Roadha Mihaaru
ކީއްކުރާ އިލެކްޝަންސް ކޮމިޝަނެއް؟

ކީއްކުރާ އިލެކްޝަންސް ކޮމިޝަނެއް؟

23 ޖުލައި 2017

ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ފުރަތަމަ ގޮނޑި ގެއްލުނު މެމްބަރުންގެ ނަންތައް އާންމުވީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. ދެން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފަށާނީ އެ ހަތަރު ގޮނޑި އަށް އިންތިޚާބުކުރާ ހަތަރު މެމްބަރުންނާ އެކު ކަމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ރައީސް ޔާމީން ހާމަކުރެއްވިއިރު، ކަމާ ގުޅޭ މުއައްސަސާގެ ފަރާތުން އާންމުންނަށް އަދި އެ މެމްބަރުންނަށް ވެސް އެނގުނު އެއްޗެއް ނެތެވެ. އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ވިޔަސް އެތަނުގެ ނިންމުންތައް ދައުލަތުގެ އިސް ވެރިޔާގެ ޕާޓީގެ ބައްދަލުވުންތަކުގައި ހާމަކުރާ ހިސާބަށް ދިއުމުން ތަނުގެ މިނިވަންކަމާ މެދު ދެން ކުރާނެ އިތުރު ސުވާލެއް ވެސް ނެތެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ފުރަތަމަ ގޮނޑި ގެއްލުނު މެމްބަރުންގެ ނަންތައް އާންމުވީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ. ދެން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފަށާނީ އެ ހަތަރު ގޮނޑި އަށް އިންތިޚާބުކުރާ ހަތަރު މެމްބަރުންނާ އެކު ކަމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ރައީސް ޔާމީން ހާމަކުރެއްވިއިރު، ކަމާ ގުޅޭ މުއައްސަސާގެ ފަރާތުން އާންމުންނަށް އަދި އެ މެމްބަރުންނަށް ވެސް އެނގުނު އެއްޗެއް ނެތެވެ. އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ވިޔަސް އެތަނުގެ ނިންމުންތައް ދައުލަތުގެ އިސް ވެރިޔާގެ ޕާޓީގެ ބައްދަލުވުންތަކުގައި ހާމަކުރާ ހިސާބަށް ދިއުމުން ތަނުގެ މިނިވަންކަމާ މެދު ދެން ކުރާނެ އިތުރު ސުވާލެއް ވެސް ނެތެވެ.

ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމުގައި އެހާ ޔަގީންކަމާ އެކު، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ދެން ފަށާނެ އިރަކާއި މެމްބަރުންތަކެއްގެ ގޮނޑި ގެއްލުނުކަން ރައީސް ޔާމީން ހާމަކުރެއްވުމުން މިނިވަން މުއައްސަސާތަކަށް ދައުލަތުގެ އެގްޒެކެޓިވް ބާރުގެ ނުފޫޒު އޮތް މިންވަރު ކިތަންމެ ރަނގަޅަކަށް ވެސް އެނގެ އެވެ. ކިތަންވެ ވަރަކަށް އެކަން ދޮގުކޮށް، ދިފާއުކުރަން ބަޔަކު އުޅުނަސް މެ އެވެ. މެމްބަރުކަމުގެ ގޮނޑި ގެއްލުމުގެ މި ކަންތައްގަނޑު ފެށުމުގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނާ މެދު އުފެދިފައިވާ ގޯސް ތަސައްވުރު، ރައީސް ޔާމީން ޕީޕީއެމްގެ ބައްދަލުވުމުގައި ވިދާޅުވި އެއްޗަކުން، އިތުރަށް ހަރާބުވީ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުން ދަނީ ހައިރާންވާން ޖެހޭ ގޮތަކަށެވެ. ބައެއް ފަހަރު ހީވަނީ މިއީ ކޮންމެވެސް ބަޔަކަށް، ކަމެއް ކޮށްދެނީ ހެންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ފުރަތަމަ ޕީޕީއެމުން ވަކިކުރީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދެވެ. އެ ބޭފުޅުން އެ ޕާޓީން ވަކިކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މުއްދަތާއި އެ މެމްބަރުން ވިދާޅުވާ މުއްދަތާ ވެސް ތަފާތުތަކެއް އެބަ ހުއްޓެވެ. އެކަމަކު އެއަކަށް އެކަށީގެންވާ ޖަވާބެއް އިލެކްޝަންސް އަކުން އާންމުންނަކަށް ނުދެ އެވެ. އަދި އެ މެމްބަރުންނަކަށް ވެސް ނޭނގެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ސައުދާއި ވަހީދު އަދި އަމީތު މީޑިއާއާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ސައުދާއި ވަހީދު އަދި އަމީތު މީޑިއާއާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ވަހީދާއި އަމީތާއި ސައުދު އަދި ލަތީފް ޕީޕީއެމުން ވަކިކުރީ މި މަހުގެ 18 ގައި ޕީޕީއެމުން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެ ސިޓީ އިލެކްޝަންސް ކޮމިޝަނަށް ލިބުމާއެކު، ހަމަ އެ ދުވަހުން އެ ދުވަހަށް އެ ހަތަރު މެމްބަރުން ޕީޕީއެމުން ވަކިވިކަން އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް އަންގައި އެ ބޭފުޅުންގެ ގޮނޑި ގެއްލުވައިލި އެވެ. އޭގެ ތެރެއިން ލަތީފް ފިޔަވައި އަނެއް ތިން ބޭފުޅުން ވަނީ ސުލޫކީ މައްސަލައެއްގައި މީގެ 3-4 މަސް ކުރިން ޕީޕީއެމުން ވަކިކޮށް އެކަން އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ވެސް އަންގާފަ އެވެ.

ސައުދު ޕީޕީއެމުން ވަކިކޮށްފައިވާކަން އޭޕްރީލް 13، 2017 ގައި އޭނާ އަށް އެ ޕާޓީން އެންގި ސިޓީ ވަނީ އިލެކްޝަންސް ކޮމިޝަނަށް ކޮޕީ ކޮށްފަ އެވެ. އަމީތު މާޗް 29، 2017 ގައި އަދި ވަހީދު މާޗް 28، 2017 ގައި ޕީޕީއެމުން ވަކިކޮށްފައިވާކަން އެ ޕާޓީން އެ ދެ ބޭފުޅުންނަށް އަންގައި ފޮނުވި ސިޓީ ވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ކޮޕީކޮށްފަ އެވެ. އެ ސިޓީތައް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމުގެ ސާފު ހެކި އެބަހުރި ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގެ ދަށުން ގޮނޑި ގެއްލެނީ ސިޔާސީ ޕާޓީތަކުން އިންތިޚާބުވި މެމްބަރުންގެ ކަމަށް ވާއިރު، ލަތީފް ދިއްދޫ ދާއިރާ ކާމިޔާބުކުރެއްވީ އަމިއްލަ ގޮތުންނެވެ. އޭނާ ޕީޕީއެމާ ގުޅިވަޑައިގަތީ ފަހުންނެވެ. އެހެންވެ އޭނާގެ ގޮނޑި ގެއްލުނު ކަމާ މެދު ވެސް ސުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތެވެ. ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މަޖިލިހަށް އިންތިޚާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ. އޭނާ އެ ޕާޓީން ވަކިވެވަޑައިގެން ޕީޕީއެމާ ގުޅިވަޑައިގަތްތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެހެން އިލްހާމްގެ ގޮނޑި ވެސް ސުޕްރީމް ކޯޓުގެ ހުކުމުގެ ދަށުން ގެއްލެންވީ ކީއްވެ ހެއްޔެވެ؟

ޕީޕީއެމުން ވަކިވި އަދި އަދި ކަނޑާލި މެމްބަރުން: މީގެ ތެރެއިން ބައެއް މެމްބަރުން ވަކިވި ކަމަށް އަދިވެސް އިލެކްޝަންސް އަކުން ނާންގާ

ޕީޕީއެމުން ވަކިވި އަދި އަދި ކަނޑާލި މެމްބަރުން: މީގެ ތެރެއިން ބައެއް މެމްބަރުން ވަކިވި ކަމަށް އަދިވެސް އިލެކްޝަންސް އަކުން ނާންގާ

"ކުރިން އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމުން ފޮނުވި ސިޓީ އަށް އަމަލު ނުކޮށް، މި މަހުގެ 18 ގައި ފޮނުވި ސިޓީ މާ ބޮޑު އެއްޗަކަށް ހަދައިގެން އުޅޭތީ އަޅުގަނޑުމެންނަށް ސުވާލު އުފެދެނީ. އިލެކްޝަންސް އިން އަމަލުކުރި ގޮތުން ވަރަށް ސާފުކޮށް އެނގޭ އެ ކޮމިޝަނުން ބޭނުންވީ އަޅުގަނޑުމެންގެ މެމްބަރުކަމުގެ ގޮނޑި ގެއްލުވާލަންކަން. އެހެން ނޫން ނަމަ އަޅުގަނޑުމެން ޕީޕީއެމުން ވަކިކޮށްފައިވާކަން އަންގައި މީގެ ތިން މަސް ކުރިން ފޮނުވި ސިޓީ އަށް އަމަލުކޮށް، އެ ޕާޓީން އަޅުގަނޑުމެން ތިބެން ޖެހޭނީ ވަކިކޮށްފައި،" އަމީތު ވިދާޅުވި އެވެ.

"މިއިން ވެސް މި އެނގެނީ އިލެކްޝަންސް ކޮމިޝަނުން ކަންކަން ކުރާ ދޯހަޅި ސިޔާސަތު. ވަކި ބަޔަކަށް، ވަކި ގޮތެއް ހަދަމުންދާކަން މިއިން އެނގެނީ."

ސުޕްރީމް ކޯޓުގެ ހުކުމުގެ ދަށުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނީ ތިން ހާލަތެއްގެ ދަށުންނެވެ. އެއީ އެ މެމްބަރަކު ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވި ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިކުރުމުންނާއި މަޖިލިހުގެ މެމްބަރުކަމަށް އިންތިޚާބުވި ޕާޓީން އެ މެމްބަރަކު އަމިއްލަ އަށް ވަކިވުން އަދި މަޖިލިހަށް އިންތިޚާބުވިއިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް އެ މެމްބަރަކު ބަދަލުވުމުންނެވެެ. ނަމަވެސް މީގެ އެންމެ މުހިންމު ކަމަކީ އެ ތިން ހާލަތު ވެސް މެމްބަރުންގެ މައްޗަށް ހިނގަނީ ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހުން ފެށިގެން ކަމަށް ވުމެވެ. މި މަހުގެ 13 ގައި ސުޕްރީމް ކޯޓުން ކުރި އެ ހުކުމް އިތުރަށް އޮޅުން ފިލުވައި ދިނުމަށް ފަހުން އެ ކޯޓުން ކުރި އަމުރުން ވެސް ސާފުވާ ގޮތުން ކުރިން ހިނގާފައިވާ ކަމަކަށް އެ ހުކުމް ނުހިނގާނެ އެވެ.

ޕީޕީއެމުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ގަސްތުގައި މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވައިލުމުގެ ނިޔަތް އޮތްކަން ވެސް ދޭހަވެ އެވެ. އެ މެމްބަރުން ޕީޕީއެމުން ވަކިވާން އެދިވަޑައިގަތުމުން، ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ޕާޓީން ވަކިވިޔަ ނުދީ ހިފެހެއްޓީ އެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން މި މަހުގެ 18 ގައި ޕީޕީއެމުން ވަކިކުރިކަން އިލެކްޝަންސް އިން ނިންމުމާ ހިސާބަށް ވެސް އެ ބުނި ސުލޫކީ މައްސަލަ އަކީ ކޮބައި ކަމެއް ނޭނގެ އެވެ. މިކަން މިގޮތަށް ކުރިއިރު ވެސް އިލެކްޝަންސް ކޮމިޝަން އޮތީ ނިދައިފަ އެވެ. ކުރިން ޕާޓީން ވަކިކުރިކަން އަންގާފައިވާ މެމްބަރުންތަކެއްގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން އެތައް ދުވަހެއް ފަހުން އަލުން ބަލަން ޖެހުނީ ކީއްވެ ކަމެއް ނޭނގުނެވެ. ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން މެމްބަރަކު ޕާޓީން ވަކިކުރުމުން، އެކަން އިސްތިއުނާފު ކުރުމަކީ މެމްބަރުގެ އަމިއްލަ ހައްގެކެވެ. ޕީޕީއެމުން އެ ގަވައިދާ ޚިލާފުވުމުން އެޅި ފިޔަވަޅެއް ވެސް ނެތެވެ.

މެމްބަރުކަމުގެ ގޮނޑި ގެއްލުވާލަނީ ސިޔާސީ ޕާޓީގެ ގަވައިދުގެ ދަށުން ކަމަށް ބެލެވޭ

އިލެކްޝަންސް ކޮމިޝަންގެ އެތެރޭގެ ކަންކަން ހިނގާ ގޮތް އެނގިވަަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މެމްބަރުންގެ "ގޮނޑި ގެއްލުވާލުމުގައި" އެ ކޮމިޝަނުން ދިފާއެއްގެ ގޮތުގައި ގެންގުޅެނީ "ސިޔާސީ ޕާޓީގެ ގަވައިދު 2013" އެވެ.

އެ ގަވައިދުގެ 18 ވަނަ މާއްދާގެ (ހ) ބުނެފައި ވަނީ ޕާޓީއަކުން ވަކިވުމަށް މީހަކު އެދިއްޖެ ނަމަ ލަސްވެގެން 14 ދުވަހުގެ ތެރޭގައި އެކަން ކޮށްދޭން ވާނެ ކަމަށެވެ. އަދި އެ ޕާޓީއަކަށް ހުށަހަޅައިގެން އެ މުއްދަތުގެ ތެރޭގައި އެ މީހަކު ޕާޓީން ވަކިކޮށް ނުދީފި ނަމަ، އެކަން ބަޔާންކޮށް ޖަދުވަލު ހައެއްގައި ބުނާ ފޯމު އިލެކްޝަންސް އަށް ހުށަހެޅުމުން އެ މީހެއްގެ ނަން ޕާޓީގެ ދަފްތަރުން އުނިކޮށްދޭން ޖެހޭނެ ކަމަށް މި ގަވަައިދުގައިވެ އެވެ. މީގެ އިތުރުން މި ގަވައިދުގައިވާ ގޮތުން ނަމަ، ޕާޓީއެއްގެ މެމްބަރަކު ޒަރޫރީ ސަބަބަކާ ހުރެ، އެ ޕާޓީއަކުން ވަގުތުން ވަކިވާން އެދިއްޖެ ނަމަ، އެ ހުށަހަޅާފައިވާ ސަބަބަށް ރިއާޔަތްކޮށް، އެ މީހެއްގެ ނަން ޕާޓީގެ ދަފްތަރުން ވަކިކުރުމުގެ އިހްތިޔާރު ވެސް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި އިލެކްޝަންސްގެ އިސް މުވައްޒަފު ވިދާޅުވީ މެމްބަރަކު ޕާޓީން ވަކިވާން އެދުމުން، އެ މެމްބަރަކު އެ ޕާޓީއަކުން ވަކިނުކޮށް ހިފަހައްޓަން 14 ދުވަސް [ސިޔާސީ ޕާޓީގެ ގަވައިދުގައި ބުނާ] ލިބޭނެ ކަމަށް އެ ކޮމިޝަނުން މާނަކުރާ ކަމަށެވެ.

