Roadha Mihaaru
"އަފްރާޝީމްގެ މަރާއި ރައީސްއާ ގުޅުވޭނެ ހެއްކެއް ނެތް"

އަފްރާޝީމްގެ މަރާއި ރައީސް ޔާމީނާ ގުޅުވޭނެ ހެއްކެއް ލިބިފައެއް ނެތް: ރިޔާޒް

24 ޖޫން 2016

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ރައީސް އަބްދުﷲ ޔާމީނާ އެއްވެސް ގުޅުމެއްވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ރައީސް އަބްދުﷲ ޔާމީނާ އެއްވެސް ގުޅުމެއްވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަވަހާރަކޮށްލިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ހުސައިން ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވެސް ވަނީ ރޭ އެ ހުކުމް ދަމަހައްޓާފަ އެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ވަނީ އަފްރާޝީމް އަވަހާރަކޮށްލުމުގައި ރައީސް ޔާމީންގެ އަތެއް ވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

"ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ރައީސް ޔާމީން އެއްވެސް ގުޅުމެއް ވާ ކަމުގެ އެއްވެސް މައުލޫމާތެއް ތަހުގީގަށް ނުލިބޭ އަޅުގަނޑު ހުރިއިރު،" ކިނބިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ރިޔާޒް ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވި އެވެ.

ރިޔާޒްގެ ޓްވީޓް

ހުމާމްގެ މައްޗަށް ރޭ ކުރި ހުކުމުގެ ކުރިން އަފްރާޝީމްގެ އާއިލާ އިން ސްޕްރީމް ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އަފްރާޝީމް އަވަހަރާކޮށްލަން ބަޔަކު ފައިސާ ދިން ކަމަށް ފުލުހުން ބުނެފައި ވާއިރު، އެއީ ކޮން ބައެއްކަން އަދިވެސް ހޯދިފައި ނުވާ ކަމަށެވެ. އެހެންވެ، ތަހުގީގު ފުރިހަމަ ނުވާ ކަމަށް އާއިލާ އިން ބުންޏެވެ.

އޭރުގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލަން ފަންޑް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ، އޭނާ ސީޕީގެ މަގާމުން ވަކިވެވަޑައިގެންނެވިއިރު ފުލުހުން ބަލަމުން ދިޔަ ކަމަށެވެ.

ރިޔާޒްގެ ޓްވީޓް

"މައްސަލައިގެ ތަހުގީގި ހިންގީ ތަހުގީގު ޓީމަކުން. ތުހުމަތަށް ހައްޔަރު ކުރެވުނު މީހުން ތަހުގީގު ޓީމަށް ފެނިގެން ކޯޓް އަމުރުން،" ރިޔާޒް ކުރެއްވި ޓުވީޓެއްގައިވެ އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ހުމާމް ދިފާއު ކޮށްދެވޭ ވަރުގެ އެއްވެސް ހެއްކެއް ލިބިފައެއް ނެތެވެ. އޭނާގެ އިއުތިރާފްގެ އިތުރުން އޭނާ ލައިގެން ހުރި ހެދުމުން އަފްރާޝީމްގެ ޑީއެންއޭ ފެނުުނުކަން ރިޔާޒް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ޕޯސްޓްމޯޓަމް ހަދަން ޖެހެނީ މަރުގެ ސަބަބު ދެނެގަތުމަށް ކަމަށެވެ.

"ފޮރެންސިކްސް ޓީމް ބޭނުންވާ ހުރިހާ ތަހުލީލެއް ކުރި،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަހުގީގު ހިންގީ އެމެރިކާގެ އެފްބީއައިގެ އެހީތެރިކަމާ ވެސް އެކު ކަމަށެވެ.

"ހުމާމް ކުށަށް އިއުތިރާފުވެފައި ވަނީ ހަމައެކަނި ފުލުހުންނަކަށް ނޫން. ފަނޑިޔާރުގެ ކުރިމަތީގައި އަދި އަފްރާޝީމްގެ އާއިލާ މީހުންގެ ފަރާތުން މައާފަށް ވެސް އެދުނު،" ރިޔާޒް ވިދާޅުވި އެވެ.