Roadha Mihaaru
އޭޖީ އާއި ސިފައިންގެ ޗީފަކީ ސިޔާސީ ވިޕެއް ނޫން:ޖަަމީލް

ބަންޑާރަ ނައިބާއި ޗީފް އޮފް ޑިފެންސް ފޯސް އަކީ ސިޔާސީ ވިޕަކަށް ވެގެން ނުވާނެ: ޖަމީލް

07 ޖުލައި 2017

ސަރުކާރަށް ނުވެގެން އުޅޭ ކަންކަން ކޮށްދީ، ކަންކަން ހަމައަކަށް އެޅުވުމަށް ހުންނަ ސަރުކާރުގެ ޗީފް ވިޕަކަށް، ދައުލަތުގެ ބަންޑާރަ ނައިބާއި ޗީފް އޮފް ޑިފެންސް ފޯސް ވެގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސަރުކާރަށް ނުވެގެން އުޅޭ ކަންކަން ކޮށްދީ، ކަންކަން ހަމައަކަށް އެޅުވުމަށް ހުންނަ ސަރުކާރުގެ ޗީފް ވިޕަކަށް، ދައުލަތުގެ ބަންޑާރަ ނައިބާއި ޗީފް އޮފް ޑިފެންސް ފޯސް ވެގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ރޭ ދަންވަރުު ސުޕްރީމް ކޯޓަށް ވަދެވަޑައިގެންނެވި ކަމަށް އަޑު ފެތުރިފައިވާތީ އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ އެފަދަ ވަގުތެއްގައި އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުން ފެނުމަކީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމުގެ ހެއްކެއް ކަމަށެވެ. އެހެންވެ، އަނިލް އާއި ޝިޔާމް ވެސް މަގާމުން އިސްތިއުފާ ދެއްވަން ޖަމީލް ގޮވާލެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، އެ މައްސަލައިގެ ލިޔުމުގައި ވެރިކަންކުރާ ޕީޕީއެމްގެ 10 މެމްބަރަކު ވަނީ ސޮއިކުރައްވައިފަ އެވެ. އަދި ހަމަ މި ދަނޑިވަޅާ ދިމާކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ ވަގުތު ހުރި ޕާޓީން ވަކިވިޔަސް ނުވަތަ ޕާޓީގެ ވިޕްލައިނާ ޚިލާފު ވިޔަސް މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް.---މިހާރު ފައިލް ފޮޓޯ

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް.---މިހާރު ފައިލް ފޮޓޯ

ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެ މަގާމުން ވަކިވާނެ ގޮތް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ޝަރުތެއް ނުހިމެނެ އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ސިޔާސީ މިފަދަ ހަލަބޮލި ދުވަސްވަރެއްގައި ބަންޑާރަ ނައިބާއި ސިފައިންގެ ޗީފް ނުވަގުތެއްގައި ސުޕްރީމް ކޯޓުން ފެނުމަކީ ޝަރުއީ ދާއިރާ އަށް ބިރުދައްކައި ނުފޫޒު ފޯރުވުން ކަމަށް ބެލެވިދާނެ ކަމެކެވެ.

އަނިލް އާއި ޝިޔާމް ރޭ ދަންވަރު ސުޕްރީމް ކޯޓަށް ވަދެވަޑައިގެންނެވި ކަމަށް ބުނާ މައްސަލާގައި، އެ ދެ ބޭފުޅުންގެ ބަހެއް، ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް ސިފައިންގެ ތަރުޖަމާން އާޒިމް މިއަދު ވިދާޅުވީ ޝިޔާމް ސުޕްރީމް ކޯޓަށް ވަދެވަޑައިގެންނެވި ކަން އޭނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެއީ ދޮގެއް ކަމެއް ނުވަތަ ތެދެއް ކަމަކަށް ވެސް ވިދާޅެއް ނުވެ އެވެ.

