Roadha Mihaaru
ގިނައީ އިމްރާންގެ ކެންޑިޑޭޓުން، ބާރު ނަވާޒް ޝަރީފަށް

މޮޅުވީ އިމްރާންގެ ކެންޑިޑޭޓުން، އުންމީދު ބޮޑީ ނަވާޒް ޝަރީފަށް!

10 ފެބުރުއަރީ 2024

ޕާކިސްތާނުގައި ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބުގެ ނަތީޖާ އަދިވެސް އެއްކޮށް ސާފު ނުވިޔަސް، ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ކެންޑިޑޭޓުން މިނިވަން ކެންޑިޑޭޓުންގެ ނަމުގައި ނުކުމެ އިންތިހާބުގެ ކުރި ވަނީ ހޯދައިފަ އެވެ. ޕާކިސްތާނުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވާ އަސްކަރިއްޔާގެ ތާއީދު އޮތް އަނެއް ދެ ޕާޓީއަށް ވުރެ މިނިވަން ކެންޑިޑޭޓުންގެ ކާމިޔާބީ މާ ރަނގަޅެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތެއް އެއްވެސް ބަޔަކަށް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.

އިމްރާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ގެ ކެންޑިޑޭޓުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރީ ޕީޓީއައިގެ ނަމުގައި އަދި އެ ޕާޓީގެ ނިޝާން ޖަހައިގެން ވެސް އެ ކެންޑިޑޭޓުންނަށް ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުންނެވެ. ވޯޓު ކަރުދާހުގައި ނަމާ ދިމާލުގައި ޕާޓީގެ ނިޝާނެއް ނެތުމަކީ ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް 60 ޕަސެންޓަށް ވެސް ނާރާ ޕާކިސްތާނުގައި ގިނަ ބަޔަކަށް އޮޅުން އަރާނެ ކަމެއްގެ ގޮތުގައި ބެލެވެ އެވެ.

ނަތީޖާ ހާމަކުރުން ލަސްކުރަމުން ދާތީ، ނަތީޖާ އޮޅުވާލަނީ ކަމުގެ ތުހުމަތު އިތުރަށް ބޮޑުވެފައި ވަނިކޮށް، އަސްކަރިއްޔާގެ ތާއީދު އޮންނަ ޕާކިސްތާން މުސްލިމް ލީގު ނަވާޒް (ޕީއެމްއެލް-އެން) އިން ވަނީ އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީގެ ގޮތުގައި އެންމެ ކުރިން ކާމިޔާބީ އިއުލާންކޮށްފަ އެވެ. އެކަމަކު ތިން ފަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފްގެ ޕާޓީއަށް މަޖުބޫރުވާނީ ވާދަވެރިންނާއި މިނިވަން ކެންޑިޑޭޓުންނާ އެކު އިއްތިހާދު ހަދާށެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުން: އެ ޕާޓީގެ ކެންޑިޑޭޓުން އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ނުކުމެ ބޮޑު ކާމިޔާބީއެއް ހޯދިޔަސް މިނިވަން ކެންޑިޑޭޓުންނަށް ސަރުކާރު އެކުލަވާލަން ފުރުސަތެއް ނޯވޭ. -- ފޮޓޯ: އޭއެފްޕީ

ކާމިޔާބީ އިއުލާނުކުރެއްވުމަށް ފަހު ނަވާޒް ޝަރީފް ފަހުން ވަނީ އެ ވާހަކަ އަނބުރާ ގެންދަވައިފަ އެވެ.

"އަޅުގަނޑުމެންނަށް އަމިއްލައަށް ސަރުކާރު ހިންގޭވަރުގެ އަޣުލަބިއްޔަތެއް ނެތް، އެހެންވެ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރުމަށް ދައުވަތު، ކާމިޔާބު ހޯދި އެހެން ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ދެން،" ނަވާޒް ޝަރީފް ވިދާޅުވި އެވެ.

އާދަޔާ ހިލާފް ލަހުން ނަތީޖާ ލިބެމުން އަންނައިރު ރޭ ފަތިހު ލިބުނު ނަތީޖާތަކާ އެކު ދައްކަނީ މިނިވަން މެމްބަރުންނަށް މަދުވެގެން 98 ގޮނޑި ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 87 ގޮނޑިއަކީ އިމްރާނަށް ތާއީދުކުރާ ކެންޑިޑޭޓުންގެ ގޮނޑިތަކެކެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ފޮޓޯއެއް ކައިރިން، ކާތަކެތި އަޅާފައި ހުރި ތަބަކެއް ހިފައިގެން ކުއްޖަކު ހިނގާފައި ދަނީ. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ފޮޓޯއެއް ކައިރިން، ކާތަކެތި އަޅާފައި ހުރި ތަބަކެއް ހިފައިގެން ކުއްޖަކު ހިނގާފައި ދަނީ. -- ފޮޓޯ: އޭއެފްޕީ

ޕީއެމްއެލް-އެން އަށް 69 ގޮނޑި ލިބިފައި ވާއިރު ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އަށް 51 ގޮނޑި ލިބިފައިވެ އެވެ. މަޖިލީހުގައި 266 ގޮނޑި ހިމެނޭ އިރު އަދިވެސް ވިއްސަކަށް ގޮނޑީގެ ނަތީޖާ ނުލިބެ އެވެ.

