Roadha Mihaaru
ކޮލަމް 27: މީހުން މެރުމުގެ އާ ޖީލެއް އުފަންވެއްޖެ!

ކޮލަމް 27: މީހުން މެރުމުގެ އާ ޖީލެއް އުފަންވެއްޖެ!

07 ޖޫން 2016

އާންމުކޮށް ވާހަކަފުޅެއް ދައްކަވާ ނަމަ ރައީސް އަބްދުﷲ ޔާމީންް ދައްކަވާނީ އެމަނިކުފާނު އެ ވަގުތަކު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވި ކަމަކާ ދޭތެރޭ އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން ގޭންގު ކުށްތަކާ ދޭތެރޭ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނެވި ކަން ދޭހަވި އެވެ. އެ ވާހަކަފުޅު އެ އައީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޑަ ކުޑަ ދެ ކުއްޖަކު ވަޅި ހަރައި މަރާލުމާ ގުޅިގެންނެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

އާންމުކޮށް ވާހަކަފުޅެއް ދައްކަވާ ނަމަ ރައީސް އަބްދުﷲ ޔާމީންް ދައްކަވާނީ އެމަނިކުފާނު އެ ވަގުތަކު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވި ކަމަކާ ދޭތެރޭ އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން ގޭންގު ކުށްތަކާ ދޭތެރޭ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނެވި ކަން ދޭހަވި އެވެ. އެ ވާހަކަފުޅު އެ އައީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޑަ ކުޑަ ދެ ކުއްޖަކު ވަޅި ހަރައި މަރާލުމާ ގުޅިގެންނެވެ.

އެއީ ފަހަކަށް އައިސް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން އަޅުގަނޑު ހިތްހަމަޖެހުނު އެއް ވާހަކަފުޅެވެ. އެމަނިކުފާނުގެ ގަދަ އަޑުފުޅުން ގޭންގުތަކަށް ދެއްވި އިންޒާރަށް ޓަކައި އަޅުގަނޑު ޝުކުރު ދަންނަވަމެވެ. ގޭންގު ކުށްތައް ހުއްޓުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވީތީ އުފާ ކުރަމެވެ. އަދި މަރަށް މަރު ހިފާނެ ވާހަކަފުޅާއި ގޭންގު ކުށްތަކާއި މީހުން މެރުމުގެ ޚިޔާލު ދޫކޮށްލުމަށް އެމަނިކުފާނު އެދިވަޑައިގަތުމަކީ ގޭންގުގެ މުސްތަގުބަލު ރާއްޖެއިން ފޮހެލާނެ ކަމުގެ އިޝާރާތެއް ކަމާ ދޭތެރޭ ޝައްކެއް ނުކުރަމެވެ. ނަމަވެސް، ޝައްކު އުފެދޭ ކަންތައްތައް ވެސް މަދެއް ނޫނެވެ. އެންމެ ބޮޑު ޝައްކަކީ، މި ގޭންގުތައް ހުއްޓުވިދާނެތޯ އުފެދޭ ޝައްކެވެ. ގޭންގުތައް ހަރަކާތްތެރިވާ ގޮތާއި ގޭންގުތަކަށް ލިބިފައި އޮތް ބާރާއި އެ ގޭންގުތަކުގެ ނުފޫޒު ފޮހެލުމަށް މި ރައީސަށް ލިބިގެން ވަނީ އިތުރު ކޮން ބާރެއްތޯ އުފެދޭ ވަހުމެވެ. އެހެންވެ، އިރުއިރުކޮޅާ ހަމަ ހިތަށްއަރަނީ އެއީ ހަމަ ދެއްކެވި ވާހަކަފުޅެއް ނޫން ބާވަ އެވެ؟ ހިތާ ދެކޮޅަށް ވެސް މިހެން ބުނެވެނީ މި ދަންނަވާ ސަބަބުތަކަށް ޓަކަ އެވެ؛

