Roadha Mihaaru
އަދީބުގެ ސިޓީ: ނަޝީދުގެ ހުކުމް ލިޔުނީ ފަނޑިޔާރެއްނޫން

އަދީބުގެ ދެ ވަނަ ސިޓީ: ނަޝީދުގެ ހުކުމް ލިޔުނީ ފަނޑިޔާރެއް ނޫން!

16 ޖުލައި 2017

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމާ ބެހޭ ގޮތުން ކަން ހިނގައިދިޔަ ގޮތް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި ދޫނިދޫ ޖަލުގައި ދިގު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަހުމަދު އަދީބުގެ ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުއްވައިފި އެވެ. މިއީ، އެމަނިކުފާނުގެ ނައިބު ރައީސް ކަމުގައި ސަރުކާރުގެ ތެރޭގައި ހިނގާފައިވާ ކަންކަމަށް އިޝާރާތް ކުރައްވައި، ރާއްޖޭގެ އެންމެ މަތީ ކޯޓަށް ފޮނުއްވި ދެވަނަ ސިޓީ އެވެ.

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމާ ބެހޭ ގޮތުން ކަން ހިނގައިދިޔަ ގޮތް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި ދޫނިދޫ ޖަލުގައި ދިގު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަހުމަދު އަދީބުގެ ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުއްވައިފި އެވެ. މިއީ، އެމަނިކުފާނުގެ ނައިބު ރައީސް ކަމުގައި ސަރުކާރުގެ ތެރޭގައި ހިނގާފައިވާ ކަންކަމަށް އިޝާރާތް ކުރައްވައި، ރާއްޖޭގެ އެންމެ މަތީ ކޯޓަށް ފޮނުއްވި ދެވަނަ ސިޓީ އެވެ.

އަދީބު މިއަދު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވަނީ ނަޝީދު 13 އަހަރަށް ޖަލަށް ލުމުގެ ހުކުމް ލިޔުއްވީ ކޯޓެއްގެ ފަނޑިޔާރެއް ނޫން ކަމަށާއި އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުއްވި ސިޓީގައި އަދީބު ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ނަޝީދު ޖަލަށް ލުމުގެ ހުކުމް ތައްޔާރުކުރި ފަރާތް އޭނާ އަށް އެނގިވަޑައިގަންނަވަ އެވެ. އެކަމަކު އެއީ ކާކު ކަމެއް ސިޓީގައި ބަޔާން ކުރައްވާފައެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ލޯންޗްކޮޅު ގޮއްވާލަން އުޅުނު މައްސަލަ އާއި ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އަދީބުގެ ސިޓީގައި ވިދާޅުވީ، ނަޝީދު ޖަލަށް ލުމަށް ފުރަތަމަ ޑްރާފްޓްކުރި ލިޔުމުގައި ވަނީ 10 އަހަރުގެ ޖަލު ހުކުމެއް ކޮށް، އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކުރުމަށެވެ.

"އެހެން ނަމަވެސް 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ގޮތަށް، އެ ހުކުމުގެ ލިޔުމަށް ބަދަލު ގެނައީ ކޮން ފަރާތެއްގެ އަމުރަށް ކޮން ފަރާތަކުން ކަން ވެސް އަޅުގަނޑަށް އެނގެ އެވެ،" އަދީބު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަދީބު ސުޕްރީމް ކޯޓަށް ގެންދަނީ.---މިހާރު ފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް އަދީބު ސުޕްރީމް ކޯޓަށް ގެންދަނީ.---މިހާރު ފައިލް ފޮޓޯ

އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ މައްޗަށް ހުކުމް އައީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރުމާ ގުޅިގެން، ނާޒިމްގެ ދިފާއުގައި ނަޝީދު ސިޔާސީ މަސައްކަތްޕުޅު ފެއްޓެވުމުންނެވެ.

ނަޝީދުގެ ހުކުމް ލިޔުއްވި ފަރާތް އެނގިވަޑައިގަންނަވާ ކަމަށާއި އޭގެ މައުލޫމާތު ސުޕްރީމް ކޯޓަށް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އަދީބު ވިދާޅުވިއިރު، ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރާ ގުޅޭ ހުރިހާ މައުލޫމާތެއް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ވެސް ސުޕްރީމް ކޯޓަށް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ އޭނާ މީގެ ކުރިން ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި އަދީބު ވިދާޅުވެފައިވާ ގޮތުގައި ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރާ ގުޅޭ އެއްވެސް މައުލޫމާތެއް ނާޒިމަކަށް އެނގިވަޑައެއް ނުގަންނަވާނެ އެވެ.

އަދީބުގެ ފަހުގެ ސިޓީގައި ވިދާޅުވީ، ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނާއި މުޅި އަދުލު އިންސާފުގެ ދާއިރާ އަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއްކަން ސާބިތުވާނެ މައުލޫމާތު އޭނާގެ އަތްޕުޅުގައި އެބަހުރި ކަމަށެވެ. އަދި އެ ފުރުސަތު ސުޕްރީމް ކޯޓުން ދީފި ނަމަ، އެކަން ސާބިތުވާނެ މިންވަރަށް މައުލޫމާތު ހުށަހެޅުއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްވެސް މީހެއްގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް، ޝަރީއަތަށް ނުފޫޒު ފޯރުވައިގެން ކަމަށް، އެ މައްސަލައެއްގެ މަރުހަލާތައް ނިމޭ ފަހުން ސާބިތުވި ނަމަވެސް، އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ތިޔަ ކޯޓަށް އެ މައްސަލައެއް އަލުން ބައްލަވަންޖެހޭނެ އެވެ،" އަދީބުގެ ސިޓީގައިވެ އެވެ.

"ވީމާ، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރައްވާފައިވާ ހުކުމުގެ މައްސަލަ ތިޔަ ކޯޓުން އަލުން ބައްލަވައި، އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ސާފުކޮށްދިނުމަށް ޝަރީއަތަށް ހާޒިރުވުމަށް އަޅުގަނޑަށް ފުރުސަތު ދެއްވުން އެދެމެވެ."