Roadha Mihaaru
ވެސްޓް ބެންގާލް މޮޅު ޑޮކްޓަރުން އަތުގައި ފޭކް ފާސްތައް

ވެސްޓް ބެންގާލްގެ އެންމެ މޮޅު ޑޮކްޓަރުންގެ އަތުގައި ސައްހަ ނޫން ފާސްތައް

07 ޖުލައި 2017

އިންޑިއާގެ ވެސްޓް ބެންގާލްގައި ތިބި އެންމެ ނަން މަޝްހޫރު ޑޮކްޓަރުންގެ ތެރޭގައި ހިމެނުނު ބައެއް ޑޮކްޓަރުންގެ އަތުގައި ސައްހަ ނޫން މެޑިކަލް ފާސްތައް ހުރިކަން ފަޅާއަރައި ގިނަ އަދަދެއްގެ ޑޮކްޓަރުން ތިބީ ޖަލުގަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ ވެސްޓް ބެންގާލްގައި ތިބި އެންމެ ނަން މަޝްހޫރު ޑޮކްޓަރުންގެ ތެރޭގައި ހިމެނުނު ބައެއް ޑޮކްޓަރުންގެ އަތުގައި ސައްހަ ނޫން މެޑިކަލް ފާސްތައް ހުރިކަން ފަޅާއަރައި ގިނަ އަދަދެއްގެ ޑޮކްޓަރުން ތިބީ ޖަލުގަ އެވެ.

ހިންދުސްތާން ޓައިމްސް އިން ބުނީ މި ޑޮކްޓަރުންގެ އަތުގައި ހުރީ ފޭކް ފާސްތައް ކަން ހާމަވިއިރު މި މީހުންނަކީ މުޅި ވެސްޓް ބެންގާލްގައި ވެސް މަޝްހޫރު ޑޮކްޓަރުންނެވެ. އޭގެ ތެރޭގައި ހިމެނޭ ނަރެން ޕާންޑޭ އަކީ އެ ސިޓީގެ އެންމެ ނަން ހިނގާ ހޮސްޕިޓަލުގައި މަސައްކަތްކުރާ، ނޭވާހިއްލުމާއި އެލާޖީގެ މައްސަލަތައް ބޭސްކުރާ ސްޕެޝަލިސްޓެކެވެ.

ސުބެންދޫ ބަޓަޗާރިޔާ އަކީ ޖެނެރަލް މެޑިސިންގެ އެކްސްޕާޓެކެވެ. އޭނާގެ މޮޅުކަމާއި ޚިދުމަތުގެ އަގު ވަޒަންކޮށް އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީގެ އަތްޕުޅުން މިދިޔަ މޭ މަހު އޭނާއަށް ޚާއްސަ އެވޯޑެއް ލިިބިފައި ވެ އެވެ. އަރަދީޕް ޗެޓަޖީ އަކީ އިންޓަގްރެޓިވް އޮންކޮލޮޖީގެ ރޮނގުން އެމްޑީ އެކެވެ. މިއީ ވެސް އޭނާގެ ރޮނގުން ވަރަށް މަޝްހޫރު އަދި މަގްބޫލު ޑޮކްޓަރެކެވެ. ހަމަ އެއާ އެކު އޭނާގެ ދިރިއުޅޭލެއް މުއްސަނދިކަމުންނާއި ގެންގުޅޭ ބީއެމްޑަބްލިޔު ކާރުގެ ސަބަބުން ވެސް މީނާގެ މަޝްހޫރުކަން އިތުރު ވެފައިވެ އެވެ.

މިއަދު މި ތިން ޑޮކްޓަރުންނަކީ ވެސް މިފަދަ ފޭކް މެޑިކަލް ޑިގްރީ ގެންގުޅޭ އެތައް ޑަޒަން ޑޮކްޓަރުންނަކާ އެކު ޖަލުގެ ކުޑަގޮޅިތަކުގައި ތިބި މީހުންނެވެ.

މީގެ ތެރެއިން ޕާންޑޭ އަކީ ކްލާސް 12 ގައި އިމްތިހާނުން ވެސް ފެއިލްވެފައިވާ މީހެކެވެ. ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަން ފެށުމުގެ ކުރިން ޕާންޑޭ އުޅުނީ ޔޫނާނީ ބޭސް އެކި ހިސާބުތަކަށް ޑިސްޓްރިބިއުޓް ކޮށްދޭ މީހެއްގެ ގޮތުގަ އެވެ.

ބަޓަޗާރިޔާ ނަމަކަށް ކިޔާ ޑޮކްޓަރަކު ވެސް އެއްވެސް މެޑިކަލް ކޮލެޖަކުން ކިޔަވާފައި ހުރި މީހެއް ނޫންކަން ހާމަވި އެވެ. އަދި ޗެޓަޖީ އަކީ ހޯމިއޮޕަތީ ކޮލެޖަކުން ދެ ފަހަރަށް ފެއިލްވެގެން ކަނޑާލި މީހެކެވެ.

