Roadha Mihaaru
ވިކްރަމް: އުރީދޫ އާ ހަރުފަތަކަށް ގެންދިޔަ މޭސްތިރިޔާ

ވިކްރަމް: އުރީދޫ އާ ހަރުފަތަކަށް ގެންދިޔަ މޭސްތިރިޔާ

24 ޖުލައި 2017

އުރީދޫން ވޭތުވެދިޔަ ދެތިން އަހަރެއްހާ ދުވަހު ތެރޭގައި ވަނީ ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފަ އެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުއާސަލާތީ ހިދުމަތް ދޭން އެ ކުންފުނިން ވަނީ ރާއްޖޭގައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހޭދަކޮށް، ފެންވަރު ރަނގަޅުކޮށް އަދި އާ ހިދުމަތްތަކެއް ވެސް ތައާރަފްކޮށްފަ އެވެ. އެ އިންގިލާބީ ބަދަލުގެ މޭސްތިރިއަކީ ކުންފުނީގެ ސީއީއޯ ކަމާ 2014 ގައި ހަވާލުވެވަޑައިގެންނެވި ވިކްރަމް ސިންހަ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އުރީދޫން ވޭތުވެދިޔަ ދެތިން އަހަރެއްހާ ދުވަހު ތެރޭގައި ވަނީ ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފަ އެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުއާސަލާތީ ހިދުމަތް ދޭން އެ ކުންފުނިން ވަނީ ރާއްޖޭގައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހޭދަކޮށް، ފެންވަރު ރަނގަޅުކޮށް އަދި އާ ހިދުމަތްތަކެއް ވެސް ތައާރަފްކޮށްފަ އެވެ. އެ އިންގިލާބީ ބަދަލުގެ މޭސްތިރިއަކީ ކުންފުނީގެ ސީއީއޯ ކަމާ 2014 ގައި ހަވާލުވެވަޑައިގެންނެވި ވިކްރަމް ސިންހަ އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު މިހާރު އޭނާ ވަނީ އުރީދޫ މިޔަންމާގެ ސީއޯއޯ ކަމަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އިންޑިއާގެ ޖަމްޝީދުޕޫރަށް އުފަން ވިކްރަމަކީ އަދިވެސް އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.

ވިކްރަމް ރާއްޖޭގައި ހޭދަކުރެއްވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނީގެ ތަރައްގީއަށް ބޮޑެތި މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދެވި އެވެ. އެގޮތުން ރާއްޖޭގެ ދެކުނުން އުތުރަށް ސަބްމެރިން ކޭބަލް އަޅަން ހިންގި އެއް އަހަރުގެ 25 މިލިއަން ޑޮލަރުގެ މަޝްރޫއު ފާހަގަކޮށްލެވެ އެވެ. މިއީ އުރީދުއަށް ރާއްޖޭގައި އިިންޓަނެޓުގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބުމުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވީހާ ވެސް އަވަހަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދޭން އެ ކުންފުނިން ފެށި ބޮޑު މަޝްރޫއެކެވެ. އަދި އެ ސަބްމެރިން ކޭބަލުން ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނެވެ.

މިދިޔަ ޖެނުއަރީ މަހު އެ މަޝްރޫއު ކާމިޔާބުކަމާ އެކު ނިންމާލައި ހިދުމަތް ދޭން ފެށުމުން، އުރީދޫގެ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަވެ، ހަލުވި ސްޕީޑެއްގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ދެވެ އެވެ. އަދި އެ ކޭބަލްގެ ހިދުމަތް ދެމުން އަންނަނީ ޗައިނާގެ ވާވޭގެ އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ މެދުވެރިކޮށެވެ.

ވިކްރަމްގެ ތިން އަހަރުގެ ކުރު މާޒީގެ ތެރޭގައި އުރީދޫގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ އިތުރުން އިތުރު އެތައް އާ ހިދުމަތްތަކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އުރީދޫގެ 4ޖީ+ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމުން އެ ކުންފުނި ވެފައި ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ފުރަތަމަ 100 ޕަސެންޓް 4ޖީ+ ނެޓްވޯކަށެވެ. އެގޮތުން މުޅި ރާއްޖެއަށް ފޯޖީ ޕްލަސް ހައި ސްޕީޑް މޮބައިލް ޑޭޓާ ތައާރަފްކުރީ ވެސް އޭނާގެ މޭސްތިރިކަމުގެ ދަށުންނެވެ.

އުރީދޫގެ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރި މަސައްކަތުން، އެންމެ 19 ދުވަހުގެ ތެރޭގައި އުރީދޫގެ ނެޓްވޯކުގެ ފެންވަރު އެތައް ގުނައެއް މަތިކޮށް، 4ޖީ+ގެ ފެންވަރުގެ ނެޓްވޯކަކަށް ހެދީ ސީދާ ވިކްރަމްގެ ބެއްލެވުމުގެ ދަށުންނެވެ.

