Roadha Mihaaru
ހުމާމް މެރުން ހުއްޓުވަން މަޖިލީހުގެ ކޮމިޓީ އަށް

ހުމާމް މެރުން ހުއްޓުވަން މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅައިފި

27 ޖޫން 2016

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި ހުސެން ހުމާމަށް ހިންގި ޝަރީއަތުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ، އޭނާ މެރުން ހުއްޓުވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި ހުސެން ހުމާމަށް ހިންގި ޝަރީއަތުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ، އޭނާ މެރުން ހުއްޓުވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހުށަހެޅުއްވި ހުށަހެޅުއްވުމުގައި ގިނަ މައްސަލަތަކެއް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި، މެންދަމުގެ ވަގުތެއްގައި ސުޕްރީމް ކޯޓުން އަވަސް އަރުވާލައިގެން ހުމާމްގެ މައްޗަށް ހުކުމް ކުރުމާއި އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބި މީހުން ނުހޯދެނީސް ހުމާމް ނުމަރަން އަފްރާޝީމްގެ ވާރިސުން އެދިފައި ވަނިކޮށް، އެ ކަމަށް ބެލުމެއް ނެތި ހުކުމް އިއްވުން ހިމެނެ އެވެ.

މީގެ އިތުރުން ވެސް، ފުލުހުންގެ ތަހުގީގު ފުރިހަމަ ވެފައި ނުވުން އަދި ޝަރުއީ ދާއިރާގެ އިންސާފުވެރިކަމާއި މުސްތަގިއްލުކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިއުން އީވާ ފާހަގަކުރެއްވި އެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރު އީވާ ވިދާޅުވި ގޮތުގައި އެ މައްސަލަތައް ހުރިއިރު މީހެއްގެ ފުރާނަ ދުއްވާލުން ތަންފީޒު ކުރުމަކީ އިސްލާމީ ޝަރީއަތުގައި ހާކިމާ އަށް ހުއްދަވާނެ ކަމެއް ނޫނެވެ.

"... [ހުމާމް] މެރުން ތަންފީޒު ކުރުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަލުން މުރާޖާކޮށް ބަދަލު ކުރަން ޖެހޭ މި ދެންނެވި ފަދަ ސަބަބުތަކާ މެދު ތިޔަ ކޮމެޓީން ގޮތެއް ނިންމަވައި ސަރުކާރުން ހުސެން ހުމާމް އަހުމަދު މެރުން ތަންފީޒު ކުރުން ހުއްޓުވުމަށް މި މައްސަލަ ހުށަހަޅަމެވެ،" އީވާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވެ އެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަވަހާރަކޮށްލިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ހުސެން ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ހުކުމް ދަމަހައްޓާފަ އެވެ. އެ ހުކުމާ ގުޅިގެން، ސަރުކާރުން ދަނީ ހުމާމްގެ މަރުގެ ހުކުމް ތަންފީޒުކުރުމުގެ ތައްޔާރީތައް ވަމުންނެވެ.