ގޭންްގު ކުށްތައް ހުއްޓުވުމުގެ ވާހަކަ އަކީ ރައީސް އަބްދުﷲ ޔާމީން އެކަނި ދެއްކެވި ވާހަކަފުޅެއް ނޫނެވެ. މީގެ 15 ވަރަކަށް އަހަރު ކުރިން (އޭގެ ފަހުން ޔާމީން އަކީ ހަތަރު ވަނަ ރައީސް) ފެށިގެން ވެސް ރައީސުން އެ ވާހަކަފުޅު ދައްކަވަ އެވެ. ކޮންމެ ފަހަރަކު ގޭންގު ކުށްތަކާ ގުޅިގެން، ނުވަތަ ކޮންމެވެސް މާރާމާރީއަކާ ގުޅިގެން އޭރެއްގެ ރައީސަކު ހަމަ ހަރު އަޑުފުޅުން އެ ވާހަކަ ގޮވާ ހައްދަވަ އެވެ. ހަމަ މި ވާހަކަފުޅެވެ. އެ ބޭފުޅުން ވެރިކަމުން ވަކިވެގެން ދަނީ ގޭންގު ކުށްތައް އޮތް ތާނގައި އޮއްވަ އެވެ. އެތަކެއް ޕޮލިސް ކޮމިޝަނަރުން ވެސް ވަކިވެގެން ހިނގައްޖެ އެވެ. އެކަމަކު ފުލުހުންނަށް މިކަމެއް ނުހުއްޓުވުނެވެ. އެތަކެއް ހޯމް މިނިސްޓަރުންނެއް ވެސް އައިސް ގޮސް ވެއްޖެ އެވެ. ގޭންގުތައް ގުޑުވައެއް ނުލެވުނެވެ. އެތަކެއް ސިޔާސަތުތަކެއް ކަނޑައެޅިއްޖެ އެވެ. ހުރިހާ ސިޔާސަތެއް ވީ ފެއިލް އެވެ. އެތަކެއް ގާނޫނެއް ހެދިއްޖެ އެވެ. ގޭންގުތަކުގެ މައްޗަކަށް އެއަކަށް ކުރިއެއް ނުހޯދުނެވެ. އެހެން ވާހަކަ ދައްކަ ދައްކަ ތިއްބާ މިހާރު މި ފެންނަނީ އާ ޖީލެއް ނުކުމެ މީހުން މަރަން ފެށި ތަނެވެ.

"އެކަމަކު ބަލާ މިހާރު ވެސް އެ ގޭންގު އެއޮއް ހަރަކާތްތެރިވަނީ އެއްވެސް ފިކުރެއް ހާސް ކަމެއް ނެތި. މިހާރު އެއީ އެ ގޭންގުގެ ތިން ވަނަ ޖީލު. އަހަރެމެންނަށް ވުރެ ވެސް މާ ބިރު ކުޑަ އެއްވެސް ޖެހިލުމެއް ނެތް ކުދިކުދި ކުދިން އެ އުޅެނީ."

އުމުރުން 14 އަހަރުގެ ދެ ކުއްޖަކު މަރުވި ވާހަކަ އިވުމާ އެކު ހަގީގަތުގައި ވެސް އަޅުގަނޑަށް ހުއްޓުން އައެވެ. ހަގީގަތުގައި އެއީ ކަރުނަ އަޅާ ރޯން ޖެހޭ ވަރުގެ ދެ ހާދިސާއެކެވެ. އެންމެ 14 އަހަރުގެ ދެ ކުއްޖަކު ގުރޫޕު މާރާމާރީއެއްގައި މަރާލުމަކީ، މި ގައުމު ފެއިލްވެފައިވާ ކަމުގެ ވަރަށް ބޮޑު ހެއްކެކެވެ. މިއީ، މުޅި ގައުމުގައި ޒިންމާ ނަގަން ޖެހޭ މުއައްސަސާތަކަށް އެކަން ރަނގަޅަށް ނުބެލެހެއްޓޭ ކަމުގެ ވަރަށް ފުރިހަމަ މިސާލެވެ. އަދި މިއީ، ކުށުގެ ވެށި މައިތިރި ކުރަން އުފައްދާފައިވާ މުއައްސަސާތަކަށް އެކަންކަން ރަނގަޅަށް ނުބެލޭ ކަމުގެ ހެއްކެއް ވެސް މެ އެވެ. ކަންކަން ގޯހުން ގޯހަށް ދާނީ މި ވަރަށެވެ. ގޭންގު ކުށްތަކާއި ގުރޫޕު މާރާމާރީތައް ރާއްޖޭގައި ހިންގާތާ އެތަކެއް އަހަރެއް ވީ އިރު، ފަހަރަކު މީހަކު މަރަމުން ގޮސް، އެކަން މިހާރު ފަހަރަކަށް ޑަބަލް ވެގެން ދިޔައިރު ވެސް އަޅުގަނޑުމެންގެ ސަރުކާރާއި ދައުލަތް މި އޮންނަނީ ވަރަށް ހިމޭނުންނެވެ. ބާރު ކެނޑިފަ އެވެ. ކުށްވެރިންގެ އާ ޖީލުތައް އުފެދި ލޭގެ ކޯރުތައް ދަމާލާއިރު، އަޅުގަނޑުމެން މި ތިބެނީ އެ ލޭތަކަށް ފެން ޖަހައި ސާފު ކުރަން އެކަންޏެވެ. އިތުރު އެއްވެސް ފިޔަވަޅެއް ނޭޅެ އެވެ.

