Roadha Mihaaru
ގޮނޑި ގެއްލޭނެ އިތުރު ހާލަތެއް ނުގެނެވޭނެ: ނަޝީދު

ގާނޫނުއަސާސީ ބަދަލުނުކޮށް މެމްބަރުންގެ ގޮނޑި ގެއްލުވައެއް ނުލެވޭނެ: ނަޝީދު

12 ޖުލައި 2017

ގާނޫނުއަސާސީ ބަދަލުނުކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލެވޭނެ އިތުރު ހާލަތެއް ކުރިމަތި ނުކުރެވޭނެ ކަމަަށް ގާނޫނީ ވަކީލު އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީ ބަދަލުނުކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލެވޭނެ އިތުރު ހާލަތެއް ކުރިމަތި ނުކުރެވޭނެ ކަމަަށް ގާނޫނީ ވަކީލު އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭއިރު، ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނަޝީދު އޭނާގެ ބްލޮގްގައި ވިދާޅުވީ، މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތު ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހަތަރު ހާލަތު ކަނޑައެޅިގެން ބަޔާންކޮށްފައިވަނިކޮށް، އޭގެ ތެރެއަށް އެހެން ހާލަތެއް، ގާނޫނުއަސާސީގެ އެ މާއްދާ އަށް ބަދަލެއް ނުގެނެސް، އިތުރުކުރެވިދާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"ދައުރެއްގެ މެދުތެރެއިން، ވޯޓެއްގެ ނޯޓިސް ހިނގަހިނގާ އޮއްވައި، ކޯޓަކުން ނެރެން އެދޭ ޙުކުމަކުން، ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި މަޖިލިހަށް ފޮނުވާފައިވާ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ އާ ސަބަބެއް ނުވަތަ ޙާލަތެއް އުފަން ކުރުވިދާނެ ކަމަކަށް ހަމަ އެއްގޮތަކަށް ވެސް ނުފެނެ އެވެ،" ސިޔާސީ އަދި ގާނޫނީ ތަފާތު ބޮޑެތި މައްސަލަތައް ފަހަކަށް އައިސް ކުރިމަތިވިއިރު، ހިމޭނުން ހުންނެވި ނަޝީދު ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލުވާލެވޭނީ ގާނޫނުއަސާސީ އަށް ބަދަލު ގެނެސް، ކަމާ ގުޅުން ހުރި މާއްދާތައް ދެން އަންނަ އިންތިޚާބަކުން ހިނގާ ގޮތަށް ހެދުމުން ކަމަށެވެ. އަދި ދައުރުގެ ތެރޭގައި ގޮނޑި ބަދަލުކޮށްފިނަމަ، އެ މެމްބަރެއްގެ އިންތިޚާބީ ހައިސިއްޔަތު ދައުރުގެ ބާކީ އޮތް މުއްދަތަށް ދަމަހައްޓަން ފެނޭތޯ ބެލުމަށް އެދާއިރާއެއްގެ މީހުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ފާހަގަކުއްވި ގޮތުގައި އެ ނޫން ގޮތަކަށް އެކަން ކުރެވޭނެ ކަމަކަށް އޭނާ އަށް ފެނިވަޑައެއް ނުގަންނަވަ އެވެ.

"މެޗު ކުޅެމުންދަނިކޮށް ގަވާއިދު ބަދަލުކުރުމަކީ ކުރެވިދާނެ ކަމަކަށް އަމުދުން ނުދެކެމެވެ،" ޕާޓީ ބަދަލުކޮށްފި ނަމަ، މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ވަޑައިގެން އެކަމަށް ވަކާލާތު ކުރެއްވި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާ ގުޅިވަޑައިގެން "ނަޝީދު، އަނިލް އެންޑް ކޯ" ގެ ނަމުގައި ލޯ ފާމެއް ކުރިން ހިންގެވި ނަޝީދު ވިދާޅުވި އެވެ.

އެ ލޯ ފާމް މިހާރު ވެސް ނަޝީދު ހިންގަވަ އެވެ. އެކަމަކު އަނިލްގެ ހިއްސާ ނޯންނަ ކަމަށްވެ އެވެ.

