Roadha Mihaaru
މާރާމާރީ އާއި މަރު: ޖީލެއް ހަލާކުވިޔަ ނުދީ!

ކޮލަމް ކުލަބަރި: މާރާމާރީ އާއި މަރު: ޖީލެއް ހަލާކު ވިޔަ ނުދީ!

08 ޖޫން 2016

އަނެއްކާވެސް މާރާމާރީ އާއި މަރުގެ މޫސުމެކެވެ. ހަމަނުޖެހުން މަދުވެފައި އޮންނަތާ ދުވަސްތަކަކަށް ފަހު އެއް ފަހަރާ ދެ މަރެވެ. ޅަ ދެ ކުދިންގެ ފުރާނަ ހިނދުކޮޅެއްގެ ތެރޭގައި ދުއްވާލީ އެންމެ އަނިޔާވެރި ގޮތަށެވެ. ހަޔާތުގެ ބޮޑު ބައި ކުރިމަތީގައި އޮތް ދެ ކުދިންގެ ނިމުން އައީ އެ ކުދިން އިސްލާހު ވޭތޯ ވެސް ބަލާލާނެ ފުރުސަތު ވެސް ނުލިބެނީހެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އަނެއްކާވެސް މާރާމާރީ އާއި މަރުގެ މޫސުމެކެވެ. ހަމަނުޖެހުން މަދުވެފައި އޮންނަތާ ދުވަސްތަކަކަށް ފަހު އެއް ފަހަރާ ދެ މަރެވެ. ޅަ ދެ ކުދިންގެ ފުރާނަ ހިނދުކޮޅެއްގެ ތެރޭގައި ދުއްވާލީ އެންމެ އަނިޔާވެރި ގޮތަށެވެ. ހަޔާތުގެ ބޮޑު ބައި ކުރިމަތީގައި އޮތް ދެ ކުދިންގެ ނިމުން އައީ އެ ކުދިން އިސްލާހު ވޭތޯ ވެސް ބަލާލާނެ ފުރުސަތު ވެސް ނުލިބެނީހެވެ.

ގްރޫޕު މާރާމާރީ އާއި ހަމަނުޖެހުންތައް އަލުން ފެށުމާ އެކު އާދައިގެ މަތިން އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރަން މި ވަނީ ފަށާފަ އެވެ. ސަރުކާރުން ޒިންމާ އިން ރެކެން ކުރެވޭނެހާ ކަމެއް ކުރަނީ އެވެ. އިދިކޮޅު ފަރާތްތަކުން ކުރަނީ އެ މީހުންގެ ރަސްމީ މަސައްކަތެވެ؛ މިކަން ވެސް ހަމައެކަނި ސަރުކާރުގެ ބޮލަށް ކަނޑާލުމެވެ. ފުލުހުން ގޯސް ކުރުމެވެ. ކަމާ ބެހޭ ވެރިންގެ އިސްތިއުފާ އަށް ގޮވުމެވެ. އަނެއް ބަޔަކު ގޯސް ކުރަނީ އެ ދެ ކުދިންނެވެ. މައިންބަފައިންނާއި މުޖުތަމައުގެ ޒިންމާ ފާހަގަކުރާ މީހުން ވެސް އެބަ ތިއްބެވެ.

މާލޭގައި މާރާމަރީ ގިނަވެ، ދެ ކުއްޖަކު މަރާލުމާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މާލޭގައި މާރާމަރީ ގިނަވެ، ދެ ކުއްޖަކު މަރާލުމާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

ކޮންމެ ބައެއްގެ މައްސަލައަކުން ވިޔަސް، ރާއްޖޭގައި ގޭންގުތައް އުފެދި މި ވަނީ ރަނގަޅަށް ވެސް ވަކި ހިއްޕާލާފަ އެވެ. ގޭންގުތަކުގައި އުޅޭ ކުދިންގެ ވިސްނުން ހުންނަނީ ވަރަށް ނުރައްކާ ހިސާބެއްގަ އެވެ. މި ފަހުން އޭގެ ހަމަ ކުޑަކުޑަ މިންވަރެއް އަހަންނަށް ތަޖުރިބާ ކުރެވުނެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ ރައީސް އޮފީސް ދޮށުގައި ކުރި އިހުތިޖާޖާ ގުޅިގެން އަތޮޅު ވެއްސަށް ގެންގޮސް އެ ތަނުގެ ގޮޅިއެއްގައި ގާތްގަނޑަކަށް 12 ވަރަކަށް ގަޑިއިރު އޮންނަން ޖެއްސިއިރު އެ ތަނުން ދިމާވި ކުދިންކޮޅެއްގެ ފަރާތުން އިވުނު ވާހަކަތަކެކެވެ.

