Roadha Mihaaru
ވައިބާ ގްރޫޕް ހޫނުވެ، ސަލީމަށް ބަހުގެ ހަމަލާތަކެއް!

ވައިބާ ގްރޫޕް ހޫނުވެ، ރެޑްވޭވް ސަލީމަށް ބަހުގެ ހަމަލާތަކެއް!

15 ޖުލައި 2017

ޕީޕީއެމްގެ ވައިބާ ގްރޫޕް ހޫނުވެ، ސަރުކާރުގެ އިސް ބައެއް ބޭފުޅުން އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕީޕީއެމްގެ ވައިބާ ގްރޫޕް ހޫނުވެ، ސަރުކާރުގެ އިސް ބައެއް ބޭފުޅުން އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ވައިބާ ގްރޫޕް ރޭ ހޫނުވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލްއާ ދެ ބޭފުޅުންގެ ގުޅުން އޮންނަ ކަމަށް ބުނެ، ޕޯސްޓަރެއް ގްރޫޕަށްލި މައްސަލައިގަ އެވެ.

ނިމާލް ވިދާޅުވީ ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިންގަވާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި ލިޔެކިއުންތައް އޭނާގެ އަތުގައި ވެސް އެބަހުރި ކަމަށެވެ. އެއާއެކު، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދެމެދު ދޭތެރެ ޖައްސަން ވާހަކަ ނުދެއްކުމަށް އެދިވަޑައިގެންފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން ސަލީމް ވިދާޅުވީ ތި މައްސަލަ ހައްލު ކުރުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އެހީތެރިކަމާއެކު ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ. ނަމަވެސް ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ވަނީ ވައިބާ ގްރޫޕްގައި ވަގުތުން ސަލީމަށް ރައްދު ދެއްވައިފަ އެވެ.

"ސަލީމަށް މުއާޒް ރައްދު ދެމުން ވިދާޅުވީ ދެނެއް ސަލީމަކަށް ބޭނުންހާ ގޮތަކަށް ކަންތައްތަކެއް ނުުކުރެވޭނެއޭ،" ވައިބާ ގްރޫޕްގައި އިންނަވާ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ވިދާޅުވި ގޮތުގައި ސަރުކާރުގެ އިސް ބޭފުޅަކު ދެއްކެވި އެ ވާހަކަތަކަކީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމާ ގުޅިގެން މެމްބަރު ސަލީމާއި ޕީޕީއެމްގައި ތިއްބެވި އެހެން މެމްބަރުންނަށް ދެއްވި އިންޒާރެކެވެ. އަދި އެ ގޮތަށް އިންޒާރު ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޕީޕީއެމްގެ މެމްބަރުން ވިދާޅުވި އެވެ.

"ކަނޑައެޅިގެން އެ ބުނަނީ ގޮނޑި ގެއްލުވާނާމޭ. އެހެން އިންޒާރު އެ ދިނީ ސަރުކާރުގެ ތެރެއިން. މި ކަހަލަ އިންޒާރު އެފަދަ ބޭފުޅުންނަށް ނުދެވޭނެ،" ޕީޕީއެމްގެ އިސް މެމްބަރަކު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މުއާޒް "މިހާރު" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ އެއްވެސް މެމްބަރަކަށް އިންޒާރު ދީފައި ނުވާނެ އެވެ. އަދި އޭނާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހުކުމް ކުރި ދުވަހަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ފަހު އެތައް މެމްބަރުންނެއް އެކި ޕާޓީތަކަށް ބަދަލުވެފައި ވިޔަސް، އެ މެމްބަރުންގެ ގޮނޑިއަށް އަސަރެއް ނުކުރެ އެވެ.

މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ ދާއިރާއެއްގެ ބައިއިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. ގާނޫނު ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ހުސްވާ ގޮނޑިތަކުގެ ބައިއިލެކްޝަން ބާއްވަން ޖެހެނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ.