Roadha Mihaaru
ނަވާޒް ޝަރީފް ދުރުކޮށްފި ނަމަ ބޮޑު ވަޒީރުކަން ކޮއްކޮ އަށް

ނަވާޒް ޝަރީފް މަގާމުން ދުރުކޮށްފި ނަމަ ބޮޑު ވަޒީރުކަން ކޮއްކޮ އަށް

23 ޖުލައި 2017

އިސްލާމްއާބާދު (ޖުލައި 23) - ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތާ ގުޅިގެން ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ކޮރަޕްޝަނުގެ މައްސަލަ ޚާއްސަ ކޮމިޝަނަކުން ތަހުގީގު ކުރުމަށް ފަހު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މަގާމުން ގެއްލޭފަދަ ހާލަތަކަށް ހިނގައްޖެ ނަމަ ކޮއްކޯފުޅު ޝަހުބާޒް ޝަރީފަށް ބޮޑު ވަޒީރުކަން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ޖުލައި 23) - ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތާ ގުޅިގެން ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ކޮރަޕްޝަނުގެ މައްސަލަ ޚާއްސަ ކޮމިޝަނަކުން ތަހުގީގު ކުރުމަށް ފަހު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މަގާމުން ގެއްލޭފަދަ ހާލަތަކަށް ހިނގައްޖެ ނަމަ ކޮއްކޯފުޅު ޝަހުބާޒް ޝަރީފަށް ބޮޑު ވަޒީރުކަން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެކަމަކު ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރު ޝަހުބާޒަކީ ޕާލަމެންޓުގެ މެންބަރަކަށް ނުވުމުން ބޮޑު ވަޒީރުކަން ވަގުތުން ވަގުތަށް ލިބޭނެ ގޮތެއް ނެތެވެ. އެހެންވެ ވަގުތީ ގޮތުން ބޮޑު ވަޒީރުކަމަށް ގެނައުމަށް ޚިޔާލުކޮށްފައި ވަނީ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފެވެ. ޖިއޯ ނިއުސް އިން ބުނީ 45 ދުވަސްތެރޭ ބައި-އިލެކްޝަނެއް ބޭއްވުމަށް ފަހު ޝަހުބާޒް ޕާލަމެންޓަށް ގެނެސް ބޮޑު ވަޒީރުކަން ދިނުމާ ގުޅޭ ގޮތުން ވެރިކަންކުރާ ޕާކިސްތާން މުސްލިމް ލީގު ޕާޓީން ވަނީ މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން ނަވާޒް ޝަރީފާ ދެކޮޅަށް ސުޕްރީމް ކޯޓުން ހުކުމެއް އަތުވެއްޖެ ނަމަ ގާނޫނީ ގޮތުން ކުރެވެހެން ހުރި ހުރިހާ ކަމެއް ކުރުމަށް ވެސް ޕާޓީން ވަނީ ނިންމައިފަ އެވެ. ބޮޑު ވަޒީރު ނަވާޒް ޝަރީފް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ޝަހުބާޒް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ޖިއޯ ނިއުސް އިން ބުނެފައިވެ އެވެ. މީގެ އިތުރުން ނަވާޒް ޝަރީފުގެ ގާނޫނީ ޓީމުން ވަނީ މައްސަލައިގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ނަވާޒް ޝަރީފުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލާގައި ދަައުވާކޮށް ނުވަތަ އޭނާ މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓުން ނިންމުމަކީ އެކަށީގެންވާ ކަމެކެވެ.

ނަވާޒް ޝަރީފުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ސުޕްރީމް ކޯޓަށް ހުށަހެޅި ކޮމިޝަނުގެ 254 ސަފުހާގެ ރިޕޯޓާ ގުޅިގެން ނަވާޒް ޝަރީފް ވިދާޅުވެފައި ވަނީ ގާނޫނާޚިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ވަނީ 67 އަހަރުގެ ނަވާޒް ޝަރީފް އިސްތިއުފާ ދެއްވުމަށް ގޮވާލާ މުޒާހަރާ ކުރަން ފަށައިފަ އެވެ.

ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ އާއިލާގެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން ސުޕްރީމް ކޯޓަށް ކުރިން ހުށަހެޅި މައްސަލައިގައި ނަވާޒް ޝަރީފް މަގާމުން ދުރުނުކުރީ ކިރިޔާ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ 2-3 ގެ އަޣުލަބިއްޔަތުން އެ ފަހަރު ނިންމީ ނަވާޒް ޝަރީފް މަގާމުން ދުރު ކުރުމުގެ ބަދަލުގައި ޚާއްސަ ކޮމިޓީއަކުން މައްސަލަ ބެލުމަށެވެ. ޖޮއިންޓް އިންވެސްޓިގޭޝަން ޓީމުގެ ނަމުގައި އުފެއްދި ޕެނަލުގައި ހަ މެންބަރުން ތިބެ އެވެ.

ޕެނަމާ ޕޭޕާސް އިން ވަނީ ނަވާޒް ޝަރީފުގެ އަންހެން ދަރިކަނބަލަކާއި ފިރިހެން ދެ ބޭފުޅުން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ވިޔަފާރި ކުރަމުންދާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ލަންޑަނުން ބިން ގަނެ ވިޔަފާރި ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.