ޖަމީލް ވިދާޅުވީ އަނިލް އަކީ ދައުލަތުގެ ބަންޑާރަ ނައިބު ނަމަވެސް އޭނާ މިހާރަކަށް އައިސް ގިނައިން ފެންނަނީ ސަރުކާރުގެ އިސް ބޭފުޅުންނާ އެކު، ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާ ތަން ކަމަށެވެ. އެކަމަކު އެއީ ކަނޑައަޅާ އުގޫބާތްތަކާއި ހުކުމްތައް ތަންފީޒުު ކުރަން ހުންނަ "ޖައްލާދެއް" ނޫން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން، ކުރީގެ ނައިބު ރައީސް ޖަމީލާ ސަލާމް ކުރައްވަނީ: ދައުލަތުގެ ބަންޑާރަ ނައިބު އަނިލް ފަހަކަށް އައިސް ސިޔާސީ ގިނަ ހަރަކާތްތަކުން ފެންނާނީ ޖަމީލް ފާޑުވިދާޅުވި.---ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން، ކުރީގެ ނައިބު ރައީސް ޖަމީލާ ސަލާމް ކުރައްވަނީ: ދައުލަތުގެ ބަންޑާރަ ނައިބު އަނިލް ފަހަކަށް އައިސް ސިޔާސީ ގިނަ ހަރަކާތްތަކުން ފެންނާނީ ޖަމީލް ފާޑުވިދާޅުވި.---ފައިލް ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑަށް ވެސް އެނގޭ އަނިލް އަކީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްކަން. އެކަމަކު އެ ބޭފުޅާގެ ޒިންމާއަކީ ގާނޫނު ނެގެހެއްޓުމާއި ރައްޔިތުންގެ އާއްމު މަންފާ އަށް މަސައްކަތް ކުރުން. އެކަމަކު ލިބޭ ޚަބަރުތަކަށް ބަލާއިރު އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރުގެ އިސް ވިޕެއްގެ ގޮތުގައި މީހުން ހަމަޔަކަށް އެޅުވުމާއި ނަސޭހަތްތެރިވާން [އަނިލް] އުޅުއްވާ ތަން،" މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ޖަމީލް ވިދާޅުވި އެވެ.

ކުރިން ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޖަމީލު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި އެހެން މުއައްސާތަކާ، ފުލުހުންނާއި ސިފައިންގެ ދައުރު ވަރަށް ތަފާތެވެ. އެގޮތުން އެ ދެ ފަރާތަށް ވެސް ސިޔާސީ ކަންކަމުގައި ބައިވެރި ނުވެވޭއިރު އެއްވެސް މުއައްސަސާއަކަށް ޝަރުއީ ދާއިރާ އަށް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވޭނެކަން ގާނޫނުއަސާސީގައި އޮންނަކަން ފާހަގަކުރެއްވި އެވެ.

ސަރުކާރު ދިފާއު ކުރުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން މުލީއާގޭގައި ބޭއްވި ނިއުސް ބްރީފިންއެއްގައި އޭޖީ އަނިލް (ވ) ބައިވެރިވެވަޑައިގަންނަވަނީ: އަނިލް އާއި ސިފައިންގެ ޗީފް ޝިޔާމް ރޭ ދަންވަރު ސުޕްރީމް ކޯޓަށް ވަދެވަޑައިގެންނެވި ކަމަށް ބުނާ މައްސަލަ ވަނީ ހޫނުވެފައި.---މިހާރު ފައިލް ފޮޓޯ

"އެހެން އެއްވެސް ގައުމެއްގައި ނޯންނަ އެފަދަ ނިންމުމެއް [ރާއްޖޭގެ] ގާނޫނުއަސާސީގައި ލިޔެފައި އެ އޮންނަނީ ތާރީޚުގެ މައްޗަށް ބިނާކޮށް، މާޒީގައި އެކަމުގެ ބިރު ފެނިފައި އޮތީމާ. ސިފައިންނާއި ފުލުހުންނަށް އަދި ސަރުކާރު ނުވަތަ މަޖިލިސް މެމްބަރަކަށް ވެސް ޝަރުއީ ދާއިރާ އަށް ނުފޫޒެއް ނުފޯރުވޭނެ. ގާނޫނުއަސާސީގައި އެކަމަށް އިންފާރުތަކެއް އެ ވަނީ ކަނޑައަޅާފައި،" ޖަމީލު ވިދާޅުވި އެވެ.