Roadha Mihaaru
ފެނަކަ އިން ފިއުލް ސާޗާޖު އުނިކޮށްފި

ތެލަށް ކުރާ ޚަރަދު ކުޑަވުމުން ފެނަކަ އިން ފިއުލް ސާޗާޖު އުނިކޮށްފި

04 ޖުލައި 2017

ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވުމާ ގުޅިގެން، ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތްދޭ ތަންތަނުން ނަގަމުން އައި ފިއުލް ސާޗާޖު އުނިކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވުމާ ގުޅިގެން، ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތްދޭ ތަންތަނުން ނަގަމުން އައި ފިއުލް ސާޗާޖު އުނިކޮށްފި އެވެ.

ފިއުލް ސާޗާޖު އުނިކުރި ނަމަވެސް ފެނަކަ އިން ކަރަންޓުގެ ޚިދުމަތް ދޭ ޓެރިފް ރޭޓަކަށް އަދި ބޭންޑްތަކަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. އޭގެ ބަދަލުގައި އެ ކުންފުނިން ދޭ ކަރަންޓުގެ އަގު ހެޔޮވެގެން ދާނީ ފިއުލް ސާޗާޖުގެ ގޮތުގައި ޔުނިޓަކަށް ނަގަމުން އައި 38 ލާރި މިދިޔަ މަހު 18 ވަނަ ދުވަހުން ފެށިގެން އުނިކުރުމުންނެވެ.

ސަރުކާރުން ކަނޑައަޅާފައި ވަނީ ކަރަންޓު އުފައްދާ ކުންފުނިތަކަށް ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8ރ. އަށް ވުރެ ބޮޑުވާ ނަމަ ކޮންމެ 10 ލާރިއަކުން ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމަށެވެ. ޑީސަލް އިން ނަގާ ޑިއުޓީ ފަސް ޕަސެންޓަށް މިދިޔަ މަހު ކުޑަކުރުމުން އެސްޓީއޯ އިން މިވަގުތު ޑީސަލް ލީޓަރެއް ވިއްކަނީ 7.94ރ. އަށެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ނޫސްވެރިންނަށް ވިދާޅުވީ ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ފިއުލް ސާޗާޖު އުނިކުރުމުން، އެންމެ ފަހުން ތައްޔާރުކުރި ބިލްތަކަށް ބަލާއިރު ޔުނިޓަކުން 38 ލާރި ހެޔޮވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފިއުލް ސާޗާޖު އުނިކުރުމުން އެއް ޔުނިޓުން ފެށިގެން 100 ޔުނިޓާ ހަމަޔަށް ކަރަންޓު ބޭނުންކުރާ ފަރާތްތަކަށް 17 ޕަސެންޓް ހެޔޮވެގެންދާނެ އެވެ. އޭގެ އިތުރުން 100 ޔުނިޓުން ފެށިގެން 200 ޔުނިޓާ ހަމައަށް ބޭނުންކުރާ ފަރާތްތަކަށް 15 ޕަސެންޓް ހެޔޮވާނެ ކަމަށް ވެސް ފެނަކަ އިން ލަފާކުރެ އެވެ.

