Roadha Mihaaru
29 މެމްބަރުންގެ ސޮޔާއެކު ޖަލްސާ ބާއްވަން ހުށަހަޅަނީ

29 މެމްބަރުންގެ ސޮޔާއެކު ޖަލްސާ ބާއްވަން ހުށަހަޅާނަން: އެމްޑީޕީ

19 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި 29 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި 29 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީން މިގޮތަށް މި ބުނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކި ކުރުމުގެ ވޯޓު ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެފައި ވަނިކޮށެވެ. އަދި ޕީޕީއެމްގެ ހަތަރު މެމްބަރަކު ޕާޓީން ވަކިވިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށާއި މަޖިލީހުގެ ޖަލްސާތައް ފަށާނީ ގޮނޑި ގެއްލުނު މެމްބަރުންގެ ބަދަލުގައި އާ މެމްބަރުން އިންތިހާބުކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ދުވަހަކާއި ގަޑިއެއް ރައީސް ޔާމީނަށް ނޭންގެވޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް. - ފޮޓޯ: މިހާރު

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް. - ފޮޓޯ: މިހާރު

ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް ރާއްޖޭގައި އޮންނަ އިރު، ޖަލްސާތައް ބާއްވާނެ ގޮތްތައް މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ކަމަށާއި އެއްވެސް ބޭފުޅަކަށް އެއް ބާރު، އަނެއް ބާރަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި މެމްބަރުންގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު ދީފައި އޮތީ ސުޕްރީމް ކޯޓަށް ކަމަށާއި އެއީ ރައީސަށް ލިބިގެންވާ ބާރެއް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި ބުނެފައިވަނީ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގެ ކިބައިގައި ހަމަވޭތޯ ނުވަތަ މެމްބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެމްބަރު ކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ހިލާފެއް އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

"އެއްވެސް މެމްބަރެއްގެ ގޮނޑިއާ ދޭތެރޭ ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން. އެއްވެސް މެމްބަރެއްގެ ގޮނޑިއެއް ގެއްލިއްޖެ ކަމަކަށް ނުނިންމޭނެ ސަރުކާރަށާއި ސިޔާސީ ޕާޓީއަކަށް،" އިބޫ ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ ސައުދު ހުސައިން އަދި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު ވަކިވިކަން ކަމާ ބެހޭ މުއައްސަސާތަކަށް އަންގާފައިވާ ކަމަށްވެ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް މަސީހް. - ފޮޓޯ: މިހާރު

ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް މަސީހް. - ފޮޓޯ: މިހާރު

ވަހީދާއި އަމީތު އަދި ސައުދު ވަނީ މީގެ ކުރިން އެ ޕާޓީން ވަކިކޮށްފަ އެވެ. ލަތީފަކީ ޕީޕީއެމުން އަމިއްލަ އަށް ވަކިވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި ލަތީފް މަޖިލިހަށް ހޮވިވަޑައިގަތީ ވެސް އަނެއް ތިން ބޭފުޅުންނާ ޚިލާފަށް މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ. އޭނާ ޕީޕީއެމަށް ސޮއިކުރެއްވީ އޭގެ ފަހުންނެވެ. މި ހަތަރު މެމްބަރުން ވެސް ޕާޓީން ވަކިވިކަން އަދި މިހާތަނަށް މަޖިލީހުން އިއުލާނެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރި ހުކުމުގައި، އަމިއްލަ ގޮތުން މަޖިލީހަށް ހޮވޭ މެމްބަރުންގެ ވާހަކައެއް ބުނެފައެއް ނެތެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމަަށް ފަހު، އިތުރަށް ކަންކަން ސާފު ކޮށްދިނުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ އެއީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށެވެ.

އިބޫ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް، އެ ހަތަރު މެމްބަރުންގެ މައްޗަށް ހިނގާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންވެ، ރައީސް ދެއްކެވީ ގާނޫނީ ބުރަދަނެއް ނެތް ވާހަކަފުޅެއް ކަމަށް އިބޫ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި ރައީސް ޔާމީނަކީ ވޯޓަކާ ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ވޯޓަކަށް ނުގޮސް ކަންކަން ކުރައްވަން (ރައީސް) އެ މަސައްކަތް ކުރައްވަނީ. އެއީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ވެސް ފެށިގެން އައީ އެގޮތަށް،" އިބޫ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ މަޖިލީހުގެ ޗުއްޓީ ތެރޭގައި ނުވަތަ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، ލިޔުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާތައް ބާއްވަން ވާނެ ކަމަށެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާ އަންނަ ހަފުތާގެ ހޯމަ ދުވަހު ނުބާއްވާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އެ ޖަލްސާގައި ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅުމަށް މާދަމާ ބާއްވަން އޮތް އާންމު ކޮމެޓީ ވެސް މަޖިލިހުގެ އިދާރާ އިން ދެންމެ ވަނީ ކުއްލި ގޮތަކަށް ކެންސަލްކޮށްފަ އެވެ.

މަސީހު ވަކިކުރުމުގެ މައްސަލަ ހުށަހެޅި މެމްބަރުންގެ އަދަދު 42 އަށް ވުރެ ދަށް ވާނެ ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވި ކަމަށް "މިހާރު" އާ މައުލޫމާތު ހިއްސާ ކުރެއްވި ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ. އެހެންކަމުން މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލު ވާނެ ކަމަށް ރައީސް ގަބޫލު ކުރައްވަ އެވެ. މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 45 މެމްބަރުންގެ ސޮޔާއެކުގަ އެވެ.