Roadha Mihaaru
"ގުޅުން ކަނޑާލުން ގާނޫނާ ޚިލާފުކަން އދ.ގެ ރިޕޯޓުން އެނގޭ"

ގުޅުން ކަނޑާލުން ގާނޫނާ ޚިލާފުކަން އދ.ގެ ރިޕޯޓުން އެނގޭ: ގަތަރު

09 ޖެނުއަރީ 2018

ދޯހާ (ޖެނުއަރީ 9) - ގަލްފުގެ ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް އދ.ގެ ރިޕޯޓުން އެނގޭ ކަމަށް ގަތަރުގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޓީ (އެންއެޗްސީއާރް)ގެ ޗެއާމަން އަލީ ބިން ސްމައިޚް އަލް މައްރީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ ސަބަބެއް އޮވެގެން ނޫން ކަމަށާއި އެކަމުގެ ސަބަބުން ސަރަހައްދުގެ ގައުމުތަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އދ.ގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ކަމަށް މައްރީ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ސައުދީ އަރަބިއާ އާއި ބަހުރޭން، ޔޫއޭއީ އަދި މިސްރުން ގަތަރާ ގުޅުން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން އެކަން ދޮގު ކުރެ އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާގެ އޮފީހުގެ މަންދޫބުން މިދިޔަ ނޮވެމްބަރު މަހު ވަނީ ގަތަރަށް ދަތުރުކޮށް ސަރުކާރާއި ސިވިލް ސޮސައިޓީ ޖަމާއަތްތަކާ ބައްދަލުކޮށްފަ އެވެ. އެ ދަތުރަށް ފަހު އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގެ ކޮޕީއެއް ވަނީ ގަތަރުގެ އެންއެޗްސީއާރް އަށް ފޮނުވައިފަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މައްރީ އިއްޔެ ވިދާޅުވީ ގަތަރަށް ދަތިކުރަން އެޅި ފިޔަވަޅުތައް ގާނޫނުތަކާ ޚިލާފުކަން އދ. ގެ ރިޕޯޓުން އެނގޭ ކަމަށެވެ.

ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ކުށްވެރިކޮށްފަ އެވެ. އަދި އެ ފިޔަވަޅުތަކުން ގަތަރު ސަރުކާރަށް ލިބޭ ގެއްލުމުގެ އިތުރުން ގަތަރުގެ ރައްޔިތުންނަށް ވެސް ދަނީ ގެއްލުންތައް ލިބެމުން ކަމަށް ބުނެފައިވެ އެވެ.