Roadha Mihaaru
ސާފުކޮށް ބޭސްސިޓީ ލިޔަން ދަސްކޮށްދެނީ

ސާފުކޮށް ބޭސްސިޓީ ލިޔަން ދަސްކޮށްދެނީ

09 އޮކްޓޯބަރ 2018

އިންޑިއާގެ ތިން ހޮސްޕިޓަލެއްގެ ޑޮކްޓަރުންތަކެއް ލިޔެދިން ބޭސްސިޓީތަކެއް ކިޔަން ނޭނގުނު މައްސަލައެއް ކޯޓަށް ހުށަހެޅުމުން ކޮންމެ ޑޮކްޓަރަކު 5،000 ރުޕީސް އިން މިދިޔަ މަހު ޖޫރިމަނާކުރި އެވެ. މިކަން ހިނގާފައި ވަނިކޮށް، ބޭސް ސިޓީ ލިޔުމާ ބެހޭ ތަމްރީނުތަކެއް މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޑިއާގެ ޔުނިވަސިޓީތަކުން މިހާރު ވަނީ ދޭން ފަށައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ތިން ހޮސްޕިޓަލެއްގެ ޑޮކްޓަރުންތަކެއް ލިޔެދިން ބޭސްސިޓީތަކެއް ކިޔަން ނޭނގުނު މައްސަލައެއް ކޯޓަށް ހުށަހެޅުމުން ކޮންމެ ޑޮކްޓަރަކު 5،000 ރުޕީސް އިން މިދިޔަ މަހު ޖޫރިމަނާކުރި އެވެ. މިކަން ހިނގާފައި ވަނިކޮށް، ބޭސް ސިޓީ ލިޔުމާ ބެހޭ ތަމްރީނުތަކެއް މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޑިއާގެ ޔުނިވަސިޓީތަކުން މިހާރު ވަނީ ދޭން ފަށައިފަ އެވެ.

މަދިޔަޕްރަދޭޝްގެ މެޑިކަލް ކޮލެޖްގެ އިސް ނެގުމަކަށް ފެށި މި މަސައްކަތާ އެކު، ބޭސް ސިޓީ ލިޔުމުގެ ޓްރޭނިން މިހާރު އަންނަނީ އިންޑޯރްގެ މަހާތުމާ ގާންދީ މެމޯރިއަލް މެޑިކަލް ކޮލެޖް (އެމްޖީއެމް) ގެ މެޑިސިން ކިޔަވާ ދަރިވަރުންނަށް ވެސް ދެމުންނެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޓްރޭނިން ދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ކަމުގެ ތަޖުރިބާކާރު ޑޮކްޓަރުންނެވެ.

އިންޑިއާގެ ބައެއް ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީ ކިޔަން ނޭނގުމަކީ މި ފަހަކަށް އައިސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ބޭސް ގަތުމުގައި މިކަމާ ގުޅިގެން ދަތިތަކާ ކުރިމަތިވެ އެވެ. އެހެންވެ އިންޑިއާގެ ޑޮކްޓަރުން މިހާރަށް ވުރެ ބޮޑަށް އީ-ޕްރިސްކްރިޕްޝަނަށް އަހުލުވެރި ކުރުވަމަކީ ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބައެއް ޑޮކްޓަރުންނަކީ އެންމެ 30 ސިކުންތުގެ ތެރޭގައި ބޭސް ސިޓީ ލިޔެ ނިންމައިލާ ބައެކެވެ. އަދި އެފަދަ ބޭސް ސިޓީތައް ހުންނަނީ ކިޔަން ނޭނގޭހާ ހަޑިކޮށް ކަމަށްވެ އެވެ.

އެމްޖީއެމްގެ ޑީން ޑރ. ޖިއޯތީ ބިންދާލް ވިދާޅުވި ގޮތުގައި އެ ތަނުގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް ދުރާލައި ބޭސް ސިޓީ ލިޔަން ޓްރޭނިން ދޭ އިރު، ކޮންމެ މީހަކަށް ވެސް ކިޔަން އެނގޭނެހެން ރީތިކޮށް ލިޔަން ދަސްކޮށް ދިނުމަކީ އެންމެ މުހިއްމު އެއް ބައެވެ.

"އަދި އަހަރެމެން މި ޓްރޭނިންގެ ތެރޭގައި އެންމެ ރީތިކޮށް ބޭސް ސިޓީ ލިޔާ ދަރިވަރުން ހޮވުމަށް މުބާރާތެއް ވެސް ބާއްވާނަން،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރަކު ބޭސް ސިޓީއެއް ލިޔަނީ.

ޑޮކްޓަރަކު ބޭސް ސިޓީއެއް ލިޔަނީ.

މަދިޔަ ޕްރަދޭޝްގެ މެޑިކަލް ސައިންސް ޔުނިވަސިޓީ (އެމްޕީއެމްއެސްޔޫ) ގެ ވައިސް ޗާންސެލަރު ޑރ. ރަވީޝަންކަރް ޝަރްމާ ވިދާޅުވި ގޮތުގައި ޑޮކްޓަރުން ލިޔެދޭ ބޭސްސިޓީ ކިޔަން ނޭނގެނީ އަވަސް އަރުވާލައިގެން ބޭސް ސިޓީ ލިޔާތީ އެވެ. އެހެންވެ އޭނާ ވަނީ ބޭސްސިޓީ ލިޔަން ޑޮކްޓަރުން މަދުވެގެން ތިން މިނިޓް ނެގުމަށް އިލްތިމާސްކޮށްފަ އެވެ.

"ބޭސް ސިޓީގައި ލިޔެދެނީ ކޮން ބައްޔަކަށް ކަމެއް އަދި ބައްޔާ ބެހޭ އިތުރު މައުލޫމާތެއް ވެސް ހިމެނުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޔުނިއަން ހެލްތު މިނިސްޓްރީން އަލަށް އެކުލަވައިލާ ބޭސް ސިޓީ ލިޔުމާ ބެހޭ ގައިޑްލައިނުގައިވާ ގޮތުން ބޭހުގެ ނަން ފަސޭހަ އިން ކިޔަން އެނގޭ ގޮތަށް ކެޕިޓަލް އަކުރުން ލިއުމާ އެކު ބޭސް ސިޓީގައި ލިޔެދޭ ބޭހުގެ ޖެނެރިކް ނަން ވެސް ހިމަނަން ޖެހޭނެ އެވެ.