ނަޝީދު ވިދާޅުވީ، ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބުނެފައިވާއިރު، ރައްޔިތުންގެ މަސްލަހަތަށް ވުރެ ޕާޓީލައިން އިސްވަނީ ކޮން ގޮތަކަށް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަދި، ވޯޓު ދޭގޮތަކުން ނުވަތަ ފާޅުކުރާ ޚިޔާލަކުން، ތަޙްޤީޤެއް ހިންގައި ދަޢުވާއެއްކޮށް ބަންދެއްކޮށް ހައްޔަރެއްކޮށް ހަދައިގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ބުނެ އެވެ. މި ރައްކާތެރިކަން މިގޮތަށް އޮއްވައި، ވިޕްލައިނަކާ ޚިލާފަށް ވޯޓެއް ދީގެން ޕާޓީން ކަނޑާލުމަކީ، ނުވަތަ އިންތިޚާބުވި ޕާޓީ ދޫކޮށްލުމަކީ، އިންތިޚާބު ކޮށްފައިވާ މެންބަރެއްގެ ރަސްމީ ވަޒީފާ އަށް އަސަރެއް ކުރާ ގޮތަށް އޭނާގެ އިންތިޚާބީ ގޮނޑި ގެއްލުވާލެވިދާނެ ސަބަބަކަށް ވާނެގޮތެއް ނޭނގެ އެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ގާނޫނުއަސާސީގައި ސިޔާސީ ޕާޓީގެ ދައުރު މާބޮޑަކަށް ބަޔާން ކޮށްފައެއް ނުވެ އެެވެ. އަދި އެކަން ބަޔާންކޮށްފައި އޮންނަނީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގައި އެކަނި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމާ ގުޅޭ އިތުރު ވާހަކަތަކެއް ނޯވެ އެވެ.

"އަދި، ރައްޔިތުން ވޯޓުދެނީ، ޕާޓީ ލިސްޓަކަށް ނުވަތަ ވަކި ޕާޓީއެއް ތަމްސީލުކުރަން ކަމަށް ދޭހަވާ އެއްވެސް މާއްދާއެއް ޤާނޫނުއަސާސީއަކު ނެތެވެ. އަދި ކީއްތޯ އެވެ. އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނަނީ، ރައްޔިތުން މިނިވަންކަމާއެކު އިޚްތިޔާރުކުރާ މެންބަރުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގަން ބައިވެރިވެވޭނެ ކަމަށާއި، ކޮންމެ މީހަކަށް ވެސް އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ،" ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރު ނަޝީދު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އަށް އިތުރު ބާރެއް ދެނީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ނަޝީދު ވިދާޅުވި ގޮތުގައި، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަންދީގެން މަސައްކަތް ކުރަންޖެހޭނެ އެވެ.

"އަދި، މެންބަރުންގެ އިންތިޚާބީ ދާއިރާތައް ތަމްސީލު ކުރުމުގައި، މުޅި ޤައުމާއި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ރިޢާޔަތް ކުރަންވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެ އެވެ. މިއީ ޕާޓީގެ ފިކުރާއި ޕާޓީލައިން ހިފަހައްޓަން ލާޒިމުވާނަމަ، ކުރެވޭނެ ކަމެއް ނޫނެވެ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވަނީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވުމަށް ފަހު، އެ ޕާޓީއެއްގެ ޓިކެޓު ދޫކޮށްލުމަށް މެދުވެރިވާ ބައެއް ސަބަބުތައް ވެސް ބަޔާންކޮށްފަ އެވެ.

ނަޝީދު ވަނީ، ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި، ބަރުލަމާނީ އުސޫލުތައް ތައާރުފުކުރަން އުޅުމަކީ، ކޮންކަހަލަ ކަމެއްތޯ ވެސް ސުވާލު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބައެއް ގައުމުތަކުގައި ކަނޑައަޅާފައި ވަނީ ވެސް ގާނޫނުއަސާސީގައި ހިމަނައި، އެއަށް ތަފްސީލު ގާނޫނުތައް ހަދައިގެންނެވެ.