މާފުށީ ޖަލުގައި މީގެ 10 ވަރަކަށް އަހަރު ކުރިން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކޮށްގެން، ނޫސްވެރިން އެ ޖަލަށް ގެންދިޔަ އިރު އެތަނުން އޭރު ދިމާވި ރާއްޖޭގެ އޭރު ވަރަށް މަޝްހޫރު ގޭންގުސްޓާރަކާ އަޅުގަނޑާ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ދިމާވި އެވެ. އޭނާ ބުނީ އެ ދިރިއުޅުން އަމިއްލަ އަށް ދޫކޮށްލައިފި ކަމަށާއި އެކަމަކު އެއީ ދީނީ ގޮތުން އޭނާ އަށް ލިބުނު މައުލޫމާތުތަކާ އެކު އައި ބަދަލެއް ކަމަށެވެ. އެކަމަށް ޓަކައި މިހާރު އޭނާ ހިތާމަ ކުރެ އެވެ. އަދި އެ ދުވަހު އޭނާ އެހެން ޝަކުވާއެއް ވެސް ކުރި އެވެ.

"އެކަމަކު ބަލާ މިހާރު ވެސް އެ ގޭންގު އެއޮއް ހަރަކާތްތެރިވަނީ އެއްވެސް ފިކުރެއް ހާސް ކަމެއް ނެތި. މާ ބާރުގައި. މިހާރު އެއީ އެ ގޭންގުގެ ތިން ވަނަ ޖީލު،" އޭނާ ބުންްޏެވެ. "އަހަރެމެންނަށް ވުރެ ވެސް މާ ބިރު ކުޑަ. އެއްވެސް ޖެހިލުމެއް ނެތް ކުދިކުދި ކުދިން އެ އުޅެނީ."

ހުކުރު ވިލޭރޭގެ މަރާމާރީގެ ހެކިތައް ފުލުހުން ދެނެގަންނަނީ: ގޭންގު ކުށްތައް ހުއްޓުވުމުގައި ގައުމު އޮތީ ފެއިލް ވެފައި -- ފޮޓޯ: މިހާރު

ހުކުރު ވިލޭރޭގެ މަރާމާރީގެ ހެކިތައް ފުލުހުން ދެނެގަންނަނީ: ގޭންގު ކުށްތައް ހުއްޓުވުމުގައި ގައުމު އޮތީ ފެއިލް ވެފައި -- ފޮޓޯ: މިހާރު

މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ހާދިސާ ހިނގުމާ އެކު އަޅުގަނޑަށް ފުރަތަމަ ވެސް ހަނދާނަށް އައީ އޭނާ ދެއްކި ވާހަކަ އެވެ. ސާދަ އަހަރުގެ ދެ ކުއްޖަކު މަރާލުމާ އެކު ހިތަށް އައީ ގުރޫޕުތަކާއި ގޭންގުތައް އާވެ، މިހާރުގެ އާ ޖީލު މިއޮތީ 18 އަހަރު ވެސް ނުފުރޭ ކުދިންގެ އަތްމަތީގައި ކަމެވެ. އޭނާ ބުނިހެން ތެދެކެވެ؛ އެހާ ވެސް ބިރު ކުޑަ އެވެ. އެހާ ވެސް ބިރުވެރި އެވެ.