ނަމަވެސް އެއްވެސް ތައުލީމީ ފެންވަރެއް ނެތުމަކީ މި މީހުން ޑޮކްޓަރުންގެ ގޮތުގައި އެންމެ އުހަށް އެރުމަށް އެޅުނު ހުރަހަކަށް ނުވި އެވެ. މިފަދަ މީހުންނަށް ފޭކް މެޑިކަލް ސެޓްފިކެޓްތައް ދޫކޮށްފައި ވަީ ދަށް ފެންވަރުގެ މެޑިކަލް ކޮލެޖްތަކުންނެވެ. ބޮޑެތި ކޮލެޖުތަކުން ކިޔަވައިދީގެން ޕްރޮފެޝަނަލް ޑޮކްޓަރުން ތައްޔާރުކުރާ ގޮތަށް ފޭކް މެޑިކަލް ޑިގްރީ ދީގެން ފޭކް ޑޮކްޓަރުންނަށް ވެސް މަސައްކަތް ކުރުމުގެ ފުރުސަތު ފޭކް މެޑިކަލް ކޮލެޖްތަކުން ލިބެ އެވެ.

މިކަން ފަޅާއަރަން މެދުވެރިވީ މިދިޔަ މޭ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކުޝީރާމް ހަލްދާރް އާއި ކައިޒަމް އާލަމް ކިޔާ ދެ ޑޮކްޓަރަކު ހައްޔަރު ކުރުމާ ގުޅިގެންނެވެ. މި ދެ މީހުން އަތުގައި ވެސް ވުޖޫދުގައިވެސް ނެތް ދެ ކޮލެޖެއްގެ މެޑިކަލް ޑިގްރީތައް ހުއްޓެވެ. އަދި މި ދެ މީހުންނަކީ ވެސް ސަރުކާރުން ހިންގާ ޕްރައިމަރީ ހެލްތު ސެންޓަރުތަކުގައި މަސައްކަތްކުރާ މީހުންނެވެ. މީގެ ތެރެއިން އާލަމް ވަނީ ކަލްކަތާގެ ރޫބީ ޖެނެރަލް ހޮސްޕިޓަލުގައި ވެސް މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ. ރޫބީ ހޮސްޕިޓަލަކީ މުޅި އެ ސިޓީގައި ވެސް ހުރި އެންމެ މަޝްހޫރު އެންމެ ރަނގަޅު ހޮސްޕިޓަލުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

މި ދެ މީހުން ހައްޔަރުކުރުމާ ގުޅިގެން ފުލުހުންގެ ތަހުގީގު ހަލުވިކޮށްލި އެވެ. އެއާއެކު އިތުރު "ޑޮކްޓަރުން"ތަކުގެ ދޮގުތައް ފަޅާއަރަން ފެށި އެވެ. މި މީހުންގެ ތެރޭގައި ގޯޕާލް ބިސްވާސް ކިޔާ ޑެންޓިސްޓެއް ހިމެނެ އެވެ. މީނާ އަކީ ވެސް އެހިސާބުގަނޑުގައި ވަރަށް މަޝްހޫރު ޑޮކްޓަރެކެވެ.

ފުލުހުން އަންދާޒާކުރާ ގޮތުގައި އެ ސަރަހައްދުގައި އެކަނިވެސް މިފަދަ 500 އާއި 550 އާ ދެމެދުގެ ފޭކް ޑޮކްޓަރުން އުޅޭނެ އެވެ. މިފަދަ މީހުންނަށް ފޭކް މެޑިކަލް ޑިގްރީތައް ދޫކުރުމުގެ ފަހަތުގައި އޮތީ ފޭކް މެޑިކަލް ކޮލެޖުތަކާއި ޔުނިވަސިޓީ ތަކެވެ.

"މިފަދަ އިންސްޓިޓިއުޝަންތަކުން ފޭކް ޑިގްރީތައް ހޯދައިގެން ޑޮކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ މީހުން މަސައްކަތް ކުރަނީ ހަމައެކަނި ކަލްކަތާގެ މަޝްހޫރު ޕްރައިވެޓް ހޮސްޕިޓަލުތަކުގަ އާއި ޕްރައިވެޓް ހެލްތު ފެސިލިޓީޒް ތަކުގައި އެކަންޏެއް ނޫން. މިފަދަ މީހުން ބެންގާލް، ދިއްލީ، މުމްބައި، ޕަޓްނާ، ރާންޗީ އަދި ބުބަނޭސްވަރް ފަދަ ތަންތަނުގައި ވެސް މަސައްކަތް ކުރޭ،" ސީނިއާ ޕޮލިސް އޮފިސަރު ވިދާޅުވި އެވެ.