"ގޮނޑި ގެއްލުނު ހުރިހާ މެމްބަރުން ވެސް ޕާޓީން ވަކިކޮށްދިނުމަށް އެދި ފޮނުވި ސިޓީތައް އިލެކްޝަންސް އަށް ލިބިފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން. ނުވަތަ 3-4 ދުވަސް ކުރިން. އެހެންވެ ގަވައިދުގައި އެ ބުނާ 14 ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށްފައި އެ ވަނީ. އެގޮތަށް ހިސާބު ޖެހުމުން އެ މެމްބަރުން ވަކިވި ކަމަށް ވާނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން. އެ ހިސާބުން ގޮނޑި ގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މާނަކުރަނީ،" އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ގޮނޑި ގެއްލުނު ހަ މެމްބަރުންގެ ތެރެއިން ވަހީދާއި އަމީތާއި ސައުދު ވަނީ، މީގެ 3-4 މަސް ކުރިން އެ ބޭފުޅުން ޕީޕީއެމުން ވަކިކުރުމުން ވެސް، ދަފްތަރުން ނަން ކަނޑާފައި ނުވާތީ، އެކަން ކޮށްދިނުމަށް އެދިވަޑައިގެން މި މަހުގެ 10 ގައި އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ޕީޕީއެމުން އަމިއްލަ ގޮތުން ވަކިވި މެމްބަރުން ވެސް އެ ޕާޓީން ވަކިކޮށްދިނުމަށް އެދިވަޑައިގެން ސިޓީ ފޮނުއްވީ ވެސް ހަމަ އެ ތާރީޚުގަ އެވެ.

"އެހެންވެ އިލެކްޝަންސް ކޮމިޝަނުން މާނަކުރާ 14 ދުވަހުގެ މުއްދަތުގެ ތެރެއަށް އޭގެ ތެރެއިން ގިނަ މެމްބަރުން ވަންނަ ކަމަށް އެ ކޮމިޝަނުން ދެކެނީ،" މިހާރުއާ މައުލޫމާތު ހިއްސާކުރެއްވި އިލެކްޝަންސް ކޮމިޝަންގެ އިސް މެމްބަރު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ ޕާޓީއަކުން މެމްބަރަކު ވަކިކުރިކަން އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން ޕާޓީގެ ދަފްތަރުން ވަކި ނުކޮށް އެތައް ދުވަހެއް ވަންދެން ހިފެހެއްޓުމަކީ ވަރަށް ބޮޑު ޖޯކެއް ކަމަށެވެ.

"މެމްބަރެއްގެ ނަން ދަފްތަރުން އުނިކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭނެ ކަމެއް. ޕާޓީން މި އަންގަނީ މިވެނި މެމްބަރަކު އެ ޕާޓީއަކުން ވަކިކޮށްފީމޭ. އެކަމަކު އިލެކްޝަންސް އިން މި ތިބެނީ އެ މެމްބަރުގެ ނަން އެ ކޮމިޝަންގައި އޮންނަ އެ ޕާޓީގެ ދަފްތަރުން އުނިިނުކޮށް. މިއަށް ވުރެ ބޮޑު ޖޯކެއް ކޮބައިތޯ؟ އެ ޕާޓީއަކުން ވަކިިވުމަކީ އެ މެމްބަރަކަށް ލިބޭ ހައްގެއް،" އަމީތު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގެ ދަށުން ހަ މެމްބަރެއްގެ ގޮނޑި ގެއްލުނު މައްސަލާގައި އިލެކްޝަންސް އިން ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. އެތައް ބަޔަކު އެކި ގޮތްގޮތުން ބޮޑެތި ސުވާލުތައް އުފައްދާއިރު ވެސް އެ ކޮމިޝަނުން އަމަލުކުރި ގޮތް އާންމެއް ނުކުރެ އެވެ. ނުވިތާކަށް ބައެއް މެމްބަރުންގެ ގޮނޑި ގެއްލުނުކަން އަދިވެސް އާންމުކޮށް އިއުލާނެއް ވެސް ނުކުރެ އެވެ. މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ އިލްހާމް ޕީޕީއެމުން ވަކިކޮށްފައިވާކަން ވެސް މީޑިއާ އަށް އަންގަނީ ރައްޔިތުންގެ މަޖިލިހުގެ އަމީންއާންމެވެ. އިލެކްޝަންސް ކޮމިޝަން އޮންނަނީ ހިމޭނުންނެވެ. މީޑިއާ އިން ގުޅިޔަސް ފޯނުން ޖަވާބެއް ނުދެ އެވެ.

