Roadha Mihaaru
ޕީޕީއެމްގެ 10 މެމްބަރުން ނެންގެވީ ރިސްކެއް: ރިޔާޒް

ޕީޕީއެމްގެ 10 މެމްބަރުން ނެންގެވީ ރިސްކެއް: ރިޔާޒް

05 ޖުލައި 2017

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ވެރިކަން ކުރާ ޕީޕީއެމްގެ 10 މެމްބަރުން ސޮއިކުރެއްވީ ސަރުކާރުގެ އަނިޔާތަކަށް ކެތްނުކުރެވިގެން ކަމަށާއި އެ ބޭފުޅުން ނެންގެވީ ރިސްކެއް ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ވެރިކަން ކުރާ ޕީޕީއެމްގެ 10 މެމްބަރުން ސޮއިކުރެއްވީ ސަރުކާރުގެ އަނިޔާތަކަށް ކެތްނުކުރެވިގެން ކަމަށާއި އެ ބޭފުޅުން ނެންގެވީ ރިސްކެއް ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ރިޔާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅުން ވެސް މަސީހާ ދެކޮޅަށް ސޮއިކުރައްވާފައިވާ ކަމަށާއި އެ ބޭފުޅުން ދެއްކެވީ ލާމަސީލު މިސާލެއް ކަމަށެވެ.

"އެ ކަހަލަ ހިތްވަރު އަޅުގަނޑުމެން މެމްބަރުންގެ ކިބައިން ހޯދައިގެން އަނެއް މެމްބަރު ނުކުންނަން އެބަޖެހޭ. މިއަދު ވެސް އަޅުގަނޑުމެންނާ ބައްދަލު ކުރެވުނު، ވާހަކަ ދެއްކެވުނު ބައެއް މެމްބަރުން އެބަތިއްބެވި އަދިވެސް އަންނަން. ރައީސް ޔާމީނަށް ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެމަނިކުފާނަށް ތާއީދު ކުރެއްވި ބޭފުޅުންނެއް ނޫން އެ ގެއްލުނީ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ތާއީދު ވެސް ވަނީ ގެއްލިފައި،" ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހިންގެ އިތުރުން ބައިނަލްއަގްވާމީ ފަރާތްތަކުގެ ތާއީދު ވެސް ރައީސް ޔާމީނަށް ވަނީ ގެއްލިފަ އެވެ.

ރިޔާޒް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނަވާނެ ކަމަށް ރައީސް ޔާމީން އަދިވެސް ސާފުކޮށް ވިދާޅުނުވާ ކަމަށެވެ.

މަސީހާ ދެކޮޅަށް ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުން:

- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު

- ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު

- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން

- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ

- ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ

- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

- ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު

- މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)

- ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ

- އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ)

* މި ލިސްޓުގައި ހިމެނޭ 10 މެމްބަރުންގެ ތެރެއިން ލަތީފް ވަނީ ޕީޕީއެމުން ވަކިވިކަން ފަހުން އިއުލާން ކުރައްވާފައި. އަދި ގާރީ ރަޝީދު ވަނީ ލިސްޓުގައި އޮތީ އޭނާގެ ވަގު ސޮއެއް ކަމަށް ފަހުން ވިދާޅުވެފައި. ނަމަވެސް އޭނާ ލިސްޓުގައި ސޮއިކުރައްވާ ފޮޓޯ އިދިކޮޅު ފަރާތްތަކުން ވަނީ އާންމުކޮށްފައި.

"އަޅުގަނޑަށް ވަރަށް ޝައްކު ރައީސް ޔާމީން 2018 ގައި ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަންނަވާނެ ކަމަށް. އެމަނިކުފާނުގެ ގައިގައި ނުހުންނާނެ ހިތްވަރެއް. މި އޮތް ބޮޑު ލަޝްކަރާ ޗެލެންޖު ކުރުމުގެ ހިތްވަރެއް އެމަނިކުފާނުގެ ނުހުންނާނެ. އެހެންވީމާ އަޅުގަނޑު މި ދެންނެވީ އެމަނިކުފާނު މި އިންތިޚާބުގައި ބައިވެރި ނުވާނެ ކަމަށް،" ކުރީގެ ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި ބޭފުޅުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު އިބްރާހީމްގެ ސޮއި ސައްހަ ނޫން ކަމަށް އޭނާ ވިދާޅުވަމުން ދިޔަ މައްސަލާގައި ރިޔާޒް ވިދާޅުވީ، މިހާރު ކުއްލި ގޮތަކަށް އެއީ ސައްހަ ސޮޔަކަށް ވެފައިވާ ކަަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ސޮޔާ މެދު ރަޝީދު ވެސް ފުލުސް އޮފީހުގައި މައްސަލަ ނުޖައްސަވާކަން ރިޔާޒް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ 45 މެމްބަރުންގެ ސޮޔާއެކު މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބަކަށް ވުމުން، އެކަން އޮޅުވާލުމަށްޓަކައި މުޅި މައްސަލަ ރިޝްވަތަކަށް ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ މަސީހް މަގާމުން ވަކިކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ހޯދި ކާމިޔާބީ ރައީސް ޔާމީނަށް ހަޖަމުނުވި ކަމަށެވެ. އަދި 30 އަހަރު ވަންދެން ރާއްޖޭގެ ރައީސްކަން ކުރެއްވި އަދި ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅު މީހުންނާ އެކު ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ ވެސް ރައީސް ޔާމީނަށް ހަޖަމު ކުރެއްވޭނެ ކަމަކަށް ނުވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އެކަހަލަ މަންޒަރުތައް ފެނުނީމާ ހަމަ ކުއްލިއަކަށް ރެއިން ރެއަށް އެބަޖެހޭ މީގެ ތެރޭގައި މައްސަލައެއް، ފްރޭމް ކުރެވިގެން އަނެއްކާވެސް ބަލަން. އަޅުގަނޑަށް ޔަގީންކަން އެބައޮތް އެއްވެސް ހެއްކެއް ނޯންނާނެކަން ފާރިސްއާ ދޭތެރޭގައި ރިޝްވަތު ދިން ކަން. އެއީ ނުހިނގާ ކަމެއް ކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ އެ އަޅުވާ އިލްޒާމް ތަކަކީ އަޅުގަނޑުމެން މިކުރާ އިޚުލާސްތެރި މަސައްކަތަށް ކިލަނބުކަން ގެނައުމަށްޓަކައި ކުރާ މަސައްކަތެއް ކަމުގައި ދަންނަވާލަން،" އޭނާ ވިދާޅުވި އެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްޓަކައި މަޖިލިހުގެ ބައެއް މެމްބަރުންނަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު ފާރިސް އެކަން ދޮގުކުރައްވަ އެވެ.