Roadha Mihaaru
ޕާކިސްތާނުގައި ސަރުކާރު ހަދަން އިއްތިހާދުވާނެ ބަޔަކުނެތް

ޕާކިސްތާނުގައި ސަރުކާރެއް އެކުލަވާލަން އިއްތިހާދުވާނެ ބަޔަކު ނެތް

14 ފެބުރުއަރީ 2024

ޕާކިސްތާނުގައި ބޭއްވި އާންމު އިންތިހާބުން އެއްވެސް ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުން އަމިއްލަ މެންބަރުންނާއި ޕާޓީތައް އިއްތިހާދުވާން ޖެހިފައި ވިޔަސް އެކަމަށް އެއްވެސް ބަޔަކު އެއްބަސް ނުވާތީ މައިނޯރިޓީ ސަރުކާރެއް އެކުލަވާލަން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ޕާކިސްތާނުގައި ބޭއްވި އާންމު އިންތިހާބުން އެއްވެސް ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުން އަމިއްލަ މެންބަރުންނާއި ޕާޓީތައް އިއްތިހާދުވާން ޖެހިފައި ވިޔަސް އެކަމަށް އެއްވެސް ބަޔަކު އެއްބަސް ނުވާތީ މައިނޯރިޓީ ސަރުކާރެއް އެކުލަވާލަން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނެތް އިރު އެންމެ ގިނަ ގޮނޑި ހޯދާފައިވަނީ ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިންތިހާބުގައި ވާދަކުރުން މަނާކުރުމުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި އެ ޕާޓީގެ ކެންޑިޑޭޓުންނެވެ.

މިނިވަން ކެންޑިޑޭޓުންނަކީ ސަރުކާރު އެކުލަވާލުމުގެ ގާނޫނީ ބާރު އޮންނަ ބަޔަކަށް ނުވާތީ ދެން އެންމެ ގިނައިން ވޯޓު ލިބުނު ޕާޓީތަކުގެ ތެރެއިން އަމިއްލަ މެންބަރުން ތާއީދުކުރާ ޕާޓީއަކަށް ސަރުކާރު ހެދިދާނެ އެވެ. އެކަމަކު ޖަލުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އިމްރާން ވަނީ އޭނާއަށް ތާއީދުކުރާ ކެންޑިޑޭޓުން އެއްވެސް ޕާޓީއަކާ އެކު މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އިމްރާން މިހެން ވިދާޅުވުމަކީ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީ ކަމަށްވާ، ކުރިން ތިން ފަހަރު ވެރިކަން ކުރައްވާފައިވާ ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް (ޕީއެމްއެލް-އެން) އަށް ވެސް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ހުރަސްއެޅުމެވެ.

ވެރިކަމުން ދުރުކޮށް މިދިޔަ އޯގަސްޓް މަހު ހައްޔަރުކުރީންސުރެ ގިނަ ދުވަހު ހޭދަކުރައްވާފައިވާ ޖަލުގައި ނޫސްވެރިންނާ ވާހަކަ ދައްކަން ދިން ފުރުސަތެއްގައި އިމްރާން ވިދާޅުވީ ނަވާޒް ޝަރީފްގެ ޕާޓީ އަކީ ވެސް ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އަކީ ވެސް ކޮރަޕްޝަންގެ ތެރޭގައި އޮތް ދެ ޕާޓީ ކަމަށެވެ.

"އަޅުގަނޑުމެން ޕީއެމްއެލް-އެން އަދި ޕީޕީޕީއަކާ އެކު ވެސް އިށީންނާކަށް ނެތިން،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުގައި ވަނީ މަކަރާއި ހީލަތް ހަދާފައި ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި އެ މައްސަލައަށް ވާގޮތެއް ބަލާފައި ނޫނީ ޕާޓިއަކަށް ތާއީދުކުރުމާ މެދު ގޮތެއް ނުނިންމާނެ ކަމަށެވެ.

އިންތިހާބުގައި ތިން ވަނަ އަށް ދިޔަ ޕީޕީޕީގެ ޗެއާމަން ބިލާވަލް ބުއްޓޫ ޒަރްދާރީ ވެސް ވިދާޅުވީ ޕާޓީއަކަށް ތާއީދުކުރިޔަސް ކުރާނީ ސަރުކާރުގައި ހިއްސާނުވާ ގޮތަށް ކަމަށެވެ. އެކަމަކު މަޖިލީހުގައި ބޮޑުވަޒީރު ހޮވުމާއި ބަޖެޓް ފާސްކުރުމާއި ގާނޫނުތައް ހެދުމުގައި ވޯޓު ދޭނެ ކަމަށް ވިދާޅުވި އެވެ.

އެއްވެސް ބަޔަކު އެހެން ޕާޓީއަކާ ގުޅިގެން ސަރުކާރު އެކުލަވާކަން ބޭނުން ނުވެއްޖެ ނަމަ މައިނޯރިޓީ ސަރުކާރެއް ހަދަން ޖެހުމުގެ ނަތީޖާއަކަށް ވާނީ ސަރުކާރު އެކުލަވާލާ ޕާޓީގެ އެއްވެސް ބާރެއް މަޖިލީހުގައި ނެތުމެވެ. އިމްރާނަށް ތާއީދުކުރާ އަމިއްލަ ކެންޑިޑޭޓުން ގިނައިރު، މައިނޯރިޓީ ސަރުކާރެއް ނަވާޒް ޝަރީފްގެ ޕާޓީން އެކުލަވައިލިޔަސް އިމްރާންގެ މެންބަރުންނަށް މަޖިލީހުގެ ކޮންޓްރޯލް އޮންނާނެ އެވެ. --އޭއެފްޕީ