މި ޑޮކްޓަރުން ހައްޔަރުކުރުމަށް ތައްޔާރުކުރި އެފްއައިއާރު ގައި ފޭކް މެޑިކަލް އިންސްޓިޓިއުޝަންގެ ގޮތުގައި ފާހަގަ ކޮށްފައިވާ ތަންތަނުގެ ތެރޭގައި ބަރާސަތުގައި ހުންނަ އޯލްޓަނޭޓިވް މެޑިކަލް ކައުންސިލް ކަލްކަތާ (އޭއެމްސީސީ)، ބަވާނީޕޫރްގައި ހުންނަ އިންޑިއަން ބޯޑު އޮފް އޯލްޓަނޭޓިވް މެޑިސިން (އައިބީއޭއެމް)، ބެހާލާގައި ހުންނަ ކައުންސިލް އޮފް އޯލްޓަނޭޓިވް ސިސްޓަމްސް އޮފް މެޑިސިންސް (ސީއޭއެސްއެމް)، ބޯބާާޒާރުގައި ހުންނަ އިންޑިއަން ކައުންސިލް އޮފް އޯލްޓަނޭޓިވް މެޑިސިން (އައިސީއޭއެމް) ހިމެނެ އެވެ.

ފުލުހުން ބުނާ ގޮތުގައި މި އިންސްޓިޓިއުޝަންސް ތަކަކީ އެއްވެސް ހައިސިއްޔަތެއް ހުރި ތަންތަނެއް ނޫނެވެ. ނަމަވެސް މި ތަންތަނުން އިންޑިއާގެ އެކި ކަންކޮޅުތަކުން އަންނަ މީހުންނަށާއި އެމެރިކާ، އިޓަލީ، ރަޝިޔާ، ސްރީ ލަންކާ، ނޭޕާލް އަދި ބަންގްލަދޭޝްގެ އެތައް ހާސް ބަޔަކަށް ފޭކް ޑިގްރީތައް ދޫކުރެ އެވެ.

މި ކޮލެޖުތަކުން ޑިގްރީތައް ދޫކުރަނީ އެއްވެސް ވަރަށް ކްލާސްތައް ބާއްވައިގެން ކިޔަވައިދިނުމަކާ "ކޮރެސްޕޮންޑެންސް ކޯސްތައް" ހަދައިގެންނެވެ.

އިންޑިއާގެ މެޑިކަލް ކައުންސިލް (އެމްސީއައި)ގެ ދަށުން މެޑިސިން ކިޔަވައިދޭ އިންސްޓިޓިއުޝަންސްތަކަށް ހުއްދަ ދޫކުރެވޭނެ ހުންނަނީ ތިން ރެގިއުލޭޓަރީ ބޮޑީޒް އެކެވެ. އެއީ މޮޑަން މެޑީސިން އަށް (އެމްސީއައި)؛ ސެންޓްރަލް ކައުންސިލް އޮފް އިންޑިއަން މެޑިސިން (ސީސީއައިއެމް) އަދި އޯލްޓަނޭޓިވް މެޑިސިން އަށް ސެންޓްރަލް ކައުންސިލް އޮފް ހޯމިއޯޕަތީ (ސީސީއެޗް) އެވެ.

ނަމަވެސް ބްލެކްލިސްޓް ކޮށްފައިވާ ހަތަރު އިންސްޓިޓިއުޝަނަކުންނާއި އެފަދަ ތަންތަނުން ހޯސްޓްކުރާ ކޮލެޖުތަކުން މެޑިކަލް ޑިގްރީތައް ދޫކޮށްފައި ވެ އެވެ. ހޯވާ ޑިސްޓްރިކްޓްގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ރާމާ ޝަންކަރް ތިވާރީ އޭނާގެ މެޑިކަލް ޑީގްރީ ހޯދާފައިވަނީ ހޯވްރާ ސެންޓްރަލް ކަލްކަތާ މެޑިކަލް ކޮލެޖުން އޮޕަރޭޓްކުރާ ތަނަކުންނެވެ. މި ކޮލެޖުން މިހާތަނަށް 20،000 އަށް ވުރެ ގިނަ ޑިގްރީ ދޫކޮށްފައިވާ ކަމަށް ސީއައިޑީ އޮފިޝަލުން ޝައްކު ކުރެ އެވެ.

ނަމަވެސް މިފަދަ ފޭކް އިންސްޓިޓީއުޝަންސްތަކަށް މިހާ ބޮޑު ކުރިއެރުމެއް ލިބިފައިވާ ގޮތެއް އަދި އޮޅުމެއް ނުފިލަ އެވެ. މިފަދަ ތަންތަނާ ބެހޭ ގޮތުން ސްޓޭޓް މެޑިކަލް ކައުންސިލަށް ހޭވެރިކަން ވީ އަދި ކިރިޔާ އެވެ. މިހާރު އެ ކައުންސިލުން ބުނަނީ އެ ސްޓޭޓްގައި ހުރި މިފަދަ ހުރިހާ ފޭކް ތަންތަނެއް ނައްތާލާނެ އެވެ.