ގޭންގުތަކުގެ ބިރު ކުޑަ ކަމަކީ، ރޯމާދުވާލު އާންމުންގެ ތެރޭގައި މަގު ބަންދުކޮށްލައިގެން ދަގަނޑާއި ލަކުޑި ބުރިތަކުން މާރާމާރީ ހިންގާހާ ކުޅަދާނަކަން އޮތުމެވެ. އާންމުންނާއި ކުޑަކުދިން ތިއްބާ ވެސް އެއްވެސް ޖެހިލުމެއް ނެތި ކުރާނެ ކަމެއް ކުރުމެވެ. ރޯމާ ދުވާލު އާންމުންގެ މުދާ ފޭރެން ކެރުމެވެ. ތަންތަނުގައި ހުޅުޖެހުމުގައި އެވަރުގެ ދެވަނަ ނަމޫނާއެއް ނެތުމެވެ. މި ހުރިހާ ކަމެއް ކޮށް ނިންމާލާއިރު، އާންމު ކޮންމެ މީހެއްގެ ހިތަށް ވެސް އަންނާނީ، މިއީ ކޮން ބާރެއް ލިބިގެން އުޅޭ ބައެއް ހޭ އެވެ؟ ތިން ހާހެއްހާ ފުލުހުންނާއި އެތަކެއް ބައިވަރު ސިފައިންނާއި އިންތިހާބީ ސަރުކާރަކާއި އެކިއެކި މުއައްސަސާތަކާއި ޖަލުތައް ވެސް އޮތް، އެންމެ ތިން ލައްކައެއްހާ މީހުން އުޅޭ ގައުމެއްގައި ތިރީހަކަށް މީހުންގެ ގުރޫޕަކަށް މި ވަރުގެ ބާރެއް ލިބިގެން މި އުޅެނީ ކޮން ތާކުން ހޭ އެވެ؟

މާލޭގައި އެންމެ ކުރިން އުފެދުނު ބައެއް ގޭންގުތައް އަދިވެސް ހަރަކާތްތެރިވެ އެވެ. ބައެއް ގޭންގުތަކުގެ މީހުން އިސްލާހުވެ ޒިންމާދާރު މަސައްކަތްތަކާއި ވިޔަފާރިތަކުގައި ވެސް އެބަ ހަރަކާތްތެރިވެ އެވެ. ގޭންގުތަކުގެ ގޮތުގައި އޭރު ދުށް ބައެއް ގުރޫޕުތައް މިހާރު މާރާމާރީތައް ދޫކޮށް އެހެން ކަންކަމުގައި އުޅޭއިރު، އޭގެ އެހެން ވިންްގުތައް ވެސް އެކި ނަން ނަމުގައި މާރާމާރީގެ ތެރޭގައި ހަރަކާތްތެރިވެ އެވެ. ބައެއް ގޭންގުތައް އަލަށް އުފެދިފައި ވެސް އެބަ ހުއްޓެވެ. އަދި އާ ޒުވާނުންނާއި ކުޑަކުދިން ވެސް ގޭންގުތަކުގައި ހަރަކާތްތެރިވާތަން ފެންނަމުން ދެ އެވެ. ސްކޫލު ނިންމާފައި ގޭންގުތަކާ ގުޅޭ ކުދިންނާއި ސްކޫލުގައި އުޅެމުން ވެސް ގޭންގު ހަރަަކާތުގައި އުޅޭތަން އެބަ ފެނެ އެވެ.

މާނަ އަކީ، ގޭންގު ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމެވެ. އަދި އެ ގޭންގުތައް އޮޕަރޭޓް ކުރާ މީހުން ބަރާބަރަށް ކުރާ ކަމެވެ. މިއީ ސިއްރެއް ނޫނެވެ. ރާއްޖޭގެ ގޭންގުތަކާއި ގޭންގުތައް އޮޕަރޭޓް ކުރާ މީހުން ފުލުހުންނަށް ވެސް އެނގެ އެވެ. އެ ގޭންގުތައް ހުއްޓުވުމުގެ ގާބިލް މީހުން ވެސް ފުލުހުންގެ ތެރޭގައި އެބަތިއްބެވެ. ކުށުގެ ވެށި، މެޓައެއް ކާލާހާ ފަސޭހައިން ސައިޒް ކޮށްލާ ވަރުގެ ތަޖުރިބާ އާއި އިލްމު ލިބިފައި ތިބި ފުލުހުން ވެސް އެ މުއައްސަސާގައި އެބަ ހުއްޓެވެ.

މާލޭގައި މާރާމަރީ ގިނަވެ، ދެ ކުއްޖަކު މަރާލުމާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކުރަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މާލޭގައި މާރާމަރީ ގިނަވެ، ދެ ކުއްޖަކު މަރާލުމާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކުރަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