އެޕްރީލް 3 ގައި ކުރި އެ އިހުތިޖާޖުން ހައްޔަރުކުރި 18 ނޫސްވެރިންގެ ތެރެއިން އަހަންނާއި ހަތް މީހަކު ފިޔަވާ އަަހަރުމެން ތިބި ގޮޅީގައި ތިބީ މުޅިން ވެސް މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންނެވެ. މީހެއްގެ ބުރަކަށްޓަށް ކަތިވަޅިއެއް ޖަހައިގެން ގެނެސްފައި ހުރި މީހަކު ވެސް ހުއްޓެވެ. ފަންސަވީސް ފޫޓު ދިގު، 18 ފޫޓު ފުޅާ އެ ގޮޅީގައި ޖުމްލަ 17 މީހުން ތިބިއިރު އަހަންނަށް ކުރެވުނީ ބިރުވެރިކަމުގެ އިހުސާސެވެ. ފާހާނާ ހަޑި ވުމުގެ އިތުރަށް އެ ތަނުގެ ދޮރުގެ ބަދަލުގައި ޖަހާފައި ހުރި ވީދިފައިވާ ކުނަލުން އެތެރެ ފެންނާތީ ކުޑަކަމު ނުގޮސް، ހިފަހައްޓާލައިގެން އޮތީ އެވެ. ބޯ މަތިން މީދާ ދުވާތީ އޮންނަން ޖެހުނީ އެ ކަމުގެ ބިރުވެރިކަމުގަ އެވެ. ސީދާ ދިމާ ކުރިމަތީގައި ހުރި ގަޑީގެ ސުކުންތު ކަށި ދައުރުވާ ގޮތާއި ސްޕީޑު ވެސް ލޯ މަތީގައި ސިފަ ވަމުން ދިޔަ އެވެ.

އެކަމަކު، ނޫސްވެރިން ނޫން ދެން ތިބި އެންމެންނަށް އެއީ އަމިއްލަ ގެދޮރުގައި އުޅުން ކަހަލަ ކަމެކެވެ. އެހާ ވެސް އެ ތަނަށް ފަރިތަ އެވެ. އެންމެން ބޮކްސާ ކޮޅަށް ހަދާލައިގެންނެވެ. ތަޅުންގަނޑު މަތީގައި ނިދަން އޮށޯތުމުގެ ކުރިން އެ ތަން ދޮވެ ސާފުކުރުމުގަ އެވެ. ބައެއް މީހުން ވަރުބަލި ފިލުވާލުމަށް، ހިއްކާފައި ހުރި އޮރެންޖު ތޮށި ރޯކޮށްގެން ބުއިމުގަ އެވެ. ބޯނެ ސިނގިރެޓް ނުލިބޭތީ އެވެ. އެއްކަލަ ގޮޅި އަށް ފަރިތަ ކުދިންނަށް އެއީ އެއްވެސް ކަމެއް ނޫނެވެ. އެ މީހުންގެ ބަހުން ނަމަ، އެ ތަނުގައި ހަފުތާއެއްހާ ދުވަސް ހޭދަކޮށްލުން އެއީ ކުޑަވަރެއްގެ ޗުއްޓީއެކެވެ. ބޮޑު މަޖާގަނޑެކެވެ. އެ ގޮތަށް ގޮޅި އަށް ވަދެ ނުކުތުމަށް އެ މީހުން ކިޔާ ނަމެއް ވެސް އޮވެ އެވެ. ހަނދާން ބަލިކަމުން މިހާރު އެއީ ކޯޗެއް ކަމެއް ނޭނގެ އެވެ.

ސިޔާސީ ކަންކަމުގައި މުޅި ގައުމު އަރައިރުން ވާން ތިއްބާ ކުށުގެ އަވައިގައި ޖެހި ޖީލެއް ހަލާކު ވެގެން މިއޮށްގެން ދަނީ އެވެ. ބަޔަކު ފަސް އަޅައި ފޮރުވަން އުޅުނަސް އަސްލު މައްސަލައަކީ އެއީ އެވެ.

