Roadha Mihaaru
ރައްކާތެރިކަން އޮތީ ޕީޕީއެމުން ވަކިވެގެން:އަލީ ހުސެއިން

ރައްކާތެރިކަން އޮތީ ޕީޕީއެމުން ވަކިވެގެން: އަލީ ހުސެއިން

04 ޖުލައި 2017

ވެރިކަން ކުރާ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްކާތެރިކަން އޮތީ އެ ޕާޓީން މިވަގުތަށް ވަކިވެގެން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވެރިކަން ކުރާ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްކާތެރިކަން އޮތީ އެ ޕާޓީން މިވަގުތަށް ވަކިވެގެން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ވިދާޅުވީ ރައީސް ޔާމީންގެ ފެކްޝަންގައި ތިއްބެވި އިސްލާހަށް ލޯބި ކުރައްވާ، މަޖިލިހުގެ މެމްބަރުން ޕީޕީއެމުން ވަކިނުވާ ނަމަ، އޭގެ ހިތި ނަތީޖާ ފެނުމަކީ ވެސް ކައިރި ކަމެއް ކަމަށެވެ.

"މިސާލަަކަށް ޕާޓީގެ ވިޕްލައިނާ އެއްގޮތަށް ވޯޓު ނުދެއްވާ މެމްބަރުންގެ ގޮނޑި ގެއްލޭ ފަދަ ހުކުމެއް ވެސް އަތުވެދާނެ ކަމަށް ބަލަން ޖެހޭނީ. ކޯޓުގެ ހުކުމަކުން އެ މެމްބަރުން ތަޅު އެޅުވޭ ގޮތް ވެއްޖިއްޔާ އެއީ އެ ބޭފުޅުންނަށް ވެސް ވަރަށް ބޮޑު ދެރައަކަށް ވާނީ. އިސްލާހީ މަސައްކަތަށް ވެސް ލިބޭ ގެއްލުމަކަށް ވާނެ. އެހެންވީމާ އެ މެމްބަރުން އެންމެ ރަނގަޅު ވާނީ ލަތީފް ]ދިއްދޫ ދާއިރާގެ މެމްބަރު] ކަން ކުރެއްވި ގޮތަށް ކުރެއްވުން،" ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމުން ވަކިވެފައިވާތީ އެއަށް އިޝާރާތް ކުރައްވަމުން އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މަޖިލިހުގައި ތިއްބެވި އިސްލާހަށް މަސައްކަތް ކުރާ ޕީޕީއެމްގެ މެމްބަރުން އެ ޕާޓީން ވަކިވުމަށް އޭނާ ބާރު އަޅުއްވަނީ ޕީޕީއެމްގެ ބާނީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދެރައެއް ދިނުމަށް ނޫން ކަމަށެވެ.

އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ "އިސްލާހަށް ތާއީދު ކުރައްވާ ހުރިހާ އެމްޕީސް ޕީޕީއެމްގެ ދަރުބާރު ފެކްޝަނުން ވަކިވުމަށް ގޮވާލަން" ކަމަށެވެ.

އޭނާ ވަނީ ކޯޓުން އަމުރެއް ނެރުމުގެ ކުރިން އެ މެމްބަރުން އަވަހަށް ރައްކާތެރިވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އަލީ ހުސައިންގެ ޓްވީޓް.

އަލީ މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދިއިރު، ރައީސް ޔާމީން ފަޅީގެ މަޖިލިސް 10 މެމްބަރަކު ވެސް ސޮއިކޮށްފައި ވަނިކޮށެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި 45 މެމްބަރަކު ސޮއި ކުރައްވާފައިވެ އެވެ.

މަސީހާ ދެކޮޅަށް ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުން:

- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު - ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު - މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން - އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ - ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ - ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު - ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު - މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) - ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ - އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ)

* މި ލިސްޓުގައި ހިމެނޭ 10 މެމްބަރުންގެ ތެރެއިން ލަތީފް ވަނީ ޕީޕީއެމުން ވަކިވިކަން ފަހުން އިއުލާން ކުރައްވާފައި. އަދި ގާރީ ރަޝީދު ވަނީ ލިސްޓުގައި އޮތީ އޭނާގެ ވަގު ސޮއެއް ކަމަށް ފަހުން ވިދާޅުވެފައި. ނަމަވެސް އޭނާ ލިސްޓުގައި ސޮއިކުރައްވާ ފޮޓޯ އިދިކޮޅު ފަރާތްތަކުން ވަނީ އާންމުކޮށްފައި.

ރައީސް ޔާމީންގެ ފަޅީގައި ތިއްބެވި މަލިޖިސް މެމްބަރުންތަކެއް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ސޮއި ކުރެއްވުމުން އެކަން ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.