Roadha Mihaaru
މެމްބަރުންގެ ފަހަތުން ދެން ދުވާނެ ކަމެއް ނެތް:އަމީތު

"އާދޭސްކުރަމުން" މެމްބަރުން ފަހަތުން ދުވާނެ ކަމެއް ނެތް، ވަގުތު ފާއިތުވެއްޖެ: އަމީތު

06 ޖުލައި 2017

ޕީޕީއެމްގެ ސަރުކާރުން ކަންކަން ކުރާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން، އެ ޕާޓީއާ ފެއަށް ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވި ކޮންމެ ކަމެއް ކޮށްދޭނެ ކަމަށް ބުނެ އެ މެމްބަރުން ފަހަތުން މިހާރު ދުވުމުގެ ބޭނުމެއް ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ ސަރުކާރުން ކަންކަން ކުރާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން، އެ ޕާޓީއާ ފެއަށް ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވި ކޮންމެ ކަމެއް ކޮށްދޭނެ ކަމަށް ބުނެ އެ މެމްބަރުން ފަހަތުން މިހާރު ދުވުމުގެ ބޭނުމެއް ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުގެ ލީޑަޝިޕުގެ އަމަލުތަކާ މެދު ނުރުހުންވެ، އެ ޕާޓީގެ 10 މެމްބަރަކު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފަ އެވެ. އެ މެމްބަރުންގެ ހުރި ހިޔާލުތަފާތުވުންތައް، ވާހަކަ ދައްކައިގެން ހައްލުކުރަން ރައީސް އަބްދުﷲ ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

މަސީހުގެ މައްސަލާގައި ސޮއި ކުރެއްވި މެމްބަރުން ރާއްޖެއިން ބޭރުގައި ތިއްބެވުމާ އެކު އެ މެމްބަރުންނާ "ނުގުޅިގެން" ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންތަކެއް ރޭ ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ.

މި ދަތުރަށް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ އިހްސާސްތަކާއި ހިތްހަމަޖެހިވަޑައިނުގަތް ކަންކަން އޮޅުންފިލުވަންވީ މިއަދަކު ނޫން ކަމަށެވެ. މެމްބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުގެ ކަންކަމުގައި ރައީސް ޔާމީނާއި ވަޒީރުންނާ ވެސް ބައްދަލުކުރެއްވުމުގެ ފުރުސަތެއް ނޯންނަ ކަމަށާއި އެޕޮއިންޓްމެންޓަށް މެމްބަރުން އެދިވަޑައިގަތަސް އެތައް ފަހަރަކު "އަޅާނުލައި ދޫކޮށްލާފައިވާ" ކަމަށް އަމީތު ވިދާޅުވި އެވެ.

"މެމްބަރުންގެ އިހްސާސްތައް އެނގެންވީ، މެމްބަރުން ތިބި ތަނަކަށް އާދޭސްކުރަމުން ދުވަންވީ މިއަދަކު ނޫން. ލަންކާގައި ތިބި މެމްބަރުންނާ ބައްދަލުކުރަން ލަންކާ އަށް ނޫނީ ބެންކޮކަށް ދިއުމުގެ ބޭނުމެއް ނެތް. ވަގުތު މިހާރު ފާއިތުވެއްޖެ،" އަމީތު ވިދާޅުވި އެވެ.

"މަސީހާ މެދު ހުރި ކަންބޮޑުވުންތައް ވެސް ވަކިވަކިން މެމްބަރުން ވަނީ ރައީސާ ހިއްސާ ކުރައްވާފައި. އެކަމަކު އެއްވެސް ކަހަލަަ އެއްބާރުލުމެއް އަޅާލުމެއް ނުދެއްވި."

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ ލީޑަރުންތައް ޖަލު ގޮޅި އަށް ފައްތައި ކަންކަން ކުރަމުންދާ ގޮތުން، އެއްވެސް މެމްބަރަކަށް ރައްކާތެރިކަމެއް ނެތެވެ. ޕީޕީއެމަށް ނިސްބަތްވާ މެމްބަރުންގެ ވެސް ހާލަތު ހުރީ އެގޮތަށް ކަމަށް އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ 2019 އަށް ރައްޔިތުންގެ މަޖިލީހުގެ ޓިކެޓް ކަށަވަރުކޮށްދެއްވާނެ ކަމަށް ވެސް މެމްބަރުން ގާތުގައި ރައީސް ޔާމީން ވިދާޅުވުގެ ބޭނުމެއް ނެތް ކަމަށެވެ. އެ ދެއްވާ ޓިކެޓް ހިއްޕަަވައިގެން ރައްޔިތުންގެ ގާތަށް މެމްބަރުން ވަޑައިގަތަސް ރައްޔިތުން ބަލައިނުގަންނާނެ ކަަން މާ ރަނގަޅަށް ވެސް މެމްބަރުންނަށް ސާފުވެވައިގަންނަވާ ކަމަށް އަމީތު ވިދާޅުވި އެވެ.

މެމްބަރުންގެ ދާއިރާތަކަށް ބޭނުންވާ ކަންކަމުގައި ވަޒީރުންގެ އެއްބާރުލުން ނުލިބޭ މައްސަލަ އާއި ކޮރަޕްޝަނާއި ނުހައްގުން މީހުން ހައްޔަރުކުރުމާއި އަސާސީހައްގުތައް ނިގުޅައިގަތުން ފަދަ ހަދާ ގޯސްތަކުގައި ސަރުކާރު ޖަވާބުދާރީ ނުކުރެވުމަކީ މެމްބަރުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި އެކަމަށް ވެސް ހައްލު ހޯދައިދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"މިހުރިހާ ކަމެއް މިހެން ހުރިއިރު، ފަސްފަހަތުން ދުވެ އާދޭސްކުރިއަސް މެމްބަރުން ތިބީ މަރުހަބާ ކިޔާގޮތަށް ނޫން،" އަމީތު ވިދާޅުވި އެވެ.

މަސީހާ ދެކޮޅަށް ޕީޕީއެމްގެ އެހާ ގިނަ މެމްބަރުން ސޮއިކުރުމާ އެކު ޕާލަމެންޓްރީ ގްރޫޕް ވަނީ ހޫނުވެފަ އެވެ. އެކި މެމްބަރުންނާއި ސަރުކާރާ ދެމެދު އޮތް ގުޅުން ކުޑަކަމުގެ ޝަކުވާތަކެއް ވައިބާ ގްރޫޕްގައި އިއްޔެ ބަދަލުކުރި އެވެ. އެ ޝަކުވާތައް ކުރައްވަން ފެއްޓެވެމުން ރައީސް އަބްދުﷲ ޔާމީން ވަނީ ގްރޫޕުން އެމަނިކުފާނު ނެރެދެއްވަން އެދިވަޑައިގެންފަ އެވެ. ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ޚިޔާލުތަފާތުވުން ބޮޑުވެ މެމްބަރުންތަކެއް ޕާޓީ ދޫކުރައްވާ ހިސާބަށް ދިޔައީ، އެ މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ދާއިރާތަކުގެ ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވި ކަންކަމަށް ސަރުކާރު ތެރެއިން އަޅާނުލައި ފަރުވާކުޑަކުރުމުންނެވެ. އެެ މައްސަލަތައް ހައްލުކުރަން މިހާރު ވަނީ ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ދެ ކޮމެޓީއެއް ވެސް އުފައްދައިފަ އެވެ.