އެކަމަކު ގުރޫޕު މާރާމާރީތައް ދޭތެރެ ދޭތެރެއިން ހިނގަމުން ދެ އެވެ. ގޭންގު މާރާމަރީތަކުގައި މީހުން ވެސް މަރަމުން ދެ އެވެ. ގޭންގު ކުށްތަކުގެ "ރިހި ޔޫބީލް" ފާހަގަ ކުރާ އުމުރަށް ދާއިރު ވެސް މިކަމެއް ނުވެއް ހުއްޓުވުނެވެ. އެކަން ދަނީ ފުޅާވަމުންނެވެ. އޭގެ މުގޫ ލުހެއެއް ނުލެވެ އެވެ. އިތުރު މީހުންނާއި ކުޑަކުދިން ކުށުގެ ވެށީގައި ގެނބިގެން ދަނީ އެވެ. ގޭންގުތައް ނައްތާލައި، ކުށްވެރިން އިސްލާހުކުރުމުގެ ސިޔާސަތެއް، ވިސްނުމެއް ނެތެވެ. އޭގެ ހެއްކަކީ، މި 15 އަހަރުގެ ތެރޭގައި އަހަރަކު އެންމެ ގޭންގެއް އިސްލާހު ކުރަން މަސައްކަތް ކުރި ނަމަވެސް މިހާރު ރާއްޖޭގައި އެއްވެސް ގޭންގެއް ނުއޮތީސް ކަމެވެ.

ސުވާލަކީ މި އެވެ؛ މި މީހުން އިސްލާހު ކުރަން މަސައްކަތް ނުކުރަނީ ކީއްވެ ހެއްޔެވެ؟ ފުލުހުންނަށް ގޭންގުތައް ނުހުއްޓުވިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ސަރުކާރުތަކުގެ ސިޔާސަތުތައް ފެއިލް ވަނީ ކޮން ކަމަކާ ހެއްޔެވެ؟

ޖަވާބު ވަރަށް ކުރެވެ؛ ގޭންގުތައް ފަންޑުކުރާ ސިޔާސީ މީހުން ރާއްޖޭގައި އެބަތިއްބެވެ. ސިޔާސީ ކަންކަމުގައި ގޭންގުތަކާއި ގުރޫޕުތައް ބޭނުން ކުރާ ލީޑަރުން ވެސް ރާއްޖޭގައި އެބަތިއްބެވެ. ހަގީގަތުގައި ދޭތެރެ ދޭތެރެއިން އަމިއްލަ އަމިއްލަ އަށް މާރާމާރީތަކެއް ހިންގި ނަމަވެސް ގޭންގުތަކުގެ އަސްލު މަސައްކަތަކީ ސިޔާސީ މަސައްކަތްތަކެއް ކަމެވެ. އެހެންވެ، ގޭންގު ކުށްތަކުގައި ކުށް ސާބިތުވުމާއި ހެކި ހޯދުން، އަދި ޖަލާ ހަމައަށް ކުށްވެރިޔާ ދިއުން އެއީ ފަސޭހަ ކަމެއް ނޫނެވެ. ވޭތުވެދިޔަ ތާނގައި ވެސް އެކަން އޮތީ އެހެންނެވެ. ދެން ވެސް ވާނީ ހަމަ އެހެންނެވެ.

ރައީސް އެރޭ ވާހަކަފުޅު ދެއްކެވީ މި ހަގީގަތް ރާއްޖޭގައި އޮތްކަން އެނގިވަޑައިގެންކަން ޔަގީނެވެ. ގޭންގުތައް ސައިޒް ކޮށްލުމަކީ ވަރަށް ބުރަ، ޗެލެންޖިން ކަމެއް ކަމަށް ރައީސް ހަނދުމަފުޅު ބަހައްޓަވަން ވާނެ އެވެ. ލުހެލައްވަން ތި އުޅުއްވަނީ އެތަކެއް އަހަރެއް ވަންދެން ރާއްޖޭގެ ބިމުގައި ހަރުލައިފައިވާ މޫތަކެއް ކަން ވެސް ގަބޫލުފުޅު ކުރައްވަން ވާނެ އެވެ. މިއީ ނުރައްކާތެރި މަސައްކަތެއް ނަމަވެސް އެ ގޮންޖެހުމާ ކުރިމަތި ލައްވައި، ކުރި ހޯއްދަވައިފި ނަމަ ރައީސް ޔާމީން ވެގެން ދާނީ ތާރީޚީ ރައީސަކަށެވެ. ރައީސްގެ ވާހަކަފުޅަށް އެމަނިކުފާނު އަމަލު ކުރައްވައި، ގޭންގު ކުށްތައް ރާއްޖެއިން ފޮހެލައްވައިފި ނަމަ އެމަނިކުފާނަށް އެ ކުރެއްވުނީ ވަރަށް ބޮޑު ގައުމީ މަސައްކަތެކެވެ. -- އަޅުގަނޑު އުންމީދު ކަނޑައެއްނުލަމެވެ. ކުށުގެ އިތުރު ޖީލެއް ދެން އުފަން ނުވާނެ ކަމަށް ޔަގީން ކުރަމެވެ.