Roadha Mihaaru
މާރާމާރީތަކާ ގުޅިގެން އަޒްލީންގެ ފާޑުކިޔުން މީޑިއާ އަށް

މާރާމާރީތަކާ ގުޅިގެން ހޯމް މިނިސްޓަރުގެ ފާޑުކިޔުން މީޑިއާ އަށް

02 އޯގަސްޓް 2017

މާލޭގައި މި ދުވަސްވަރު ހިންގަމުންދާ މާރާމާރީތައް ހުއްޓުވުމުގައި ފުލުހުންނާއި ކަމާ ބެހޭ ފަރާތްތައް ނުކުޅެދިފައިވާ ކަމަށް ބުނެ މީޑިއާތަކުން ފަތުރާ ހަބަރުތަކަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ފާޑުވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭގައި މި ދުވަސްވަރު ހިންގަމުންދާ މާރާމާރީތައް ހުއްޓުވުމުގައި ފުލުހުންނާއި ކަމާ ބެހޭ ފަރާތްތައް ނުކުޅެދިފައިވާ ކަމަށް ބުނެ މީޑިއާތަކުން ފަތުރާ ހަބަރުތަކަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ފާޑުވިދާޅުވެއްޖެ އެވެ.

ހަފުތާއެއްގެ ތެރޭގައި މާރާމާރީއާ ވަޅިޖެހުމުގެ ހާދިސާތައް ކަންބޮޑުވާ ވަަރަށް އިތުރުވެ، ދެ މީހަކު މަރައިލި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަޒްލީން އިއްޔެ ވިދާޅުވީ މީޑިއާތަކުން ގެނެސްދޭ މުއުތަބަރު ނޫން ހަބަރުތަކުން، ރައްޔިތުންނަށް އޭގެ ބިރުވެރިކަން ލިބޭ ކަމަށެވެ.

ހާއްސަކޮށް، ފުލުހުންގެ މަސައްކަތް ހަމައެކަނި ބިނާވެފައިވަނީ ސިޔާސީ މީހުންގެ ކަންކަން ބެލުމަށް ކަމަށާއި ފުލުހުންނާއި ހޯމް މިނިސްޓަރު ހުންނެވީ "ނިދާފައި" ކަމަށް ދޭހަވާ ގޮތަށް ހަބަރު ފެތުރުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ފަދަ ކަންކަން މީޑިއާތަކުން ނުކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

"މުޅި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ މީހުންގެ އަދަދަށް ބަލާއިރު، ގާނޫނާ ހިލާފަށް މަގުމަތީގައި ހިންގާ ސިޔާސީ ކަންކަން ހުއްޓުވުމަށް އޮފިސަރުންތަކެއް އެބަ މަސައްކަތް ކުރޭ. އެކަމަކު އެއީ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކޮމްޕްރޮވައިޒްވާ ގޮތަށް ކުރާ ކަމެއް ކަމަށް ބުނެ ބައެއް މީހުން މީޑިއާގައި ވާހަކަ ފެތުރުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން." އަޒްލީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާރާމާރީ އާއި މަގުމަތީގައި ގަވާއިދާ ހިލާފަށް ހިންގާ ސިޔާސީ ކަންކަން އެކުއެކީގައި ހުއްޓުވުމުގެ ގާބިލްކަން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަޒްލީން ވިދާޅުވީ ގައުމީ އަދި އާއްމު މަސްލަހަތު އިސް ކުރުމުގެ ބަދަލުގައި، ޒާތީ ގޮތުން މި ފަދަ މައުލޫމާތު ފެތުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަަށެވެ. އެކަމަކު ބައެއް މީޑިއާތަކުން މި ފަދަ ގޮތަކަށް ހަބަރުތައް ގެނެސްދޭކަން ތަކުރާރުކޮށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެހެންވެ މައުލޫމާތު ފެތުރުމުގައި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ މީހުންނާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކާ މެދު ރައްޔިތުންގެ ހިތުގައި އިތުބާރު ނުގެއްލޭ ގޮތަށް މައުލޫމާތު ފެތުރުމަށް (މީޑިއާތަކަށް) އިލްތިމާސް ކުރަން،" އަޒްލީން ވިދާޅުވި އެވެ.

ގިނަ ދުވަސްތަކަކަށް ފަހު، މާލޭގައި ކުއްލިއަކަށް މާރާމާރީ އާއި މީހުން މެރުން އިތުރުވުމުން އެކަން ކޮންޓްރޯލް ނުވާ ކަމަށް ބުނެ ފުލުހުންނާއި ހޯމް މިނިސްޓަރަށް ފާޑު ކިޔަމުން އަންނަނީ ހަމައެކަނި މީޑިއާއަކު ނޫނެވެ. ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ މިކަމާ މެދު ނުރުހުން ފާޅު ކުރަމުންނެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަޒްލީން ވިދާޅުވީ މާލޭގައި ހިންގާ މާރާމާރީތައް ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުރަތަމަ މާރާމާރީ ހިންގުމާ ގުޅިގެން ވެސް ފުލުހުންގެ ހަރަކާތްތައް މާލޭގައި ކުރިއަށް ގެންދިޔަ ކަމަށާއި މިދިޔަ ދެތިން ރޭ ވެސް ފުލުހުންގެ "ވަރަށް ބޮޑު ހަރަކާތްތަކެއް" މާލޭގައި ހިންގި ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި ފަސް މީހަކަށް ހަމަލާ ދީފައިވާ އިރު ދެ މީހަކު ވަނީ މަރާލައިފަ އެވެ. އެކަމަކު އެއްވެސް މަރަކާ ގުޅިގެން އަދި މިހާތަނަކަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.