Roadha Mihaaru

ބިމެއް ދޫކުރެވޭނީ ލިޔުމުން އެގްރިމެންޓް ހެދުމަށް ފަހު: ސުޕްރީމް ކޯޓު

ދިރިއުޅުމަށް ގެދޮރު އަޅަން ދޫކުރާ ބިންތައް ފިޔަވައި އެހެން ބޭނުންތަކަށް ބިން ދޫކުރަންޖެހޭނީ ބިމާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ލިޔުމުން އެއްބަސްވުން ހެދުމަށް ފަހުގައި ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ބިން ދޫކުރެވޭނީ ލިޔުމުން އެއްބަސްވުމެއް އޮވެގެން: ކޯޓު
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

31 އޯގަސްޓް 2016

ދިރިއުޅުމަށް ގެދޮރު އަޅަން ދޫކުރާ ބިންތައް ފިޔަވައި އެހެން ބޭނުންތަކަށް ބިން ދޫކުރަންޖެހޭނީ ބިމާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ލިޔުމުން އެއްބަސްވުން ހެދުމަށް ފަހުގައި ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން އެގޮތަށް ކަނޑައެޅީ ވ. ފުލިދޫގެ އަމިއްލަ ޖަމްއިއްޔާއަކަށް އެރަށުން 2011 ގައި ބިމެއް ދޫކުރި މައްސަލަ އަމިއްލަ ފަރާތަކުން ހުށަހެޅުމުންނެވެ. އެ ބިން ދޫކުރީ ސަރުކާރުގެ ހުއްދަ ހޯދައިގެން ނަމަވެސް އެކަމާ ބެހޭ އެއްވެސް އެއްބަސްވުމެއް އެ ޖަމްއިއްޔާއާ އެކު އެރަށު ކައުންސިލް ހަދައިފައެއް ނުވެ އެވެ.

އެ މައްސަލާގައި ހައި ކޯޓުން ނިންމާފައިވަނީ، އެ ބިން ދިނަސް މައްސަލައެއް ނެތް ކަމަށް ސަރުކާރުން އެރަށު ކައުންސިލަށް އެންގި އެންގުމަކީ އެ ބިން ދޫކުރުމާ ގުޅޭގޮތުން ކައުންސިލާއި ސަރުކާރާ އެކު އެއްބަސްވުމެއް ގާއިމުކުރުން ކަމަށް ބެލެވޭނެ ކަމަށެވެ. އަދި ބިމުގެ ރަޖިސްޓްރީގައި ބަޔާންކުރާ އުސޫލުތަކަކީ ބިމާ ބެހޭ ގާނޫނުގައި ބުނާ އެއްބަސްވުމެއް ކަމަށް ބެލޭނެ ކަމަށް ހައި ކޯޓުން 2013 ގައި ވަނީ ހުކުމްކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ހައި ކޯޓުގެ އެ މާނަކުރުމަކީ ބިމާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ޚިލާފް މާނަކުރުމެއް ކަމަށާއި ދިރިއުޅެން ފިޔަވައި އެހެން ބޭނުމަކު ބިމެއް ދޫކުރާ ނަމަ ލިޔުމަކުން އެގްރިމެންޓެއް އޮންނަންޖެހޭނެ ކަމަށެވެ. އަދި ބިން ދޫކުރާއިރު ބިމުގެ ރަޖިސްޓްރީ ނުވަތަ ބިން ދޫކުރުމުގެ ހުއްދަ ފަދަ ލިޔުންތަކަކީ އެއްބަސްވުމެއް ކަމަށް ނުބެލެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"ބިން ދޫކުރަންވާނީ އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން އިސްތިސްނާ ނުކުރާހާ ހިނދަކު މިނިސްޓްރީއާ ބިން ދޫކުރެވޭ ފަރާތާ ދެމެދު ލިޔުމަކުން ކުރެވޭ އެގްރިމެންޓެއްގެ ދަށުން ކަމާއި، އެ އެގްރިމެންޓަކީ ލިޔުމުން އޮންނަންޖެހޭ ސަރީހަ އެގްރިމެންޓެއް ކަމާއި، އެއީ އެއްވެސް ހާލެއްގައި ޟިމްނީ އެގްރިމެންޓެއް ނޫން،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ދިރިއުޅެން ފިޔަވައި އެހެން ބޭނުންތަކުގައި ބިން ދޫކުރުމާ ބެހޭ ގަވާއިދަށް ބަލާއިރު ވެސް ކައުންސިލްތަކުން ބިން ދޫކުރަން ވާނީ އެގްރިމެންޓެއް ހެދުމަށް ފަހު ކަމަށާއި އެކަމަކު ފުލިދޫ ޖަމްއިއްޔާ އަށް އެ ބިން ދިނީ އެފަދަ އެއްބަސްވުމެއް ނެތި ކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ފުލިދޫ ކައުންސިލުން އެ ބިން ދޫކުރަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން 2014 ގައި އެރަށު ކައުންސިލުން ވަނީ އެ ބިން ދޫކުރަން އެ ކައުންސިިލުން 2011 ގައި ނިންމި ނިންމުން އަމިއްލަ އަށް ބާތިލްކޮށްފަ އެވެ.

އެ ބިން ދޫކުރަން ފުލިދޫ ކައުންސިލުން ނިންމާފައި ވަނިކޮށް، އެ ބިމަކީ ގޮނޑުދޮށާއި 65 ފޫޓަށް ވުރެ ކައިރިން ދޫކޮށްފައިވާ ބިމެއް ކަމަށް ބުނެ އެހެން ތަނަކުން އެ ޖަމްއިއްޔާ އަށް ބިން ދޫކުރަން 2012 ގައި ހައުސިން މިނިސްޓްރީން ވ. އަތޮޅުގެ އަތޮޅު ކައުންސިލަށް އެންގުމުން އެ ކައުންސިލުން އެކަން ފުލިދޫ ކައުންސިލަށް އެންގި އެވެ. އެކަމަކު ފުލިދޫ ކައުންސިލުން އަތޮޅު ކައުންސިލަށް ޖަވާބު ދިނީ އެއީ ރަނގަޅަށް ދޫކުރި ބިމެއް ކަމަށާއި އެހެންވެ ބިން އެތަނުން ދޫކުރާނެ ކަމަށެވެ.

އެ މައްސަލާގައި ފުލިދޫ ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ އެ ބިން ދޫކުރަން ނިންމީ ގާނޫނާއި އެއްގޮތަށް ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ފުލިދޫ ކޯޓާއި ހައި ކޯޓުގެ ނިންމުން ބާތިލްކޮށްފަ އެވެ.