އުރީދޫގެ ސްމާޓް ސްކޫލް ޕްރޮޖެކްޓް ތައާރަފްކުރި ރަސްމިއްޔާތުގައި ވިކްރަމް، ސްކޫލް ދެ ދަރިވަރަކާ އެކު

އުރީދޫގެ ސްމާޓް ސްކޫލް ޕްރޮޖެކްޓް ތައާރަފްކުރި ރަސްމިއްޔާތުގައި ވިކްރަމް، ސްކޫލް ދެ ދަރިވަރަކާ އެކު

ވިކްރަމްގެ ލީޑަޝިޕްގެ ދަށުން ކުރިއަށް ދިޔައީ މުއާސަލާތީ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމުގެ މަސައްކަތް އެކަންޏެއް ނޫނެވެ. ކަސްޓަމަރުންނަށް ލުއިފަސޭހަ އެތައް ހިދުމަތެއް ގެނެސްދިނެވެ. އެގޮތުން އުރީދޫގެ ނެޓްވޯކް ބޭނުންކުރާ މީހުންނަށް ފައިސާގެ މުއާމަލާތްކުރެވޭނެ މަގު ވަނީ ހުޅުވައިދީފަ އެވެ.

"އުރީދޫ އެމްފައިސާ"ގެ ނަމުގައި މިދިޔަ މުޅިން އާ ޚިދުމަތެއް ރާއްޖެ އަށް ތައާރަފުކުރީ މިދިއަ އަހަރުގެ ކުރީކޮޅު އެވެ. އެމްފައިސާ އަކީ މޮބައިލް ފޯނު މެދުވެރިކޮށް، ވާޗުއަލް އެކައުންޓަކުން ފައިސާގެ މުއާމަލާތް ފަސޭހަކަމާ އެކީ ކުރެވޭނެ ނިޒާމެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އުރީދޫގެ ފިހާރަތަކާއި އެ ނޫން ވެސް ތަންތަން ހިމެނޭ ގޮތަށް ޖުމްލަ 300 އަށް ވުރެ ގިނަ އެމްފައިސާ އެޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ނަގައި ޖަމާކުރެވެ އެވެ. މި ހިދުމަތް 180 އަށް ވުރެ ގިނަ ރަށުން މިހާރު ލިބެ އެވެ.

ވިކްރަމްގެ ތިން އަހަރުގެ ހިދުމަތުގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މުޅި ރާއްޖެއަށް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފްކުރުމެވެ. ރާއްޖޭގައި މިހާތަނަށް ފޯރުކޮށްދޭ އެންމެ ސްޕީޑް ބާރު އިންޓަނެޓް ޕެކޭޖާ އެކު، އުރީދޫން "ސުޕަނެޓް"ގެ ނަމުގައި ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް މިދިޔަ އަހަރުގެ މެއި މަހު ތައާރަފްކުރީ އޭނާ އިސްވެ ހުންނަވައިގެންނެވެ. މެދުއިރުމައްޗާއި އޭޝިއާ އަދި އެފްރިކާގެ ބައެއް ގައުމުތަކުގައި މުއާސަލާތީ ދާއިރާގައި ކުރިއެރުންތައް ހޯދަމުން އަންނަ ގަތަރުގެ އުރީދޫ، މުއާސަލާތީ ހިދުމަތް ދޭ ދުނިޔޭގެ އެންމެ ވަރުގަދަ 50 ބްރޭންޑްގެ ތެރޭގައި މިދިޔަ އަހަރު ހިމެނުމުގައި ވެސް ވިކްރަމްގެ މޮޅު ހިންގުންތެރިކަން މުހިންމު ބައެއް އަދާކުރި އެވެ.

ވިކްރަމް ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އާ އެކު ގާލަންޑޯ މެޗެއް ކުޅުއްވަނީ. ފޮޓޯ: އުރީދޫ

ވިކްރަމް ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އާ އެކު ގާލަންޑޯ މެޗެއް ކުޅުއްވަނީ. ފޮޓޯ: އުރީދޫ

އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ ވިކްރަމަކީ ހުރިހާ މުވައްޒަފުންނާ ވެސް ގުޅޭ ވަރަށް ހުޅުވިފައިވާ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ކޮންމެ ކަމެއް ވެސް އޭނާއާ ހިއްސާކުރުމުގެ ފުރުސަތު އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިކްރަމްގެ ލީޑާޝިޕްގައި ގެންނެވި ކޮންމެ އާ ބަދަލެއް ގެންނަވާފައި ވަނީ މުވައްޒަފުންގެ ހިޔާލާ އެކު. އޭނާއަކީ ގޮންޖެހުންތަކާ ކުރިމަތިލައްވަން ބޭނުންފުޅުއާ އަދި އާ ހިޔާލުތަކަށް ލޯބިކުރައްވާ ބޭފުޅެއް. އަދި އާ ކަންތައްތަކެއް ތަޖުރިބާކުރައްވަން ބޭނުންފުޅުވާ ވަރަށް ހިންގުންތެރި ލީޑަރެއް،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫގެ ހެޑް އޮފް ޕްލޭނިން ޝަބީން އަލީގެ ނަޒަރުގައި ވެސް ވިކްރަމް އަކީ މީހުންނާ ވަރަށް ގުޅޭ މީހުންގެ ސީއީއޯއެކެވެ.

