Roadha Mihaaru
އޭޑީކޭގައި މެކޭނިކަލް ޕާކިން ސިސްޓަމެއް ގާއިމްކުރަނީ

އޭޑީކޭ ހޮސްޕިޓަލްގައި މެކޭނިކަލް ޕާކިން ސިސްޓަމެއް ގާއިމްކުރަނީ

05 ޖުލައި 2017

އޭޑީކޭ ހޮސްޕިޓަލްގެ ގޯތިތެރޭގައި މެކޭނިކަލް ޕާކިން ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭޑީކޭ ހޮސްޕިޓަލްގެ ގޯތިތެރޭގައި މެކޭނިކަލް ޕާކިން ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ޕާކުކުރުމުގެ ދަތިކަމަށް ހައްލު ހޯދުމަށް ގާއިމްކުރާ މި ސިސްޓަމްގެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ.

ސިންގަޕޫރު ކުންފުންޏަކާ ހަވާލުކޮށްގެން ގާއިމްކުރާ މި ޕާކިން ސިސްޓަމްގައި، ހަތަރު ފުރޮޅުލީ 19 ވެހިކަލް ބޭއްވޭނެ އެވެ. އެގޮތުން ފުރަތަމަ ބުރި އެމްބިއުލާންސަށް ހާއްސަކޮށް، ބާކީ ހުސް ތަންތަނުގައި ކާރުތަކަށް ޕާކު ކުރެވޭނެ ކަމަށް އައްފާލް ވިދާޅުވި އެވެ. ނަމަވެސް އާއްމުންނަށް އެތަނުގައި ޕާކު ކުރެވޭނީ ފީއެއް ދައްކައިގެންނެވެ.

"ޕާކު ކުރާނެ ޖާގައެއް ނެތުމުން އުނދަގޫ ދިމާވޭ. އެހެންވެ އެ މައްސަލަތައް ހައްލުކުރަން ގާއިމްކުރާ ސިސްޓަމެއް އެއީ. ނަމަވެސް ޕޭޕާކިން ސިސްޓަމެއް އެއީ. ވަކި ވަރަކަށް ރުފިޔާ ދައްކައިގެން ޕާކު ކުރެވޭނީ. ފަހުން އިއުލާނުކުރާނަން އެ ތަނުގައި ޕާކު ކުރެވޭ އަދަދުތައް،" އަފްއާލް ވިދާޅުވި އެވެ.

އޭޑީކޭގައި މެކޭނިކަލް ޕާކިން ސިސްޓަމް ޓެސްޓްކުރަނީ

ކާރު ޕާކު ކުރަން ހާއްސަކޮށްގެން ވެލާނާގެ ސަރަހައްދުގައި ސަރުކާރުން ވެސް ވަނީ އަންނަނީ މެކޭނިކަލް ޕާކިން ސިސްޓަމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭއިން އަންނަނީ އެތަން އިތުރަށް ތަރައްގީކޮށް ހިދުމަތްތައް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތިއޭޓަރު ކޮމްޕްލެކްސްއަކާއި 10 ބުރީގެ އިމާރާތެއް އެޅުމަށް 18 މިލިއަން ޑޮލަރަށް ވުރެ އަގު ބޮޑު މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ. މި މަސައްކަތުގެ ވެސް ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. އެތަނުގައި ތިއޭޓަރު ކޮމްޕްލެކްސްއަކާއި ކެތު ލެބެއް ގާއިމުކޮށް ހިތުގެ ބޮޑެތި ބަލިތަކަށް ފަރުވާ ދޭނެ އެވެ.