Roadha Mihaaru
އަންނަ އަހަރުގެ އިންތިޚާބުގައި ނަވާޒް ޝަރީފް ނުހުއްޓުވޭނެ

އަންނަ އަހަރުގެ އިންތިޚާބުގައި ނަވާޒް ޝަރީފް ނުހުއްޓުވޭނެ: މަރިޔަމް

30 ޖުލައި 2017

އިސްލާމްއާބާދު (ޖުލައި 30) - ސުޕްރީމް ކޯޓު މެދުވެރިވެގެން ބޮޑު ވަޒީރުކަމުގެ މަގާމުން ދުރު ކުރި ނަމަވެސް އަންނަ އަހަރު އޮންނަ އިންތިޚާބުގައި ނަވާޒް ޝަރީފް ނުހުއްޓުވޭނެ ކަމަށް ދަރިކަނބަލުން މަރިޔަމް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ޖުލައި 30) - ސުޕްރީމް ކޯޓު މެދުވެރިވެގެން ބޮޑު ވަޒީރުކަމުގެ މަގާމުން ދުރު ކުރި ނަމަވެސް އަންނަ އަހަރު އޮންނަ އިންތިޚާބުގައި ނަވާޒް ޝަރީފް ނުހުއްޓުވޭނެ ކަމަށް ދަރިކަނބަލުން މަރިޔަމް ވިދާޅުވެއްޖެ އެވެ.

"ބޮޑު ވަޒީރުކަމުގެ މަގާމުގައި ހުރުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމަކީ ބައްޕަގެ ސިޔާސީ ހަޔާތަށް ހުއްޓުމެއް ނޫން. އެއީ އަންނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރަން ފަހިވެގެން ދިޔަ މަގެއް. އިރާދަކުރެއްވިޔާ އަންނަ އަހަރުގެ އިންތިޚާބުގައި ނުހުއްޓުވޭނެ،" ނަވާޒް ޝަރީފަށް ފަހު ބޮޑު ވަޒީރުކަމުގެ މަގާމަށް ގެނައުމަށް ތައްޔާރު ކުރަމުން ދިޔަ މަރިޔަމް ވިދާޅުވި އެވެ.

ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ކޮރަޕްޝަނުގެ ތުހުމަތު އެންމެ ބޮޑަށް އަޅުވާފައިވާ އެއް ފަރާތަކީ މަރިޔަމް އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ނޭޝަނަލް އެކައުންޓިބިލިޓީ ބިއުރޯ އިން މަރިޔަމްގެ މައްސަލަ ބެލުމަށް ވަނީ އަންގައިފަ އެވެ.

"އިންތިޚާބުކޮށްފައިވާ ބޮޑު ވަޒީރަކު އަނެއްކާވެސް ގެއަށް ފޮނުވާލީ. އެކަމަކު އިރާދަކުރެއްވިޔާ ދެން ވެރިކަމަށް އަންނާނީ މާބޮޑު ތާއިދަކާ އެކު،" މަރިޔަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ނަވާޒް ޝަރީފު މަގާމުން ދުރުކުރުމުން މާޔޫސްވެފައި ތިބި ޕާޓީގެ ސަޕޯޓަރުންނަށް މަރިޔަމް ވިދާޅުވީ މިއީ ޕާޓީގެ ލީޑަރު ބޮޑު ވަޒީރުކަމުން ދުރުކުރި ފުރަތަމަ ފަހަރު ނޫން ކަމަށާއި އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް ލިބިވަޑައިގަންނަވަނީ އިތުރު ހިތްވަރެއް ކަމަށެވެ.

ނަވާޒް ޝަރީފު މަގާމުން ދުރުކުރުމުން ބޮޑު ވަޒީރުކަމުގެ މަގާމަށް ގެނައުމަށް މިހާރު ނިންމާފައި ވަނީ ކޮއްކޯފުޅު ޝަހުބާޒް ޝަރީފެވެ. އެކަމަކު ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝަހުބާޒަކީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް ނުވުމުން ބައި-އިލެކްޝަން ބާއްވަންދެން ވަގުތީ ގޮތުން ބޮޑު ވަޒީރުކަން ދިނުމަށް ނިންމާފައި ވަނީ ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ޚައްގާން އައްބާސީ އަށެވެ.