Roadha Mihaaru
އަދިވެސް ރާއްޖެއާ ކުޅެން ޖެހިލުންވޭ: ޗެތުރީ

އެތައް ފަހަރަކު ރާއްޖެ ބަލިކުރެވިއްޖެ، އެކަމަކު އަދިވެސް ޖެހިލުންވޭ: ޗެތުރީ

02 އޯގަސްޓް 2017

"އަހަރެމެންނަށް ގާތްގަނޑަކަށް ދެން ބޭނުންވަނީ ހަތް ޕޮއިންޓް ބާކީ ހަތަރު މެޗުން. އެއީ ދެ މެޗުން މޮޅުވެ އެއް މެޗު ޑްރޯކުރުން. އެކަމަކު ފުޓްބޯޅައިގައި އެއްވެސް ކަމެއް ޔަގީންކަމާ އެކު ނުނެގޭނެ. އަބަދުވެސް ކުރިއަށް އޮތް މެޗުން މޮޅުވެ ޖެހިގެން އަންނަ މެޗަށް ވިސްނަން ޖެހޭނީ،"

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

"އަހަރެމެންނަށް ގާތްގަނޑަކަށް ދެން ބޭނުންވަނީ ހަތް ޕޮއިންޓް ބާކީ ހަތަރު މެޗުން. އެއީ ދެ މެޗުން މޮޅުވެ އެއް މެޗު ޑްރޯކުރުން. އެކަމަކު ފުޓްބޯޅައިގައި އެއްވެސް ކަމެއް ޔަގީންކަމާ އެކު ނުނެގޭނެ. އަބަދުވެސް ކުރިއަށް އޮތް މެޗުން މޮޅުވެ ޖެހިގެން އަންނަ މެޗަށް ވިސްނަން ޖެހޭނީ،"

ޔޫއޭއީގައި 2019 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް އިންޑިއާ އަށް އޮތް ފުރުސަތު އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ، އިންޑިއާގެ އެންމެ މަޝްހޫރު އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިއާ ޝޭކަރު ގުޕްތާ އަށް ކިޔައިދެމުން ބުންޏެވެ.

ޝޭކަރު ހުށަހަޅައިދޭ އިންޑިއާގެ އެންމެ މަގުބޫލު އެއް ޓޯކްޝޯ ކަމަށްވާ އެންޑީޓީވީގެ "ވޯކް ދަ ޓޯކް" އިން 15 އަހަރުގެ ތެރޭ ފުރުސަތު ލިބުނު އިންޑިއާގެ ދެ ވަނަ ފުޓްބޯޅަ ކުޅުންތެރިއާގެ ގޮތުގައި އަރާހުރި ޗެތުރީ "އެއްވެސް ކަމެއް ޔަގީންނުވާނެ" ކަމަށް ބުނުމުން ޝޭކަރު ފެށީ ދިވެހިރާއްޖޭގެ ވާހަކައެކެވެ.

"(ފުޓްބޯޅައިގައި) ކޮންމެ ކަމެއް ވެސް ވެދާނެ، އަހަރެމެން ދިވެހިރާއްޖެ އަތުން ވެސް ބަލިވީތާ. ހަނދާން އެބަހުރިތަ؟،" ޝޭކަރު ބުންޏެވެ.

އެ ހިސާބުން ޗެތުރީ އަށް މަޖުބޫރުވީ ފުޓްބޯޅައިގައި ހަގީގަތުގައި އިންޑިއާއާ މި ސަރަހައްދުން އެންމެ ވާދަވެރި ރާއްޖޭގެ ވާހަކަ ފަށާށެވެ.

"ޝުކުރިއްޔާ ތިކަން ހަނދާން ކޮށްދިނީތީ. އެއީ ސާފް ކަޕުގެ ފައިނަލުގައި ސްރީ ލަންކާގައި ކުޅުނު މެޗު. އަހަންނަށް ހަނދާންވާ ގޮތުގައި އެއީ އަހަރެން ކުޅެނިކޮށް ދިވެހިރާއްޖެ އަތުން އިންޑިއާ ބަލިވި ހަމައެކަނި މެޗު. އަހަރެމެން ވަރަށް ގިނަ މެޗު ދިވެހިރާއްޖެއާ ދެކޮޅަށް ކުޅެދިން، އެކަމަކު އާނ އެއީ ރާއްޖެ އަތުން (އަހަރެން ކުޅެނިކޮށް) އިންޑިއާ ބަލިވި ހަމައެކަނި މެޗު،" 2008 ގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ރާއްޖެ އަތުން އިންޑިއާ 1-0 އިން ބަލިވި މެޗުގެ ހަނދާންތައް ޗެތުރީ އާކުރި އެވެ.

އިންޑިއާ އާއި ރާއްޖެ މިހާތަނަށް 18 ފަހަރު ބައްދަލުކޮށްފައިވާއިރު ރާއްޖެ މޮޅުވީ ތިން މެޗުންނެވެ. އެގޮތުން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ތޮއްޑޫ މުހައްމަދު ނިޒާމުގެ ގޯލުން 1-0 އިން މޮޅުވިއިރު އެންމެ ހާއްސަ މޮޅަކީ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި މުޚުތާރު ނަސީރު (ޓޫކިލޯ) ގެ ގޯލުން މޮޅުވި މެޗެވެ. އޭގެ ފަހުން 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން އަހުމަދު ތޯރިގް (ޓޮމް) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ ލަނޑުން 2-0 އިން މޮޅުވި ނަމަވެސް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވީ އެވެ.