ފެނަކަ ކޯޕަރޭޝަނުން ފިއުލް ސާޗާޖު އުނިކުރުމުން ކަރަންޓުގެ އަގަށް އައި ބަދަލާ ބެހޭ ގޮތުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަރީފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ފެނަކަ ކޯޕަރޭޝަނުން ފިއުލް ސާޗާޖު އުނިކުރުމުން ކަރަންޓުގެ އަގަށް އައި ބަދަލާ ބެހޭ ގޮތުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަރީފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އެންމެ ބޮޑު ކެޓަގަރީ އަކީ 900 ޔުނިޓާއި 1،000 ޔުނިޓާ ދޭތެރެ ކަރަންޓް ބޭނުންކުރާ ޑޮމެސްޓިކް ކެޓަގަރީން ނުވަ ޕަސެންޓް ސޭވިންއެއް ބިލަށް އަންނާނެ. އާއްމު ރައްޔިތުން އަތޮޅު ތެރޭގައި ކުރާ ވިޔަފާރި އަށް ވެސް މި ބަދަލުތައް ފެނިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއްމު ފަރާތްތަކުގެ ވިޔަފާރިތަކުގެ ކަރަންޓު ބިލުން ވެސް ފަސް ޕަސެންޓާއި އަށް ޕަސެންޓާ ދޭތެރޭ މިންވަރަކަށް ކުޑަވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ޚާއްސަ ވިޔަފާރިތައް ކަމަށްވާ މުވާސަލާތީ ޚިދުމަތްދޭ ދިރާގާއި އުރީދޫ ފަދަ ކުންފުނިތަކުގެ ކަރަންޓު ބިލް ވެސް އެ މިންވަރަށް ކުޑަވެގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އެންމެ ބޮޑު ކެޓަގަރީ އަކީ 900 ޔުނިޓާއި 1،000 ޔުނިޓާ ދޭތެރެ ކަރަންޓް ބޭނުންކުރާ ޑޮމެސްޓިކް ކެޓަގަރީން ނުވަ ޕަސެންޓް ސޭވިންއެއް ބިލަށް އަންނާނެ. އާއްމު ރައްޔިތުން އަތޮޅު ތެރޭގައި ކުރާ ވިޔަފާރިއަށް ވެސް މި ބަދަލުތައް ފެނިގެންދާނެ، ޝަރީފް

ފެނަކަ ކޯޕަރޭޝަނުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ކުންފުނީގެ ހޚިދުމަތް ބޭނުންކުރާ ތަންތަނުގެ ތެރެއިން 80 ޕަސެންޓް ތަންތަނުގައި 100 ޔުނިޓާއި 400 ޔުނިޓާ ދެމެދުގެ އަދަކަށް ކަރަންޓު ބޭނުންކުރެ އެވެ. އަދި ފިއުލް ސާޗާޖު އުނިކުރުމުން އެ ކެޓަގަރީން އެ ކުންފުންޏަށް ލިބޭ އާމްދަނީން މަހަކު 3.6 މިލިއަން ރުފިޔާ އުނިވެގެންދެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ވިޔަފާރިކުރާ ތަންތަނުގެ ތެރެއިން 28 ޕަސެންޓް ތަންތަނުން 100 ޔުނިޓާއި 400 ޔުނިޓާ ދެމެދުގެ އަދަދަކަށް ބޭނުންކުރެ އެވެ. އަދި ފިއުލް ސާޗާޖަށް ގެނައި ބަދަލާ ގުޅިގެން 32،000 ތަންތަނުން މަހަކު 400،000ރ. އުނިވެގެންދެ އެވެ. ސަރުކާރުގެ އިދާރާތަކުގެ ތެރެއިން 50 ޕަސެންޓް ތަންތަނުން އެ މިންވަރަށް ކަރަންޓު ބޭނުންކުރާ ކަމަށް ދައްކަ އެވެ. ސަރުކާރަށް ވެސް މަހަކު ގާތްގަނޑަކަށް 200،000ރ. ކުޑަވެގެންދެ އެވެ. އަދި އެ ބަދަލާއެކު ޚާއްސަ ވިޔަފާރިތަކަށް ވެސް މަހަކު 97،000ރ. ކުޑަވެގެންދާނެ ކަމަށް ފެނަކަ އިން ބުންޏެވެ.

އޭގެ އިތުރުން ޑޮމެސްޓިކް ކެޓަގަރީގެ ތެރޭގައި ހިމެނޭ 400 ޔުނިޓުން ފެށިގެން މަތީ ކަރަންޓް ބޭނުންކުރާ 9،000 ތަންތަން ހުރި ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން އެތަންތަނުން ވެސް ކަރަންޓަށް ކުރާ ޚަރަދުން މަހަކު 710،000ރ. ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ފިއުލް ސާޗާޖަށް ބަދަލު ގެނައީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކަމަށް ވާތީ، މިދިޔަ މަހުގެ ބިލުން ވެސް ކޮންމެ ވެސް ވަރެއް އުނިވެފައިވާނެ ކަމަށެވެ. އަދި އޭގެ ފުރިހަމަ ބަދަލު ފެންނާނީ މި މަހުގެ ބިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.