Roadha Mihaaru
ޗެތުރީގެ އެދުމަށް އިޖާބަދީ ސަޕޯޓަރުން ދަނޑު ފުރާލައިފި

ޗެތުރީގެ އެދުމަށް އިޖާބަދީ ސަޕޯޓަރުން ދަނޑު ފުރާލައިފި

05 ޖޫން 2018

ސަޕޯޓަރުން ދަނޑަށް އައުމަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އެދުނު އެދުމަށް އިޖާބަދީ، އޭނާގެ 100 ވަނަ މެޗު ބެލުމަށް ނުވަ ހާހެއްހާ ސަޕޯޓަރުން މުމްބާއީ ފުޓްބޯލް އެރީނާ އަށް އިއްޔެ އެއްވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސަޕޯޓަރުން ދަނޑަށް އައުމަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އެދުނު އެދުމަށް އިޖާބަދީ، އޭނާގެ 100 ވަނަ މެޗު ބެލުމަށް ނުވަ ހާހެއްހާ ސަޕޯޓަރުން މުމްބާއީ ފުޓްބޯލް އެރީނާ އަށް އިއްޔެ އެއްވެއްޖެ އެވެ.

އިންޓަކޮންޓިނެންޓަލް ކަޕުގައި ކެންޔާ އަތުން 3-0 އިން އިންޑިއާ މޮޅުވި މި މެޗުގައި ޗެތުރީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ގޯލް ޖެހީ ޖޭޖޭ ލަލްޕެކުލާ އެވެ.

ސަޕޯޓަރުން ދަނޑަށް އައުމަށް އެދި ސޯޝަލް މީޑިއާގައި ޗެތުރީ ވީޑިއޯއެއް ޝާއިއުކުރީ މި މުބާރާތުގައި ޗައިނޭސް ޓައިޕެއީ އަތުން 5-0 އިން އިންޑިއާ މޮޅުވި މެޗަށް ސަޕޯޓަރުން ވަންލެއް މަދުވުުމުން ލިބުނު މާޔޫސްކަމާ އެކު އެވެ.

އެ ވީޑިއޯގައި ޗެތުރީ ބުނީ ބައެއް މީހުން ޔޫރަޕުގެ ބޮޑެތި ކްލަބްތަކަށް އިންތިހާ ދަރަޖައިގައި ސަޕޯޓްކުރާ ކަމަށާއި އެހެންވެ ޔޫރަޕް ފުޓްބޯޅަ އާއި އިންޑިއާ ފުޓްބޯޅައިގައި ހުރި ތަފާތުގެ ސަބަބުން ދަނޑަށް އައުމަކީ ވަގުތު ބޭކާރުކަން ކަމަށް ހީވެދާނެ ކަމަށެވެ. އޭނާ ބުނީ ޔޫރަޕާއި އިންޑިއާ ފުޓްބޯޅައިގައި ވަރަށް ބޮޑު ތަފާތެއް ހުރިކަން ގަބޫލުކުރާ ކަމަށާއި އެކަމަކު ސަޕޯޓަރުން ދަނޑަށް އައިސް އެ ހޭދަކުރާ ވަގުތަކީ އަގުހުރި ވަގުތަކަށް ހެދުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ އިންޓަނެޓުގައި ފާޑުކިޔުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށާއި ހިތްހަމަނުޖެހޭ ނަމަ ދަނޑަށް އައިސް ކުޅުންތެރިންނަށް ފާޑުކިޔައި ހަޅޭއްލަވަންވީ ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކު ފާޑުކިޔަންނުޖެހޭ ވަރު ކުރެވިދާނެކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

އޭނާގެ އެ މެސެޖަށް ތާއީދުކޮށް ސްޕެނިޝް ލީގުގެ ޓްވިޓާ އެކައުންޓުން ވެސް ޓްވީޓެއްކުރި އެވެ. އަދި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާ އާއި މިހާރުގެ ކުުޅުންތެރިޔާ ވިރާތު ކޯލީ އާއި އެ ނޫން ވެސް މަތީ ފަންތީގެ މީހުން ތާއީދުކުރި އެވެ.

"އަހަރެމެން ޔަގީނުން ވެސް މަސައްކަތްކުރާނަން އަދި ބައެއް މެޗުތަކުން ބަލިވެސް ވާނެ. އެކަމަކު އަހަރެމެންނަށް ލިބޭ ސަޕޯޓަކީ މިއީ ކަމަށް ވަންޏާ، އަހަރެމެން ދަނޑުމަތީގައި މަރަށް ކުޅޭނަން،" އިއްުޔެގެ މެޗަށް ފަހު ޗެތުރީ ބުންޏެވެ.

އަންނަ އަހަރުގެ އޭޝިއަން ކަޕަށް އިންޑިއާ ޓީމު ތައްޔާރުކުރުމުގެ މަސައްކަތެއްގެ ދަށުން އިންޑިއާ ފެޑެރޭޝަނުން ބާވާ އިންޓަކޮންޓިނެންޓަލް ކަޕުގައި ވާދަކުރަނީ އެ ގައުމުގެ އިތުރުން ކެންޔާ އާއި ނިއުޒީލެންޑް އަދި ޗައިނީސް ޓައިޕޭ އެވެ. ފައިނަލަށް ދާނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ހުރިހާ މެޗެއް ވެސް އޮންނާނީ މުމްބާއީގަ އެވެ.

ކްރިކެޓަށް މަރުދޭ އިންޑިއާގައި ފުޓްބޯޅައިގެ މަގުބޫލުކަން އަންނަނީ ފަހަކަށް އައިސް ބޮޑުވަމުންނެވެ. ސުޕަ ލީގުގެ ނަމުގައި ފެށި މުބާރާތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ ކުރީގެ ބައެއް ތަރިން ގެނެސް ފޯރި ވަނީ ގަދަވެފަ އެވެ. އެކަމަކު އަދި ވެސް ކްރިކެޓާ ބަލާއިރު ފޯރި ދަށެވެ.