Roadha Mihaaru
ވިލާއިން އިނގިރޭސިވިލާތުގެ އާ ކޯސްތަކެއް ތައާރަފްކޮށްފި

ވިލާ ކޮލެޖުން އިނގިރޭސި ވިލާތުގެ އާ ކޯސްތަކެއް ތައާރަފް ކޮށްފި

20 ޖުލައި 2017

ވިލާ ކޮލެޖުން އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓާން އިންގްލެންޑުގެ ދެ ޕްރޮގްރާމަކާއި އެ ކޮލެޖުގެ އަމިއްލަ ދެ ކޯހެއް މިއަދު ތައާރަފްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިލާ ކޮލެޖުން އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓާން އިންގްލެންޑުގެ ދެ ޕްރޮގްރާމަކާއި އެ ކޮލެޖުގެ އަމިއްލަ ދެ ކޯހެއް މިއަދު ތައާރަފްކޮށްފި އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އިނގިރޭސި ވިލާތުގެ އެކައުންޓިން އެންޑް ފައިނޭންޝަލް މެނޭޖްމަންޓްގެ މާސްޓާސް އަދި ހަމަ އެ ޔުނިވާސިޓީގެ ބިޒްނަސް މެނޭޖްމަންޓް އެންޑް އިކޮނޮމިކްސް އިން ޑިގްރީ ފެންވަރަށް ކިޔަވައިދޭ ޕްރޮގްރާމްތައް ތައާރަފް ކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.

މީގެ އިތުރުން ސެޓްފިކެޓް ލެވެލް ތިނެއްގެ ކަސްޓަމާކެއާ އާއި ޓޫރިޒަމް އެންޑް ހޮޓެލް އޮޕަރޭޝަންސްގެ ސެޓްފިކެޓް ލެވެލް ހަތަރެެއްގެ ކޯސްތައް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މިއީ އަންނަ ސެޕްޓެމްބަރު މަހު ވިލާ ކޮލެޖުން ފަށަން ހަމަޖައްސާފައިވާ ކޯސްތަކެކެވެ.

އެ ކޮލެޖުން ސެޕްޓެމްބަރުގައި ފަށާ ކޯސްތަކަށް އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމަ އަށް ކުރިމަތިލެވޭނެ އެވެ.

ސެޓްފިކެޓް ލެވެލް ތިނެއްގެ ކަސްޓަމާ ކެއާ ކޯސް

ފަނަރަ ހަފުތާގެ މުއްދަތަށް ކިޔަވައިދޭ މި ކޯހަށް ވަދެވޭނީ ލެވެލް ދޭއް ނުވަތަ ބޭސިކް ތައުލީމް ފުރިހަމަ ކޮށްފައިވާ ދަރިވަރުންނަށެވެ. މީހުންނާ މުއާމަލާތު ކުރުމަށާއި އަމިއްލަ ހުނަރު ތަރައްގީކޮށް އަދި އިނގިރޭސީގެ އެންމެ ބޭސިކް ކިޔަވައިދޭ މި ކޯހުގެ ފީ އަކީ މަހަކު 1900ރ. އެވެ.

ސެޓްފިކެޓް ލެވެލް ހަތަރެއްގެ ޓޫރިޒަމް އެންޑް ހޮޓެލް އޮޕަރޭޝަންސް

ޓޫރިޒަމް ދާއިރާ އަށް ޒުވާނުން ނެރެދީ ވަޒީފާގެ ފުރުސަތުތައް ފަހި ކޮށްދިނުމަށް ކުރިއަށްގެންދާ ޓޫރިޒަމް އެންޑް ހޮޓެލް އޮޕަރޭޝަންސްގެ ސެޓްފިކެޓް ލެވެލް ހަތަރެއްގެ ކޯހަކީ ނުވަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ކޯހެކެވެ. އޯ ލެވެލްގެ ތިން މާއްދާ އިން ދަށްވެގެން ސީ ފާސް ލިބިފައިވާ ދަރިވަރުންނަށް ބައިވެރިވެވޭ މި ކޯހުގެ ފީ އަކީ މަހަކަށް 2500ރ. އެވެ.

މާސްޓާސް އިން އެކައުންޓިން އެންޑް ފައިނޭންޝަލް މެނޭޖްމަންޓް

އިނގިރޭސިވިލާތުގެ ވެސްޓާން އޮފް ދަ އިންގްލެންޑުގެ މި ކޯހަކީ އެއް އަހަރު ދުވަހަށް ހިންގާ ކޯހެކެވެ. ކޯސް ފީ އަކީ މަހަކު 7000ރ. އެވެ.

ޑިގްރީ އިން ބިޒްނަސް މެނޭޖްމަންޓް އިކޮނޮމިކްސް

ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސިމާ) އަދި އޭސީސީއޭ އިން އެކްރެޑިޓެޑް ކޮށްފައިވާ މި ޕްރޮގްރާމަކީ ތިން އަހަރުގެ ކޯހެކެވެ. ހަ އިންސްޓޯލްމަންޓަކަށް ބަހާލައިގެން ފީގެ ގޮތުގައި މަހަކު 3950ރ. ދައްކަންޖެހޭ މި ކޯހަކީ ތަރައްގީވަމުން އަންނަ ރާއްޖެ އަށް ވަރަށް އެކަށީގެންވާ ކޯހެއް ކަމަށް ވިލާ ކޮލެޖުން ބުންޏެެވެ.

މި ކޯސްތައް ތައާރަފް ކޮށްދެއްވުމަށް ފަހު ޑރ. އަންވަރު ވިދާޅުވީ މިއަދު އަލަށް ތައާރަފް ކުރި ކޯސްތަކަކީ ވެސް ތަރައްގީވަމުން އަންނަ ރާއްޖެއަކަށް ވަރަށް ބޭނުންތެރ ކޯސްތަކެއް ކަމަށެވެ. އެގޮތުން އިނގިރޭސި ވިލާތުގެ އެކައުންޓިން އަދި ބިޒްނަސް މެނޭޖްމަންޓުގެ އެންމެ ފެންވަރު ރަނގަޅު ޕްރޮގްރާމުތައް ހިންގަމުން އަންނަނީ ވިލާ ކޮލެޖުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

އަންވަރު ވިދާޅުވީ މާލޭގެ އިތުރުން ރަށްރަށުގައި ގާއިމްކޮށްފައިވާ ވިލާ ކޮލެޖުގެ ކޭމްޕަސްތަކުގައި ވެސް، ކޯހެއް ފެށޭ ވަރަށް ދަރިވަރުން ހަމަވެއްޖެ ނަމަ އިނގިރޭސިވިލާތުގެ ޕްރޮގްރާމްތައް ވެސް ފަށާނެ ކަމަށެވެ.

ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓުގެ ޑީން ޑރ. އަހުމަދު ޝާހިދު ވިދާޅުވީ އެ ކޯސްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަތާ އަހަރެއް ވެދާނެ ކަމަށެވެ. ނަމަވެސް މިހާ ގިނަ މުއްދަތެއް ހޭދަވީ އެ ފެންވަރުގެ ކޯސްތައް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރެއް ވުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.