Roadha Mihaaru
ކޯޓުތަކުން ކުރަނީ ނަޖިސް ހުކުމްތައް: ޖަމީލް

ކޯޓުތަކުން ކުރަނީ ނަޖިސް ހުކުމްތައް: ޖަމީލް

03 ސެޕްޓެމްބަރ 2021

ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި އެކަމުގެ ސަބަބުން ކޯޓުތަން މިހާރު ކުރަނީ ނަޖިސް ހުކުމްތަކެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި އެކަމުގެ ސަބަބުން ކޯޓުތަން މިހާރު ކުރަނީ ނަޖިސް ހުކުމްތަކެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާނިވަލުގައި "އައްޑަނަ" ނަމުގައި ބޭއްވި ޖަލްސާގައިި ޖަމީލް ވިދާޅުވީ ޝަރުއީ ނިޒާމު މިނިވަންކުރާނެ ކަމަށް މި ސަރުކާރުން ވައުދު ވިޔަސް، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމުގެ ސަބަބުން ކޯޓުތަކުގެ ހުކުމްތައް މިހާރު ނަޖިސްވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މިހާރު ކޯޓުތަކުން ކުރާ ހުކުމްތައް ދަނީ މާލޭގެ ޖަންކްޝަންތަކަށް ކަމަށާއި އޭގެ ނުބައި ވަސް މުޅި ގައުމަށް ފެތުރިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ސަރުކާރުން ކުރި މަސައްކަތުން މުޅި ރާއްޖެއަށް މި ވަނީ ޝަރުއީ ކޯޓުތަކުގެ ނަޖިސް ވަސް ފެތުރިފައި،" މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮންޓްރޯލް އޮތީ އެންމެ ލޯފާމެއްގެ އަތުގައި ކަމަށެވެ. އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިނާއި ބަންޑާރަ ނައިބާއި ޕްރޮސެކިއުޓާ ޖެނެރަލަކީ ގުޅުން އޮންނަ ބޭފުޅުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާނިވަލުގައި "އައްޑަނަ" ނަމުގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާނިވަލުގައި "އައްޑަނަ" ނަމުގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"އެމްޑީޕީން މިފަހަރު ވެރިކަމަށް އައިސްފައި އެންމެ މޮޅަށް ކުރި ކަމަކީ ދިވެހިރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ނިޒާމު ޕްރައިވެޓައިޒް ކޮށްލުން. ހިސާނު އެންޑް ކޯއަށް ދިވެހި ރާއްޖޭގެ ގާނޫނީ އަދި ޝަރުއީ ނިޒާމު ޕްރައިވެޓައިޒްވެ ނިމިއްޖެ،" ޖޭއެސްސީގެ ރައީސް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން އުފެއްދެވި ލޯފާމަށް އިޝާރާތްކުރައްވަމުން ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މި ސަރުކާރުގެ އިސް އެތައް ވެރިންނެއްގެ މައްޗަށް ކޮރަޕްޝަނާއި އިތުރު ތުހުމަތުތައް ކުރެވޭއިރު ވެސް އެއިން އެއްވެސް ކަމެއް ނުބެލޭ ކަމަށެވެ. އަދި ބޮޑެތި ކުށްތައް ސާބިތުވެގެން ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް މަނީ ލޯންޑަރިންގެ މައްސަލާގައި ހެކިބަސް ދިނީ ޚާއްސަ އިނާޔަތްތަކެއް އޭނާއަށް ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ އެމްޑީޕީން ބުނާ އިންސާފުވެރި ނިޒާމުތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ހެކިބަސް ދީ ނިމުނީމަ އެބަޔަކު ބޭނުންވާ ވައްތަރެއްގެ މެޝިނެއް ގުޅައިދިނީ. އެއް ބަޔަކު ނިދާ މެޝިނެއް. އަނެއް ބަޔަކު ޓެރަރިޒަމް އުފައްދާ މެޝިން،" ކުރީގެ ނައިބު ރައީސް އަދީބަށް އިޝާރާތް ކުރައްވައި، ޖަމީލް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި އެ މަނިކުފާނުގެ ސަޕޯޓަރުން އަޑުއުފުލަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި އެ މަނިކުފާނުގެ ސަޕޯޓަރުން އަޑުއުފުލަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޖަމީލް ވިދާޅުވީ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށާއި އެހެންވެ، އިންސާފުގެ ވާހަކަ އެމްޑީޕީން ދެން ދައްކައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިހާރު ސުޕްރީމް ކޯޓުގައި އެ މަނިކުފާނުުގެ އިސްތިއުނާފްގެ މައްސަލަ ނިމިގެން ދާއިރު، ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ލިސްޓުގައި އެކަކަށް ވެސް ދޭކަށް ވެސް އަދި 100 އަށް ވެސް އޮންނާނީ ރައީސް ޔާމީންގެ ނަންފުޅު،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކަމަކީ ގައުމުގެ ހަރު މުދާތައް ވިއްކުން ކަމަށާއި ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ނުހިންގޭ ކަމަށެވެ. އެމްޑީޕީ އަކީ "ހުސްކުރާ ސޭލް" އަޅުވާ ޕާޓީ ކަމަށް ވިދާޅުވެ މި ސަރުކާރުން ރަށްތަކާއި ފަޅުތަކާއި ސްކޫލްތައް ވެސް ވިއްކައިފި ކަމަށް ވިދާޅުވި އެވެ.