މިހާރު މި ހިނގާ އިލެކްޝަންސް ކޮމިޝަންގެ ތާކުންތާކު ނުޖެހޭ އިތުރު ކަންކަން، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު މިދަނީ ހާމަވަމުންނެވެ. ޖަވާބުދާރީވުން ސުމެކެވެ. ރައްޔިތުން އިންތިޚާބު ކޮށްފައިވާ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލަމުން ދާއިރު، އަދި އެތައް ބަޔަކު ސުވާލު އުފައްދައި މުޅި ގައުމުގައި އެ ވާހަކަ ދައްކާއިރު ވެސް "ދެފުށް" ދެއްކުމުގެ މުހިންމުކަން އެ ކޮމިޝަންގެ ފަސް މެމްބަރުންނަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ. ނުވިތާކަށް ސިޔާސީ ޕާޓީތަކުގެ ސުވާލުތަކަށް ވެސް ޖަވާބެއް ނުދެވޭ ކަމަށް އެ ޕާޓީތަކުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއްގެ ގޮނޑި އިލެކްޝަންސް ކޮމިޝަނުން ގެއްލުވާލާ ގޮތާ މެދު ގާނޫނީ އެތައް ސުވާލެއް އުފެދިފައިވާއިރު، އެ ކޮމިޝަނުން ސުޕްރީމް ކޯޓުގެ ބަހެއް ހޯދަން ޖެހޭ ކަމަށެވެ. އެހެން ނޫނީ ކޮމިޝަންގެ އިތުބާރު އިތުރަށް ގެއްލޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް: މިހާރުގެ އިލެކްޝަންސް ކޮމިޝަނުން ދެފުށް ފެންނަ ގޮތަށް ކަންކަން ނުކުރާކަން ފާހަގަކުރެއްވި.---ފޮޓޯ:ފޭސްބުކް

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް: މިހާރުގެ އިލެކްޝަންސް ކޮމިޝަނުން ދެފުށް ފެންނަ ގޮތަށް ކަންކަން ނުކުރާކަން ފާހަގަކުރެއްވި.---ފޮޓޯ:ފޭސްބުކް

"ހުކުމުން ވަރަށް ސާފުކޮށް އެބަ އެނގޭ އެ ހުކުމް ނެރޭ ދުވަހުގެ ކުރިން ހިނގާ ކަންކަމަށް އަމަލު ނުކުރެވޭނެ ކަމަށް. އެހެންވީމާ އިލެކްޝަންސް ކޮމިޝަނުން ވަރަށް ގިނަ ގޮތްގޮތުން ބަލަން ޖެހޭ. ކުރިން މެމްބަރުން ވަކިކޮށްފައިވޭތޯ އާއި އިލެކްޝަންސް އަށް ޕީޕީއެމުން ކުރިން އެ މެމްބަރުންނާ ގުޅިގެން ފޮނުވި ސިޓީތަކަށް އަމަލު ނުކުރާ ނަމަ އެކަން ނުކުރީ ކީއްވެތޯ ބަލަން ޖެހޭނެ،" ކޮމިޝަންގެ ރައީސަކަށް ހުންނެވިއިރު، މީީޑިއާއާ ގާތް ގުޅުމެއް ބޭއްވެވި ފުއާދު ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑަށް މި ފެންނަނީ މި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ވަރަށް ޣައިރު ޒިންމާދާރު ގޮތަކަށް އަމަލުކުރާ ތަން."

އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން މީޑިއާއާ އެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، އާންމުންނަށް ކަންކަމުގެ މައުލޫމާތު ދިނުން ކުޑަވެފައިވާ މަންޒަރު ވަރަށް ގިނައިން ފެނެ އެވެ.

"މި ފަހަރު ވެސް ވެގެން މިއުޅެނީ އެކަހަލަ ގޮތެއް. މިކަން މި ހިނގާ ގޮތުގެ މައުލޫމާތެއް އާންމުންނަކަށް ނުދޭ. ޓްރާންސްޕޭރެންސީގެ ކަންފުޅެއް ވެސް ނެތް،" ފުއާދު ވިދާޅުވި އެވެ.