ގޭންގުތަކާ ގުޅުން އޮންނަ އެ ކުދިންގެ ވިސްނުން އެ ގޮތަށް އެނބުރެން ޖެހޭ ސަބަބުތައް ގިނަ އެވެ. އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި އެ ކުދިން ތާށިވުމަކީ އެ ކަމުގެ ބިންގާ ކަމަށް ބުނެވި ދާނެ އެވެ. ތޮއްޖެހިފައިވާ މާލޭގައި އުޅެން މަޖުބޫރުވުމުން ނުއުފެދި ނުދާނެ މައްސަލަތަކުގެ ތެރޭގައި އެ ކުދިން އެ ތިބީ ޣަރަގު ވެފަ އެވެ. އަލިފާން ފޮއްޓެއް ކަހަލަ ކުދިކުދި ތަންތަންކޮޅުގައި އުޅެން ޖެހުމުން ދެން ނުކުންނަން ޖެހެނީ މަގުމައްޗަށެވެ. ރައްޓެއްސަކާ ދިމާކޮށްލަން ވިޔަސް ނޫނީ ލޯބިވެރިޔާއާ އެއްކޮށް ވަގުތު ހޭދަކޮށްލަން ވިޔަސް އެ ނޫން ގޮތެއް ނޯވެ އެވެ. އަބަދު ކޮފީ އަށް އަރާނެހާ އަތްމަތި ތަނަވަސް ނުވުމުން ތިބެން ޖެހެނީ ކަންކަން މަތީގަ އެވެ. އެހެން ނުކުމެ އުޅުމުގެ ތެރޭގައި ދިމާ ވަނީ ގޭންގުތަކުގެ މީހުންނާ އެވެ. އެ ކުދިންގެ ޅަ ސިކުނޑިތަކަށް އެ ހިސާބުން ސަވާރު ވާން ފަށަ އެވެ.

މ. ޔާގޫތުގޭ ކައިރީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ހަމަލާ ދިން 14 އަހަރުގެ ފާތިރު މުހައްމަދު ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަނީ

މ. ޔާގޫތުގޭ ކައިރީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ހަމަލާ ދިން 14 އަހަރުގެ ފާތިރު މުހައްމަދު ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަނީ

ހަމަ އެއާ އެކު، ކުށަށް އަރައިގަތުމުގެ ޒިންމާ ހަމައެކަނި މުޖުތަމައުގެ ބޮލަށް ކަނޑާލެވޭކަށެއް ވެސް ނޯންނާނެ އެވެ. އަމިއްލަ ޒިންމާ ވެސް އެބަ އޮތެވެ. ދިރިއުޅުމުގައި އެކި ކަންކަމާ ކުރިމަތި ވާނެ އެވެ. އާއިލާ ރޫޅި، ދަރިންނަށް އަޅާ ނުލެވުމާއި ލޯބިވެރިން ގެއްލުމުން ފެށިގެން ގެވެށި އަނިޔާ ފަދަ އޭގެ އަސަރު މުޅި އުމުރަށް ދެމިގެންދާ ކަންކަމާ ވެސް ކުރިމަތިލާން ޖެހި ދާނެ އެވެ. ބުއްދިވެރި ގޮތަކީ އެ ކަންކަމާ ކެރިގެން ކުރިމަތިލުމެވެ. އެކަމަކު، އެކި މީހުންނަށް ކެތްކުރެވޭނީ އެކި ވަރަށެވެ. އެއް ގެއެއްގެ ދެ ކުއްޖަކު ތަފާތު ދެ މަގު ހިޔާރުކުރުން އެއީ އަޖައިބު ވާންވީ ކަމެއް ނޫނެވެ. ކެތްތެރިކަމާ އެކު ކުރިއަށް ދާ ކުއްޖާ އަށް ތައުރީފުގެ ބަސް އޮއްސާއިރު، ކުށަށް އަރައިގެންފި ނަމަ އަދަބު ވެސް ލިބެން ޖެހޭނެ އެވެ.

