Roadha Mihaaru
ކޭބަލް ނުލައި އުރީދޫގެ ބްރޯޑްބޭންޑް މުޅި ރާއްޖެއަށް

ކޭބަލް ބޭނުން ނުކޮށް އުރީދޫގެ ބްރޯޑްބޭންޑް މުޅި ރާއްޖެއަށް

27 އޯގަސްޓް 2017

ކޭބަލް ބޭނުން ނުކޮށް "ފަސޭހަ ހޯމް ބްރޯޑްބޭންޑް" ގެ ނަމުގައި އުރީދޫގެ ބްރޯޑްބޭންޑުގެ ހިދުމަތް މުޅި ރާއްޖެއަށް ދޭން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކޭބަލް ބޭނުން ނުކޮށް "ފަސޭހަ ހޯމް ބްރޯޑްބޭންޑް" ގެ ނަމުގައި އުރީދޫގެ ބްރޯޑްބޭންޑުގެ ހިދުމަތް މުޅި ރާއްޖެއަށް ދޭން ފަށައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން މިއަދު ބުނީ އެ ކުންފުންޏަށް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބުމާއެކު އެންމެ ބޮޑު އަމާޒަކަށްވީ ރާއްޖޭގެ އެކި ހިސާބުތަކުގައިވާ އާއިލާތަކާއި ވިޔަފާރިތަކަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ފޯރުކޮށްދީ އެ ހިދުމަތުގެ ފައިދާތަކާ ގުޅުވައިދިނުން ކަމަށެވެ.

"މިއަދު ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ހޯމް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކުރުމާ އެކު ޑިޖިޓަލް ދިވެހިރާއްޖެ އެއް ގާއިމްކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއް،" އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަސޭހަ ހޯމް ބްރޯޑްބޭންޑު ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ހިދުމަތް ހޯދުމުގެ ފުރުސަތު ފޯރުކޮށްދިނުމުގެ އަމާޒާއެކު މާކެޓުގައި އެންމެ އަގުހެޔޮ ރޭޓުތަކުގައި ކަމަށެވެ.

އުރީދޫން ބުނީ "ފަސޭހަ ހޯމް ބްރޯޑްބޭންޑް" ގެ ހިދުމަތަށް، ރާއްޖޭގެ އެކި ހިސާބުތަކުގައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން މިހާރު އެދެވޭނެ ކަމަށެވެ. އަދި އެ ހިދުމަތް ދިނުމުގެ ކުރިން، ސެޓަޕް ފުރިހަމަކޮށް އެކްޓިވޭޓް ކޮށްފައިވާ ރައުޓަރެއް ކަސްޓަމަރަށް ލިބޭނެ ކަމަށެވެ. އެގޮތުން މިނިޓެއް ތެރޭގައި މި ހިދުމަތް ގޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ބުންޏެވެ.

އުރީދޫން ވަނީ 10 އެމްބީޕީއެސް އާއި ހަމައަށް ސްޕީޑް ލިބޭ، ތަފާތު ތިން ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެގޮތުން އުރީދޫ ހޯމް ބްރޯޑްބޭންޑްގެ 50 ޖީބީގެ ޕެކޭޖެއް ވިއްކަނީ މަހަކު 699ރ އަށެވެ. އަދި 120 ޖީބީ ހިމެނޭ ޕެކޭޖެއް ވިއްކަނީ 1،099ރ. އަށެވެ. އަދި 180 ޖީބީ ހިމެނޭ ޕެކޭޖެއް ވިއްކަނީ 1،549ރ. އެވެ.

އެ ކުންފުނިން ބުނީ ޕެކޭޖުގެ މުއްދަތުގެ ތެރޭގައި ލިބިފައިވާ ޑޭޓާ އެލަވަންސް ހުސްވިކަމުގައި ވިއަސް އެއްވެސް އިތުރު ޗާޖަކާއި ނުލައި ދަށް ސްޕީޑެއްގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ބޫސްޓާއެއް ހިޔާރުކޮށްގެން ޑޭޓާ އެލަވަންސް އިތުރު ކުރެވޭނެ އެވެ. އެ ކުންފުނިން ހަތް ޖީބީގެ ހޯމް ބޫސްޓަރެއް ވިއްކަނީ 100ރ. އަށެވެ.