Roadha Mihaaru
ދައުލަތުގެ ބޮޑެތި މުއައްސަސާތަކަށް ރިޔާޒުގެ އިލްތިމާސެއް

މަޖިލިހުގެ ނިންމުމަށް ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިން އިހުތިރާމްކުރަން ޖެހޭ: ރިޔާޒް

03 ޖުލައި 2017

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުގެ އަތްމައްޗަށް ދިއުމާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހަށް މިއަދު އައި ބަދަލު، ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުން އިހުތިރާމްކުރަން، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުގެ އަތްމައްޗަށް ދިއުމާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހަށް މިއަދު އައި ބަދަލު، ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުން އިހުތިރާމްކުރަން، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލިހަށް ހުށަހެޅުމަށް ފަހު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާޒު ގޮވާލެއްވީ ސޮއިކުރެއްވި މެމްބަރުންނަށް ސަރުކާރުން ކުރާ ޖެއްސުންތައް ހުއްޓާލުމަށެވެ. މަސީހާ ދެކޮޅަށް ހުށަހެޅި 45 ސޮއިގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމްގެ 10 މެމްބަރެއްގެ ސޮއި ހިމެނެ އެވެ.

"ރައްޔިތުންގެ މަޖިލިސް ރަބަ ސްޓޭމްޕަކަށް ވެގެން ހަދާ ގޯސްތައް ގިނަވެގެން އަޅުގަނޑުމެން ނުކުތީ،" ރިޔާޒު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ލީޑަރުންގެ ދުރުވިސްނޭ މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް. މި ކާމިޔާބު ދަމަހައްޓާނަން ގައުމު އެންމެ އިސްކޮށް ނަގައިގެން."

އޭނާ ވިދާޅުވީ ސިޔާސީ މަސްރަހަށް މިއައި ބަދަލުގެ ސަބަބުން ފަނޑިޔާރުގެ އާއި މިނިވަން މުއައްސަސާތަކުން އަލުން ވިސްނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނާ ހިލާފަށް ކުރެވޭ ކަންކަން ރަނގަޅެއް ނުކުރެވޭނެ އެވެ. އަބަދުވެސް ގޯސް ވާނީ ގޯހަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ފަނޑިޔާރުން ގާނޫނާ އެއްގޮތަށް އަމަލްކުރެއްވުމަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ފަނޑިޔާރުން ގެންގޮސްގެން "އެކުރާ މަސައްކަތްތައް ހުއްޓާލަން" ވެސް ރިޔާޒު ގޮވާލެއްވި އެވެ.

"އެހެން ނޫނީ ޖެހޭނީ [އޭޖީ] ޖަވާބުދާރީކުރުވަން،" އޭޖީ މުހައްމަދު އަނިލްއަށް ނިސްބަތްކުރައްވާ ރިޔާޒު ވިދާޅުވި އެވެ.

"ފަނޑިޔާރުންނަށް އަޅުގަނޑު އިލްތިމާސްކުރަން ގާނޫނުތަކާ އެއްގޮތަށް މަސައްކަތްކުރައްވާށޭ. އެއްވެސް ހާލެއްގައި ސަރުކާޜުގެ ބޭފުޅުން ވިދާޅުވާ ގޮތަށް މަސައްކަތް ނުކުރާށޭ."

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ އެކި ބޭފުޅުންގެ މައްޗަށް އެކި ތުހުމަތުކޮށް، ޝަރީއަތަށް ހުށަހެޅުމާއި، އެހެން ބިރުތައް ވެސް ސަރުކާރުން ދައްކަ އެވެ. މަޖިލިހަށް މިއައި ބަދަލާ އެކު އެ ހުރިހާ ކަމެއް ހުއްޓާލަން އޭނާ ގޮވާލެއްވި އެވެ.

ރިޔާޒު ވިދާޅުވީ ރާއްޖޭން ބޭރުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް ރާއްޖެ ވަޑައިގެން، ބިރެއް ނެތި މަސައްކަތްކުރެއްވެން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެކަންކަން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި މަސީހާ ދެކޮޅަށް 45 މެމްބަރުންގެ ސޮއި ލިބުމުން، އެންމެ ރަނގަޅުވާނީ އޭނާ އިސްތިއުފާ ދެއްވުމެވެ.