ޗެތުރީ ކުޅެނިކޮށް އެންމެ ފަހަރަކު ބަލިވިއިރު 2011 ވަނަ އަހަރު އޭނާ ކުޅުނު މެޗެއްގައި ދެ ޓީމު މާލޭގައި 1-1 އިން އެއްވަރުވި އެވެ. އޭގެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވީ އެވެ.

އިންޑިއާގެ މައްޗަށް ރާއްޖެ އަށް ފަސޭހައިން ކުރި ނުހޯދުނަސް އިންޑިއާ އަށް މި ސަރަހައްދުން އެންމެ ބޮޑު ފައިޓެއް ދެމުން އައީ ރާއްޖެ އެވެ. އެކަމަށް އެންމެ ބޮޑު ބާރެއް ދިނީ ވެސް ޝޭކަރެވެ. އޭނާ ބުނީ ރާއްޖޭގެ އާބާދީއާ ބަލާއިރު ފުޓްބޯޅައިގެ ފެންވަރު ރަނގަޅު ކަމަށެވެ.

"އެއީ (ދިވެހިރާއްޖެ) ރަނގަޅު ޓީމެއް، ކުޑަ ގައުމަކާ އަދި ކުޑަ އާބާދީއަކާ ބަލާއިރު،" ސިޔާސީ މައިދާނާއި ހަނގުރާމައިގެ މައިދާނުގެ ހަބަރުތައް ކަވަރުކުރުމުގައި އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ނޫސްވެރިޔާ ޝޭކަރު ބުންޏެވެ.

ޝޭކަރުގެ ވާހަކައަށް ޗެތުރީ ވަރަށް ބޮޑަށް އެއްބަސްވި އެވެ. މި ފަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާގެ އަތްދަށުނުވެ ކިރިޔާ ސަލާމަތްވި ބެންގަލޫރު އެފްސީގެ ކެޕްޓަން ބުނީ ކިތަންމެ ގިނައިން ރާއްޖެ ބަލިކުރިޔަސް އަދިވެސް މެޗަށް ނުކުމުގެ ކުރިން އެ ޔަގީންކަން ނޯންނަ ކަމަށެވެ.

"ރާއްޖޭން އަންނަނީ ވަރަށް ރަނގަޅަށް ކުޅެމުން. އަހަރެން ދެކޭ ގޮތުގައި ރާއްޖެއާ ބައްދަލުކުރާ ކޮންމެ ފަހަރަކު، އަހަރެމެން ކިތަންމެ ގިނައިން ރާއްޖެ ބަލިކޮށްފައިވިޔަސް، އަހަރެމެންނަށް ޔަގީންކަމާ އެކު ބުނެވެން ނޯވޭ މެޗުގެ ކުރިން ރާއްޖެ ބަލިކުރާނަމޭ،" ޗެތުރީ ބުންޏެވެ.

"ރާއްޖޭން ފަހަކަށް އައިސް ވަރަށް ބޮޑު ކުރިއެރުން ހޯދައިފި. ރާއްޖޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި."

އިންޑިއާ އިން 24 އަހަރުގެ މެދުކެނޑުމަކަށް ފަހު 2011 ވަނަ އަހަރުގެ އޭޝިއަން ކަޕުގައި ވާދަކުރިއިރު ކުޅުނު ޗެތުރީ ބުނީ އަބަދުވެސް ހުވަފެނަކީ އޭޝިއާގެ އެންމެ ވަރުގަދަ ޓީމުތަކާ އެކު އޭޝިއަން ކަޕް ކުޅުން ކަމަށާއި އޭޝިއާގެ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ވާދަކުރުމުގެ އިހުސާސް އޭނާ އަށް ތަޖުރިބާކުރެއްވިއްޖެ ކަމަށެވެ.

"އަހަރެމެންނަށް 2015 ގައި އެ ފުރުސަތު ގެއްލުނީ ރަނގަޅަށް ނުކުޅެވުމުން. އެކަމަކު ޝުކުރުވެރިކަމާ އެކު ފާހަގަކުރަން އަހަރެމެންނަށް މި ފަހަރު ފުރުސަތު އެބައޮތް. ވަރަށް ރަނގަޅު ފުރުސަތެއް އެބައޮތް މި ފަހަރު އަލުން ދާން،" ޗެތުރީ ބުންޏެވެ.

އިންޑިއާ އޮތީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު ކޮލިފައިން ގްރޫޕް އޭ ގެ އެއް ވަނައިގަ އެވެ. ރާއްޖެ އޮތީ ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އަނެއް މޮޅުވެ ގްރޫޕް ޑީ ގެ ތިން ވަނައިގަ އެވެ. ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމަށް ފުރުސަތު ލިބޭއިރު މިއީ ރާއްޖެ އަށް އޭޝިއަން ކަޕަށް ދިއުމަށް ލިބިފައިވާ އެންމެ ރަނގަޅު ފުރުސަތެވެ.