ދަރިން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖައްސައި ނުދީ، އެ ކުދިން ދިރިއުޅެމުން ދިޔަ ބިން އެ ކުދިންގެ ބައްޕަ ވިއްކާލާފައި ވަނިކޮށް އެ މުއާމަލާތް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
26 ޖޫން 2016
ދަރިން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖައްސައި ނުދީ، އެ ކުދިން ދިރިއުޅެމުން ދިޔަ ބިން އެ ކުދިންގެ ބައްޕަ ވިއްކާލާފައި ވަނިކޮށް އެ މުއާމަލާތް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
މއ. އެމްޓޭޝަން ކިޔާ ގޯތީގެ އެއް ބައި ނ. ވެލިދޫ މީހަކަށް ވިއްކާލައި، އެ މުއާމަލާތް ސައްހަ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ހުކުމްކޮށްފައި ވަނިކޮށް އެ މުއާމަލާތް މި މަހުގެ 16 ވަނަ ދުވަހު ސުޕްރީމް ކޯޓުން ބާތިލުކުރީ އެ ގޭގެ ވެރި ފަރާތް ކަމަށްވާ މޫސާ ހަލީމްގެ ތިބި 18 އަހަރު ނުފުރޭ ކުދިންގެ ފަރާތުން އެ ކުދިންގެ މަންމަ އެ މައްސަލަ ހުށަހެޅުމުންނެވެ.
އެ ދެ ކުދިންގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ވެސް ހުރެ އެވެ. އެމްޓޭޝަންގެ ގޭގެ އުތުރު ކޮޅުން 747 އަކަފޫޓުގެ ބައެއް 1.8 މިލިއަން ރުފިޔާ އަށް 2011 ވަނަ އަހަރު ވިއްކާލި އިރު ހަލީމްގެ ދެ ކުދިން އެ ކުދިންގެ މަންމައާ އެކު އުޅެމުން ދިޔައީ އެ ބިމުގައި ހުރި އިމާރާތެއްގަ އެވެ.
އެ މުއާމަލާތް ދަށު ކޯޓުގައި ހިނގި އިރު އެ ކުދިންގެ މަންމަގެ ފަރާތުން އެކަން ކޯޓަށް ހުށަހެޅުމުން ކޯޓުން ބުނެފައިވަނީ އެ ބިމުގެ ނުވިއްކާ އޮތް ބައިގައި އެ ކުދިންނަށް އުޅެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ހަލީމު ބުނެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ތެރެ އަށް ވަނުމުގެ ފުރުސަތު ދަށު ކޯޓުން އެ ކުދިންގެ މަންމަ އަށް ދީފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ މީހެއްގެ އަމިއްލަ ބިމެއް ވިއްކޭނީ އެ ތަނެއް ވިއްކާ މީހާ އާއި އޭނާ ޝަރުއީ ގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެެ އެހެން ތަނެއް ހަމަޖެހިފައިވާ ނަމަ ކަމަށް، ބިމާ ބެހޭ ގާނޫނުގައި ބުނެފައިވާއިރު އެކަން ކަށަވަރު ކުރުމަށް ފަހު ނޫނީ ބިން ވިއްކުމުގެ މުއާމަލާތެއް ސައްހަ ކަމަށް ކޯޓުން ނިންމައިގެން ނުވާނެ ކަމަށެވެ.
ހަލީމްގެ ދެ ކުދިން ދިރިއުޅޭނެ ތަނެއް ހަމަޖައްސައިދޭނެ ކަމަށް ހަލީމް ބުނެފައި ވިޔަސް، ދިރިއުޅޭނެ ތަނެއް ހަމަޖައްސާނެ ކަމަށް ވައުދެއް ވުމަކީ ތަނެއް ހަމަޖައްސައި ދިނުން ކަމަށް ނުބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ގާނޫނުގައި އެ ގޮތަށް އޮތުމުގެ މަގްސަދަކީ ވިއްކާ ތަނުގެ ވެރި ފަރާތުން ޝަރުއީ ގޮތުން ބަލަންޖެހޭ މީހުން މަގުމަތިވިޔަ ނުދިނުން ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.
"ދިރިއުޅުމަށްޓަކައި ތަނެއް ހަމަޖެހިފައިވުމަކީ ދިރިއުޅެވޭ ފަދަ ތަނެއް ވާގިއީ ގޮތުން އެއްވެސް ގާނޫނީ އަދި ޝަރުއީ ހުރަހަކާ ނުލައި ވުޖޫދުގައިވުން ކަމާއި. އެއީ ދިރިއުޅުމަށްޓަކައި ތަނެއް ހަމަޖެހިފައި އޮތުމުގެ އިހްތިމާލު އޮތުމެއް ނޫން ކަމާއި،" އެ ހުކުމުގައިވެ އެވެ.
އެމްޓޭޝަން ގޭގެ ނުވިއްކާ އޮތް ބިމުގައި އެ ކުދިންނަށް އުޅެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ހަލީމް ބުނެފައި ވިޔަސް، އެބިން ވިއްކި މުއާމަލާތް ސައްހަ ކަމަށް ދަށު ކޯޓުން ނިންމި ފަހުން، އެ ގޯތީގެ ބާކީ އޮތް ބައި ވެސް ވަނީ އެހެން ބަޔަކަށް ގުދަނެއްގެ ގޮތުގައި ކުއްޔަށް ދީފަ އެވެ. އެހެންވެ އެއީ އެ ކުދިން އުޅޭނެ ތަނެއް ހަމަޖައްސައި ދިނުން ކަމަށް ނުބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.
އެހެންވެ ބިން ވިއްކުމުގެ އެ މުއާމަލާތް ސައްހަ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
ބިން ދޫކުރެވޭނީ ލިޔުމުން އެއްބަސްވުމެއް އޮވެގެން: ކޯޓު
"އިންސާފަށް ހުރި ގާނޫނީ ހުރަސް ހައްލު ކުރެވޭނެ"
އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަން ކުރައްވައިފި
ބަންދު ދުވަސްތަކުގައި ވެސް ކޯޓުގައި ކައިވެނިކޮށްދެނީ
ހުއްދަނެތި ކޯޓުން ނިކުތުމުން ޖަލަށްލި މީހާއަށް މައާފް
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާ ގޮތަށް ހަދައިފި
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭނެ
މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ސުޕްރީމް ކޯޓަށް
މިދިޔަ މަހު 171 ކައިވެނި، 132 މީހުން ވަރި