"އޭނާ ރާއްޖެއަށް ވަނީ ވަރަށް މަތިވެރި ހިދުމަތްތަކެއް ކޮށްދީފައި. މި ރާއްޖޭގެ ޓެލެކޮމް އިންޑަސްޓްރީގެ ލޭންޑްސްކޭޕް ބަދަލުކުރި ބޭފުޅެއް އެއީ. އެހެންވީމަ، މި ދިވެހި މުޖުތަމައުއަށް ވަރަށް ވެލިއު އެޑްކޮށް، ޓެލެކޮމް ދާއިރާއަށް، މި ގައުމަށް، އަދި މި ރީޖަނަށް ވެސް ކޮންޓްރިބިއުޓް ކޮށްފައިވާ ބޭފުޅެއް،" ޝަބީން ވިދާޅުވި އެވެ.

އުރީދޫގެ އެމް ފައިސާ ތާއާރަފްކުރުމުގެ ރަސްމިއްޔާތުގައި ވިކްރަމް ވާހަކަދައްކަވަނީ.

އުރީދޫގެ އެމް ފައިސާ ތާއާރަފްކުރުމުގެ ރަސްމިއްޔާތުގައި ވިކްރަމް ވާހަކަދައްކަވަނީ.

އެ ކުންފުނީގެ މެނޭޖާ ކަސްޓަމާ ކެއާ ދިޔާނާ އަފީފް ވިދާޅުވި ގޮތުގައި ވިކްރަމްއާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އޭނާގެ ލީޑަޝިޕްގެ ދަށުން ކުންފުނި ވަރަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދިކަން ވެސް ދިޔާނާ ފާހަގަކުރެއްވި އެވެ.

"ނުކުރެވޭނެހެން ހީވި ބައެއް ކަންތައް ވެސް ވަނީ ކޮށްފައި. ކުންފުނީގެ އަމާޒުތައް ހާސިލްކުރުމަށް ވިކްރަމް އަބަދުވެސް މުވައްޒަފުން ލައްވާ ވަރަށް ބޮޑަށް ބާރު އަޅުއްވާނެ،" ދިޔާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިކްރަމްއަކީ މުވައްޒަފުއް ލައްވާ ޓީމެއްގެ ގޮތުގައި އެކުވެރިކަމާ އެކު މަސައްކަތްކުރައްވާ އަދި ވަރަށް އިތުބާރުކުރައްވާ ބޭފުޅެކެވެ.

"ވިކްރަމަކީ އަންހެނުން ބާރުވެރިކުރުވުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ އަދި އަންހެން މުވައްޒަފުންގެ ކުރިއެރުމަށް، ހާއްސަކޮށް ދިވެހި އަންހެނުންގެ ކުރިއެރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅެއް،" ދިޔާނާ ވިދާޅުވި އެވެ.

ވިކްރަމް ވަނީ އުރީދޫގެ ހުރިހާ މުވައްޒަފުންގެ އިތުބާރާއި ކަސްޓަމަރުންނާއި އެތައް ބައެއްގެ ލޯބި ހޯއްދަވައިފަ އެވެ. އުރީދޫގެ އިޖުތިމާއީ ޒިންމާތަކަށް އޭނާ ދެއްވި ޚާއްސަ ސަމާލުކަން އެކަމަށް ހެކިވެ އެވެ.

ޔޫއެން ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ގޯލްސް ހާސިލްކުރުމަށާއި އަންހެނުންގެ ހަމަހަމަކަމަށާއި ތައުލީމާއި ރަނގަޅު ސިއްހަތެއް ހޯދައިދިނުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވެދާނެ މައްސަލަތަކަށް ވެސް ހާއްސަ ސަމާލުކަމެއް އޭނާ ދެއްވި އެވެ.

ވިކްރަމް ފާހަގަކުރެވިފައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު ހިންގަވައި އުރީދޫ އާ ހަރުފަތަކަށް ގެންގޮސްދެއްވި ކުޅަދާނަ މޭސްތިރިއެއްގެ ގޮތުގަ އެވެ. އެއީ ރާއްޖެ ދުށް މޮޅު ސީއީއޯއެކެވެ.