Roadha Mihaaru
"ބާރަކީ އިމްތިހާނެއް، ހައްގު ގޮތުގައި ބޭނުން ކުރޭ"

އިދިކޮޅުން ސަރުކާރަށް: ބާރަކީ އިމްތިހާނެއް، ހައްގު ގޮތުގައި ބޭނުން ކުރޭ!

07 ޑިސެމްބަރ 2019

ވެރިކަމުގެ އާރާއި ބާރަކީ ވެސް އިމްތިހާނެއް ކަމަށާއި އެހެންވެ، އެ ބާރުގެ ބޭނުން ހައްގު ގޮތުގައި ހިފުމަށް އިދިކޮޅުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ވެރިކަމުގެ އާރާއި ބާރަކީ ވެސް އިމްތިހާނެއް ކަމަށާއި އެހެންވެ، އެ ބާރުގެ ބޭނުން ހައްގު ގޮތުގައި ހިފުމަށް އިދިކޮޅުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ވެރިކަމަށް އައުމުގެ ކުރިން މިހާރުގެ ސަރުކާރުގައި ހިއްސާވާ ޕާޓީތަކުން އެންމެ ބޮޑަށް ވަކާލާތު ކުރީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކަމަށާއި އެ ދާއިރާ އަށް އިންގިލާބެއް ގެންނާނެ ކަމަށެވެ. އަދި އޭރު އޮތް ޝަރުއީ ދާއިރާ އިން އިންސާފު ނުލިބޭ ކަމަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ގަބޫލު ކުރި ކަމަށް ސަލީމް ވިދާޅުވި އެވެ. ނަމަވެސް ވެރިކަމަށް އައުމަށް ފަހު، ޝަރުއީ ދާއިރާ އަށް ގެނައި ބަދަލުތަކުގެ ސަބަބުން ކުރިއަށް ވުރެ ބޮޑަށް ކަންކަން ގޯސްވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ފާޑުވިދާޅުވަމުން ސަލީމް ވިދާޅުވީ އެއީ ލިބިފައިވާ ބާރުގެ ތެރެއިން، ނުހައްގުން އެ މަނިކުފާނަށް ދީފައިވާ އަދަބެއް ކަމަށެވެ. އެކަމަކު ނުހައްގުގެ ގޮތުގައި ބާރުގެ ބޭނުން ކުރާނަމަ އިސާހިތަކު އެ ބާރު ގެއްލިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ސަރުކާރަށް އޭނާ ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ. ސަލީމް ވިދާޅުވި ގޮތުގައި މިއަދު ބާރުގައި ހުންނަ މީހާއަށް މާދަމާ އެހެން ހާލަތެއް ވެސް ކުރިމަތިވެދާނެ ކަމަށާއި އެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް އޭނާ މިސާލު ޖެއްސެވީ ނަމްރޫދު ރަސްގެފާނަށް ކުރިމަތިވި ހާލަތުންނެވެ.

"ބާރަކީ ވެސް ކުރެވޭ އިމްތިހާނެއް. އެ އިމްތިހާނުން ފާސްވުމަށް ހައްގު ގޮތުގައި މަސައްކަތް ކުރަން ޖެހޭ،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާއިރު ހުރިހާ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރާ ކަމަށާއި އެކަމަކު މިހާރު އެކަން ބަދަލުވެ، ސަރުކާރަށް ތާއީދު ކުރާ މީހުންނަށް އެ ފުރުސަތު ދީފައިވާ ކަމަށެވެ.

ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި މި ޒަމާނުގެ ތަރައްގީ ރާއްޖެ އަށް ގެންނެވި ކަމަށާއި އެ މަނިކުފާނަށް ފުރުސަތު ލިބިވަޑައިގެންނެވި ނަމަ މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ގައުމަށް ރާއްޖެ ހެއްދެވީސް ކަމަށެވެ. އެހެންވެ، ޔާމީން ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރުމަކީ ގައުމުގެ ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.