Roadha Mihaaru
ގަތަރާ ދެކޮޅަށް ސައުދީން އާ ފިޔަވަޅުތައް އަޅަނީ

ގަތަރާ ދެކޮޅަށް ސައުދީ ކޯލީޝަނުން އާ ފިޔަވަޅުތައް އަޅަނީ

07 ޖުލައި 2017

ރިޔާޒް (ޖުލައި 8) - ގަތަރަށް ކުރިމަތި ކުރި ޝަރުތުތައް އެ ގައުމުން ގަބޫލް ނުކުރުމާ އެކު އާ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ސައުދީ ކޯލީޝަނުގައި ހިމެނޭ ހަތަރު ގައުމުން ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ޖުލައި 8) - ގަތަރަށް ކުރިމަތި ކުރި ޝަރުތުތައް އެ ގައުމުން ގަބޫލް ނުކުރުމާ އެކު އާ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ސައުދީ ކޯލީޝަނުގައި ހިމެނޭ ހަތަރު ގައުމުން ދީފި އެވެ.

ސައުދީ، ބަހުރޭން، ޔޫއޭއީ އަދި މިސްރުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޝަރުތުތައް ގަތަރުން ގަބޫލް ނުކުރުމަކީ ސަރަހައްދުގެ ސަލާމަތަށް އެ ގައުމުން ނުރައްކާ ކުރުން ކަމަށެވެ.

މި ހަތަރު ގައުމާ އެނޫން ވެސް ބައެއް ގައުމުތަކުން ގަތަރާ މިދިޔަ މަހު ގުޅުން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެ ހަތަރު ގައުމުގެ އެއްގަމާއި ވައިގެ ސަރަހައްދު ގަތަރަށް ބަންދު ކުރުން ހިމެނެ އެވެ. ނަތީޖާއެއްގެ ގޮތުން ގަތަރު އެއާވޭސް އިން އެ ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓާލަން ޖެހި އަދި ގަތަރަށް އެ ގައުމުތަކުން މުދާ އެތެރެ ކުރުން ހުއްޓުނެވެ.

މި ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން ގަތަރަށް ވަނީ 13 ޝަރުތެއް ކުރިމަތިކޮށްފަ އެވެ. ނަމަވެސް ގަތަރުން ވަނީ އެއީ އަމަލީ ގޮތުން ކުރެވޭނެ ކަންތައް ނޫން ކަމަށް ބުނެ އެ ޑިމާންޑްތަކަށް ދެކޮޅު ހަދައިފަ އެވެ.

ގަތަރާ ދެކޮޅަށް އަޅާނެ އާ ފިޔަވަޅުތަކުގެ ތަފްސީލް ނުދެ އެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު އަބްދުއްރަހުމާން އަލް ސާނީ ވިދާޅުވެފައި ވަނީ ގަތަރާ ގުޅުން ކަނޑާލުމަކީ އެ ގައުމުގެ ހިސާރުކޮށް އަރައިގަތުން ކަމަށެވެ. އަދި ގަތަރުން ދެބަސްވުމުގެ ޖަވާބަކަށް ވާން ޖެހޭނީ އިތުރަށް ދަތި ކުރުން ނޫން ކަމަށާއި އެއީ މަޝްވަރާގެ އުސޫލުން ދާން ޖެހޭނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ މެދުއިރުމަތީގެ ކުޑަ ގައުމުގެ 2.7 މިލިއަން މީހުންގެ އަސާސީ ގިނަ ތަކެއްޗަކީ އިމްޕޯޓް ކުރާ އެއްޗިއްސެވެ. ގަލްފުގެ ބައެއް ގައުމުތަކުން ގުޅުން ކަނޑާލުމުން ގަތަރަށް ގިނަ ތަކެތި މިހާރު އެތެރެ ކުރަނީ އީރާާނާއި ތުރުކީންނެވެ.