ފަރުދީ ޒިންމާ އެ ކުދިން އަދާ ނުކޮށް، ފަސޭހަ މަގު ހިޔާރު ކުރިޔަސް، އެ ކަމުގެ އަސަރު މުޅި މުޖުތަމައަށް ފޭދިގެން ނުދާނެކަން ޔަގީން ކުރުން އެއީ މުޅި ދައުލަތުގެ ޒިންމާއެކެވެ. ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ދިޔައިރު، އެ މަސްއޫލިއްޔަތު މިހާތަނަށް އަދާ ކުރެވިފައެއް ނެތެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދޭ ނިޒާމު ވަނީ ވިއްސިވިހާލި ވެފަ އެވެ. ގޭންގުތަކަށް ޒުވާން ފުރައިގެ ކުދިން ލެނބޭ ސަބަބުތައް ނައްތާލަން މަސައްކަތް ކުރުމުގެ ބަދަލުގައި ފެންނަނީ އިޖުތިމާއީ އެ މައްސަލަތައް ބޮޑު ވާން ދޫކޮށްލާފައިވާ ތަނެވެ. ތަރައްގީއާ އެކު އެ ހުރިހާ ކަމެއް ފަޅައިގެން ދިއުމުގެ ބިރު ވެސް ވަކި ކުޑައެއް ނޫނެވެ. ކުށުގެ އަވައިގައި ޖެހޭ ކުދިން އަނބުރާ މުޖުތަމައަށް ނެރެވޭނެ އުސޫލެއް ވެސް ނެތެވެ. އެ އެންމެން އަދާކުރާނެ ވަޒީފާއެއް ނެތެވެ. ކުރާނެ މަސައްކަތެއް ވެސް ނޭނގެ އެވެ.

ސިޔާސީ ކަންކަމުގައި މުޅި ގައުމު އަރައިރުން ވާން ތިއްބާ ކުށުގެ އަވައިގައި ޖެހި ޖީލެއް ހަލާކުވެގެން މިއޮށްގެން ދަނީ އެވެ. ބަޔަކު ފަސް އަޅައި ފޮރުވަން އުޅުނަސް އަސްލު މައްސަލައަކީ އެއީ އެވެ. ގޭންގުތައް ނުހުއްޓުވެނީ އެކަމުގެ މުގުލުގައި ބައެއް ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިން ތިބޭތީއޭ ބުނާ އަޑު އަބަދުވެސް އިވެ އެވެ. އެއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއް ވެސް މެ އެވެ. ބައެއްގެ އަޅާލުމާއި ލޯތްބަށް އެދިއެދި ތިބި ކުދިންތަކަކަށް ފައިސާ އާއި ބާރުގެ ދަޅަ ދެއްކުމުން ވާނެ ގޮތް މި ފެންނަނީ އެވެ. ރަނގަޅަށް ތިިބި ކުދިން ވެސް ހަލާކުވެގެން ދަނީ އެވެ.

މީހަކު މަރާލާ ކޮންމެ ފަހަރަކު ފުލުހުންނާއި ސިފައިންނާއި ފުލުހުން ނެރުނަސް ހަގީގީ މައްސަލަ ހައްލެއް ނުވާނެކަން އެކި ފަހަރު މަތިން މި ވަނީ ހާމަވެފަ އެވެ. ކޮންމެ ފަހަރަކު ބާރުލާފައި ފަށާ "ހާއްސަ އޮޕަރޭޝަން" ވެގެން ދަނީ "ސައިބޯނި ބޮތްކެއް" ފަދަ ކަމަކަށެވެ. ހެއްކެއް ނުފެނެ އެވެ. ގުޅުވޭނެ ގޮތެއް ވެސް ނޯވެ އެވެ. އެއްކަލަ ހާއްސަ އޮޕަރޭޝަން ވެސް އެންމެ ފަހުން ވަނީ ހަގީގީ މުޖުރިމުންގެ ނިވާފަތްގަނޑަކަށެވެ.

މިހެން ކަންކަން ހިނގާ ނަމަ، އަދި އެތައް ކުދިންގެ ފުރާނަ ދިއުން ގާތެވެ. މާރާމާރީ އާއި މަރުގެ މޫސުންތައް ފުލުފުލުން އައުން އޮތީ މާ ދުރަކު ނޫނެވެ. އެކަމަކު، މާރާމާރީ އާއި މަރުގެ ތެރޭގައި ޖީލެއް ހަލާކު ވިޔަ ނުދޭށެވެ!