރިންޓެންޑެންޓް އަހްމަދު ޝިފާން ވިދާޅުވީ ރަޝީދު ހުށަހެޅުއްވި "ޝަކުވާއެއް" ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ސޮއި ފޯޖްކުރުމުގެ މައްސަލަ ނޫން ކަމަށް ވިދާޅުވި އެވެ.

ރަޝީދުގެ ސޮއި ވަގަށް ނެގި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަނޭޅި ނަމަވެސް އެ މައްސަލަ ބަލައިދޭން މަޖިލީހުގައި އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ސޮއި ފޯޖުކުރި ކަމަށް ޕީޕީއެމުން ބުނި ނަމަވެސް އެއްވެސް މެމްބަރެއްގެ ސޮއި ގަދަކަމުން ނުވަތަ ވަގަށް ހޯދާފައި ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހުންނެވި އަހުމަދު ފާރިސް މައުމޫން ރޭ ވަނީ ވިދާޅުވެފަ އެވެ.