Roadha Mihaaru
ދެ ޒުވާނުންގެ ގާތިލުން އަދިވެސް ނުހޯދޭ

ދެ ޒުވާނުންގެ ގާތިލުން އަދިވެސް ނުހޯދޭ

01 އޯގަސްޓް 2017

މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އާއި ރޭގައި މާލޭގައި ހިންގި މާރާމާރީގައި މަރާލި ދެ ޒުވާނުންގެ ގާތިލުން އަދިވެސް ނުހޯދޭ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އާއި ރޭގައި މާލޭގައި ހިންގި މާރާމާރީގައި މަރާލި ދެ ޒުވާނުންގެ ގާތިލުން އަދިވެސް ނުހޯދޭ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ޓާމިނަލް ކެފޭގަ އާއި ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ދެ މީހަކަށް ހަމަލަދީ މަރާލި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރެވޭތީ، ސަރުކާރަށާއި ފުލުހުންނަށް ވަރަށް ބޮޑެތި ފާޑުކިޔުން އަމާޒުވެފައި ވެފައި ވަނިކޮށް، ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެ ދެ މަރާ ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް ވެސް "ވަރަށް ޚާއްސަ އިސްކަމެއް ދީގެން" ކުރަމުން އަންނަ ކަމަށެވެ.

ލޮނުޒިޔާރަތްމަގުގައި ހުންނަ ޓާމިނަލް ކެފޭގައި ބުރާސްފަތި ދުވަހުގެ ރޭ އިންދައި ވަޅި ހަރައި ހާލު ސީރިއަސްވެ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް 24، އެވެ. އޭނާ މަރުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅި ހަރައި ރޭ މަރައިލީ ރ. މީދޫ ފެންފިޔާޒުގޭ އަހްމަދު އަނަސް 25، އެވެ.

މީގެ ތެރެއިން ޓާމިނަލް ކެފޭ އަށް ވަންނަ މީހުން ފެންނަ ގޮތަށް ސީސީޓީވީ ކެމެރާ ހުންނަ ކަން ފާހަގަ ކުރެވެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ މިދިޔަ ދުވަސްތަކުގައި މާރާމާރީ އަދި ރާވައިގެން ހިންގާ ކުށްތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެެވެ. ނަމަވެސް މި ފަހަކަށް އައިސް މާރާމާރީ އިތުރުވެފައިވާކަން ފާހަގަކޮށްފައި ވެ އެވެ. އެކަންކަން ހުއްޓުވަން ހާއްސަ މަސައްކަތްތަކެއް ކުރާ ކަމަށާއި އެކި ގްރޫޕުތަކަށް ނިސްބަތްވާ 23 މީހަކު މިހާތަނަށް ހައްޔަރުކުރިކަން ވެސް ބަޔާނުގައި ބުންޏެވެ.

"މިގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތުހުމަތުކުރެވޭ މީހުންނާއި ތަންތަން އަދި އުޅަނދުތައް ބަލައި ފާސްކޮށް، މާލެތެރެ ޕެޓްރޯލްކުރުމުގެ މަސައްކަތްތައް ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން ބަލައި ފާސްކުރެވުނު ބައެއް ތަންތަނުން މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ތަކެއްޗާއި ތޫނު ހަތިޔާރު ފެނިފައި ވެ އެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން އެކި ގްރޫޕުތަކަށް ނިސްބަތްވާ 23 މީހަކު ހައްޔަރުކޮށް ތަހުގީގުތައް ވަނީ ފެށިފަ އެވެ،" ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މާފަންނު އެލްސިއޯން ބޭކަރީ ކައިރީގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ތޫނު އެއްޗަކުން މީހަކަށް ހަމަލަދީ، ހިންގި މާރާމާރީގައި ހިމެނޭ މީހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެފަދަ ރަހުމް ކުޑަ އަމަލުތައް ހިންގާ މީހުން ހޯދައި އެ މީހުންގެ މައްޗަށް ހިންގަންޖެހޭ ތަހުގީގުތައް ހިންގައި ޝަރީއަތަށް ހުށަހަޅާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ އެފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުންނަށް ލިބިފައިވާ އެންމެހައި ވަސީލަތްތައް އޭގެ އެންމެ މަތީ ދަރަޖައަށް ބޭނުންކުރާނެ ކަމަށް ވެސް ބުންޏެވެ.