Roadha Mihaaru
ކެހި ދެނީ އެންމެ ކައިރީގައި އުޅުުނު މީހުން: ރައީސް

އަޅުގަނޑަށް ކެހި ދެނީ އެންމެ ކައިރީގައި އުޅުުނު މީހުން: ރައީސް

07 ފެބުރުއަރީ 2018

އެ މަނިކުފާނަށް އަބަދު ވެސް ކެހިދެނީ އެންމެ ކައިރީގައި އުޅުނު މީހުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެ މަނިކުފާނަށް އަބަދު ވެސް ކެހިދެނީ އެންމެ ކައިރީގައި އުޅުނު މީހުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެ މޭރުމުން މިރޭ ވާހަކަފުޅު ދައްކަވާފައިވާ އިރު، އެ މަނިކުފާނުގެ ނައިބު ރައީސްގެ ގޮތުގައި އައްޔަން ކުރެއްވި އަހުމަދު އަދީބު، އެ މަނިކުފާނު އަވަހާރަ ކޮށްލަން ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލިކަން ވަނީ ސާބިތުވެފަ އެވެ.

ޕީޕީއެމުން މި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޝްވަތުގެ ތުހުމަތުގައި މިހާރު ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަކީ އެ މަނިކުފާނު ވަރަށް އިހުތިރާމް ކުރެއްވި ދެ ބޭފުޅުން ކަމަށެވެ. ނަމަވެސް އެކަމަށް "ބޮޑު ކިލަނބުކަމެއް" މިހާރު އައިސްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިހާތަނަށް އެ މަނިކުފާނަށް ކެހި ދެނީ އަރިހުގައި އުޅުނު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އަބަދުވެސް ކެހި ދެނީ އަޅުގަނޑާ އެންމެ ކައިރީގައި މަސައްކަތް ކޮށްފަ، އަދި އެ ބަޔަކަށް އަޅުގަނޑު އެންމެ އެހީތެރިވި މީހުން މިއަދާ ހަމައަށް އެންމެ ކެހި ދީފައި ހުރީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޖަލު ހުކުމްތަކެއްގައި ތިއްބެވި ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅުވައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެކަން ކުރެއްވީ އަމިއްލަ މަގުސަދަށްޓަކައި އެ ދެ ބޭފުޅުން އިސްވެ ތިއްބަވައިގެން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ތެރެއިން އެ މަނިކުފާނުގެ ވެރިކަން ހުއްޓުމަކަށް ގެނައުމަށް އެ ދެ ފަނޑިޔާރުން މަސައްކަތް ކުރެއްވި އިރު، އެ ކޯޓުގެ ބެންޗުގައި އެ ދެ ފަނޑިޔާރުން ހިމެނުއްވީ އެ މަނިކުފާނު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި އަލީ ހަމީދު ހިމެނުމަށް އެ މަނިކުފާނު އެއްބަސް ނުވާނެ ކަމަށް އޭރު މަޖިލީހުގައި އުޅުއްވި އިސް މެމްބަރުން ގަބޫލު ކުރެއްވި ނަމަވެސް، އަލީ ހަމީދަށް އެ ފުރުސަތު ދިނީ އެ މަނިކުފާނު އެއްބަސްވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް އޭރުގެ ރައީސް މުހައްމަދު ނަޝީދު ފޮނުވި ލިސްޓުގައި އަބްދުﷲ ސައީދުގެ ނަން ނުހިމަނާ ކަމަށާއި އެ ލިސްޓުގައި އަބްދުﷲ ސައީދުގެ ނަން ހިމެނުއްވީ އެ މަނިކުފާން ކަމަށް އޭރު ޕީއޭގެ ލީޑަރަކަށް ހުންނެވި ރައީސް ޔާމީން ވިދާޅުވި އެވެ.