އަދި ބައި މަދު ދީންތަކާއި އަންހެން ކެންޑިޑޭޓުންނަށް އިންތިހާބަކާ ނުލައި ދޭ ގޮނޑިތަކެއް ވެސް ހުންނައިރު އެ ގޮނޑިތައް ދޭނެ ބަޔަކު ކަނޑައަޅާނީ އަދި ފަހުންނެވެ.

އިމްރާނަށް ވަފާތެރި ކެންޑިޑޭޓުންނަށް ގިނަ ގޮނޑިތައް ލިބުނީ ޚައިބަރު ޕަޚްތުންޚްވާ އިން އިނެވެ. އެ ސަރަހައްދުގައި ހުކުރު ދުވަހު ކުރި މުޒާހަރާގައި ޕީޓީއައިގެ ދެ ސަޕޯޓަރުން މަރުވެ 20 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެސް ވެފައިވެ އެވެ.

ނަވާޒް ޝަރީފްގެ އެނބުރި އައުމަށް ވެދާނެ!

ދިރާސާކުރާ މީހުން ބުނަނީ އުމުރުން 74 އަހަރުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް އަދިވެސް އިތުރު ގޮނޑިތަކާ އެކު އަލުން ބޮޑުވަޒީރު ކަމަށް އައުމުގެ ފުރުސަތު ތަނަވަސް ކަމަށެވެ.

ސަބަބަކަށް ވަނީ ޕާޓީއަކާ ނުގުޅި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ތިބި މެންބަރުން އެކުވެގެން ސަރުކާރު އެކުލަވާލަން ފުރުސަތު ނޯންނާތީ އެވެ. އެ ކެންޑިޑޭޓުންނަށް ޖެހޭނީ ނަތީޖާ އިއުލާނުކުރާތާ 72 ގަޑިއިރު ތެރޭ، ވަކި ޕާޓީއަކާ އެކު މަސައްކަތްކުރަން ބޭނުން ނަމަ އެކަން އިއުލާނުކުރާށެވެ.

އެހެންވެ މިހާރު ނަތީޖާ ފެންނަ ގޮތުން، މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ނުކުތް ޕީޓީއައިގެ ކެންޑިޑޭޓުންގެ ތެރެއިން އެކި ކެންޑިޑޭޓުން އެކި ޕާޓީތަކާ އެކު މަސައްކަތްކުރާނެ އެވެ. އޭރުން އިމްރާންގެ ކެންޑިޑޭޓުންގެ ފުރިހަމަ ބާރެއް މަޖިލީހަކުން ނުފެންނާނެ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އޭނާގެ ޕާޓީގެ އޮފީހުގައި ރޭ ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އޭނާގެ ޕާޓީގެ އޮފީހުގައި ރޭ ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

އެހެން ވިޔަސް، ޕީޓީއައި އަށް ހުރިހާ ދޮރެއް ބަންދުކޮށް ޕާޓީގެ ލީޑަރާއި އިސް އެތައް ބަޔަކު ޖަލަށް ލައިގެން ވެސް އަސްކަރިއްޔާއަށް މިފަހަރު ކާމިޔާބު ނުވި ކަމަށް ދިރާސާކުރާ މީހުން ދެކެ އެވެ.

ނަވާޒް ޝަރީފް 2017 ވަނަ އަހަރު ވެރިކަމުް ދުރުކޮށް އިންތިހާބުތަކުގައި ވާދަކުރުން މުޅި އުމުރަށް، ސުޕްރީމް ކޯޓުގެ ހުކުމަކުން މަނާކުރި އެވެ. އޭގެ ފަހުން ޖަލުގައި އެތައް ދުވަހަކު އޮންނެވުމަށް ފަހު، ގައުމުން ބޭރުގައި އުޅުއްވުމަށް އެއްބަސްވެ ވަޑައިގަތުމުން ޖަލުން މިނިވަންކޮށް 2019 ވަނަ އަހަރު އިނގިރޭސި ވިލާތަށް ފޮނުވި އެވެ.

ނަވާޒް ޝަރީފަށް އިންތިހާބުތަކުގައި ވާދަކުރެއްވުމުގެ ފުރުސަތު މިހާ ހިސާބަށް ނުލިބި އޮތީ ސުޕްރީމް ކޯޓުން އޭރު ކުރި ހުކުމާ ހެދި އެވެ. އެކަމަކު، ދިރާސާކުރާ މީހުން ބުނާ ގޮތުގައި ސުޕްރީމް ކޯޓުން މިފަހަރު ނަވާޒް ޝަރީފަށް ކާމިޔާބުވެ އިންތިހާބުން ފުރުސަތު ލިބުނީ ޕާކިސްތާނުގެ ސިޔާސީ ކަންކަމަށް އަބަދުވެސް ނުފޫޒު ފޯރުވައި ކޮންޓްރޯލްކުރާ އަސްކަރިއްޔާ އާއި ނަވާޒް ޝަރީފްގެ ގުޅުން މިހާރު ރަނގަޅުވެފައި ވާތީ އެވެ.