Roadha Mihaaru
އަޅުގަނޑުމެން "ހައިޖެކެއް" ނުކުރެވޭނެ: މެމްބަރުން

ޕާޓީގައި އަޅުގަނޑުމެން "ހައިޖެކެއް" ނުކުރެވޭނެ، މިވެސް ގާނޫނާ ޚިލާފުވުން: މެމްބަރުން

12 ޖުލައި 2017

ވެރިކަން ކުރާ ޕީޕީއެމުން ވަކިކޮށްދިނުމަށް، ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީ ތަމްސީލުކުރި 10 މެމްބަރަކު އެދުމުން އެކަމާ ދެކޮޅު ހަދައި އެ މެމްބަރުން ޕީޕީއެމްގައި "ހައިޖެކް" ކުރަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަމަށް އެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަން ކުރާ ޕީޕީއެމުން ވަކިކޮށްދިނުމަށް، ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީ ތަމްސީލުކުރި 10 މެމްބަރަކު އެދުމުން އެކަމާ ދެކޮޅު ހަދައި އެ މެމްބަރުން ޕީޕީއެމްގައި "ހައިޖެކް" ކުރަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަމަށް އެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވުމަށް ފަހު، ޕީޕީއެމުން ވަކިވާން ހުށަހެޅުއްވި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގާއި ތިމަރަފުށި ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އެވެ.

މި މެމްބަރުން ޕާޓީން ވަކިވާން އެދިވަޑައިގަތީ މަޖިލީހުގެ ރައީސް މަސީހުގެ މަގާމު ދިފާއުކަރަން ސަރުކާރުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ. ކޯޓަށް ހުށަހެޅީ، އެ މެމްބަރަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދޭށެވެ. މިއީ ގާނޫނާ ޚިލާފަށް ވެއްދި މައްސަލައެއް ކަމަށް ޕީޕީއެމުން ވަކިވި މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

ޕީޕީއެމުން ވަކިވާން އެދިވަޑައިގެންފައިވާ ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި ދެމިހުރުމާއި ޕާޓީން ވަކިވުން އެއީ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އެ ހައްގު ވެސް ނިގުޅައިގަނެ، މަޖުބޫރުން މެމްބަރުން ޕާޓީގައި ބައިތިއްބަން އުޅެނީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވި އެވެ.

"ވަޒީރަކު ވެސް މަގާމުގައި ދެމިހުންނަން ބޭނުން ނުވާ ނަމަ ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއަކުން އެންގީމަ އެކަން ނިމުނީ. ހަމަ އެގޮތަށް މެމްބަރުން ވެސް ޕީޕީއެމްގައި ތިބެން ބޭނުން ނުވާތީ ޕާޓީ އަށް ސިޓީ ފޮނުވީމަ އެ ހިސާބުން އެ ވަކިވީ. ގަދަބާރުން މަޖުބޫރުކޮށްގެން ޕާޓީގައި ނުބޭތިއްބޭނެ،" ލަތީފް ވިދާޅުވި އެވެ.

"ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު މިވަނީ، މެމްބަރުންގެ ގޮނޑި ގެއްލުވާލަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި މިވާ މައްސަލާގައި އެމަނިކުފާނު ބޭނުންފުޅުވާ ގޮތެއް ވީމަ މެމްބަރުން ވަކިކުރަން. ކޮބައިތޯ ހަމަޔާއި އިންސާފު؟ އާއިލާގެ ލޯތްބެއް ނުލިބުނު، ޕާޓީގެ ލޯތްބެއް ނުލިބުނު. ވެރިކަމަށް ގެނައި މީހުންގެ ލޯތްބެއް ނުލިބުނު. ރައްޔިތުންގެ ލޯތްބެއް ނުލިބުނު. ލޯބިން މަހްރޫމްވީމަ ސުޕްރީމް ކޯޓު މެދުވެރިކޮށް ލޯބި ހޯދަން މި އުޅެނީ."

ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް: މެމްބަރުން ޕީޕީއެމްގައި ހިފެހެއްޓުން ގާނޫނުއަސާސީއާ ޚިލާފު ކަމަށް ވިދާޅުވި.

ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް: މެމްބަރުން ޕީޕީއެމްގައި ހިފެހެއްޓުން ގާނޫނުއަސާސީއާ ޚިލާފު ކަމަށް ވިދާޅުވި.

ލަތީފް ވިދާޅުވި ގޮތުގައި ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރެއްވުމުގެ ހިތްވަރާއި ކެރިވަޑައިގަތުން ރައީސް ޔާމީންގެ ނެތެވެ. ޕީޕީއެމް ދޫކުރައްވައި ވަޑައިގަތް މެމްބަރުން އަލުން ޕާޓީ އަށް ރުޖޫއަވާން ރައީސް ޔާމީން ގޮވާލެއްމުން ވެސް އެކަން ނުކުރެއްވުމުން "ގަދަބާރުން" ހިފަހައްޓަން ބޭނުންވަނީތޯ ވެސް ލަތީފް ސުވާލު އުފެއްދެވި އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ބޭނުންވެއްޖެ ހިނދެއްގައި ޕާޓީން ވަކިވެވޭނެ ކަން ވަރަށް ސާފު ދިވެހި ބަހުން ގާނޫނުއަސާސީގައި ލިއެފައިވާ ކަމަށެވެ. އެހެން އޮއްވައި ޕާޓީގައި މެމްބަރުން "ބަންދު ނުކުރެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގެ ހ.ގެ ދޭއްގައި ބުނާފައިވާ ގޮތުން ޕާޓީން ވަކިވާން އެދިއްޖެ ނަމަ އެ މީހަކު ޕާޓީން ވަކިވާނެ އެވެ. އަދި މީގެ ކުރިން ޕީޕީއެމުން އަމަލްކޮށްފައި ވަނީ ވެސް އެގޮތަށެވެ. އެއީ ޕާޓީން ވަކިވާން އަމިއްލަ އަށް އެދިއްޖެ ނަމަ ވަކިކޮށްދިނުމެވެ.

ޕީޕީއެމުން ވަކިވާން އެދިވަޑައިގަތް މެމްބަރުން ވަކިކޮށް ނުދޭ މައްސަލާގައި ގާނޫނީ ވަކީލުން ވެސް ގެންދަވަނީ ކަންބޮޑުވުންފާޅުކުރައްވަމުންނެވެ.

ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ ދެމިހުރުމަކީ އަސާސީ ހައްގެކެވެ. މަޖުބޫރުން މީހަކު ޕާޓީއެއްގައި ބެހެއްޓުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވީ، ވަކިވާން ހުށަހަޅާފައިވާ މެމްބަރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް އެ ޕާޓީގެ ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މެމްބަރުން ޕާޓީން ވަކިކުރުމާ މެދު ގޮތެއް ނިންމާނީ މައްސަލަތައް ބަލައި ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.