Roadha Mihaaru
"ކުޑަހުވަދޫ އަކީ ޗެމްޕިއަނެއް، ފަސޭހަ ނުކުރާނަން"

ކުޑަހުވަދޫ އަކީ ޗެމްޕިއަނެއް، 100 ޕަސެންޓް ދޭން ޖެހޭ: މާޒިޔާ ކޯޗު

04 އޯގަސްޓް 2017

ޓްރާންސްފާ ބާޒާރުގައި ޓީމު ވަރުގަދަކޮށް މާޒިޔާ އިން އަމާޒު ހިފާފައިވަނީ ދިވެހި ޕްރިމިއާ ލީގު ދިފާއުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދުމަށް ކަމަށް އެ ޓީމަށް އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓްރާންސްފާ ބާޒާރުގައި ޓީމު ވަރުގަދަކޮށް މާޒިޔާ އިން އަމާޒު ހިފާފައިވަނީ ދިވެހި ޕްރިމިއާ ލީގު ދިފާއުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދުމަށް ކަމަށް އެ ޓީމަށް އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސެކުލޮސްކީ "މިހާރަ"ށް ބުނީ މެޗަށް ތައްޔާރުވާން ލިބުނު ވަގުތު އެންމެ ރަނގަޅު ނޫން ނަމަވެސް ޓްރާންސްފާ މާކެޓްގައި ޓީމަށް ގެނައި ކުޅުންތެރިންނާ އެކު އެ ޓީމު އިތުރަށް ވަރުގަދަ ވެފައިވާ ކަމަށެވެ.

"ވަރަށް ރަނގަޅު ޓީމެއް މިހާރު އޮތީ. ކޮންމެ މަގާމަކަށް ވެސް ބަދަލުތަކެއް އައިސްފި. މިހާރު އެއްވެސް ކުޅުންތެރިއަކަށް ފުރަތަމަ އެގާރައިން ޖާގަ ޔަގީނެއް ނުވާނެ. މިއީ ޓީމަށް އައި ވަރަށް ބޮޑު ކުރިއެރުމެއް އަހަންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ސެކުލޮސްކީ ބުންޏެވެ.

މާޒިޔާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވިކްޓަރީ އަށް ކުޅުނު ސީރިއާ ކީޕަރު މަހުމޫދު އަލް ޔޫސުފް، ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭ، އިސްމާއިލް އީސާ (މެސީ)، މުހައްމަދު އާރިފް (ބަކާ) އަދި ބޮސްނިއާގެ ވަރުގަދަ ޑިފެންޑަރު ބޮޖާން މިހައިލޮވިޗް ގެނެސްފަ އެވެ.

މި ފަހަރު މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އައި ޓީމުތަކުގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިން ގެނެސް ވަރުގަަދަ ނުކުރާ ހަމައެކަނި ޓީމަކީ ކުޑަހުވަދޫ އެވެ. ސެކުލޮސްކީ ބުނީ ކޮންމެ ކުޅުންތެރިންތަކަކާ އެކު ނުކުތް ނަމަވެސް ކުޑަހުވަދޫ މެޗު ފަސޭހަ ނުކުރާނެ ކަމަށެވެ.

"ކުޑަހުވަދޫ އަކީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމު. އަހަރެމެން 100 ޕަސެންޓް ދޭން ޖެހޭނެ މި ކަހަލަ މެޗުތަކުގައި. އެއީ މުޅި ދުނިޔެ އަށް ބެލިޔަސް ފަސޭހަކޮށްލައިގެން އެއްވެސް ހިސާބެއްގައި ފުޓްބޯޅަ މެޗެއް ކާމިޔާބުކުރުމަކީ ފަސޭހަކަމެއް ނޫން،" ސެކުލޮސްކީ ބުންޏެވެ.

"އެންމެ ފުރަތަމަ މެޗުން ފެށިގެން ފަހު މެޗާ ހަމައަށް އަހަރެމެން ކުރާނީ މަސައްކަތް. މި ލީގު ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އެއީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދަން ބޭނުން."

މާލޭ ލީގުގެ ފުރަތަމަ ބުރުގެ ހުރިހާ މެޗަކުން މޮޅުވެ މާޒިޔާ 100 ޕަސެންޓް ރެކޯޑަކާ އެކު ނިންމާލިއިރު، ދެ ވަނަ ބުރުގައި އެ ޓީމުގެ ނަތީތައް އެންމެ ރަނގަޅެއް ނޫނެވެ. މި ބުރުގައި ކުޅުނު ހަތް މެޗުން އެ ޓީމަށް ލިބުނީ ހަ ޕޮއިންޓެވެ. އެ ޓީމު މޮޅުވީ ފުލަށްދިޔަ ޔުނައިޓެޑް ވިކްޓަރީ އަތުން އެކަންޏެވެ. އަނެއް ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، ދެން ކުޅުނު މެޗުތައް ނިމުނީ އެއްވަރުވެގެންނެވެ.

ސެކުލޮސްކީ ބުނީ އެ ފަހަރު ހެދުނު ގޯސްތައް މި ފަހަރު ޕްރިމިއާ ލީގުގައި ތަކުރާރު ނުވާނެ ކަމަށެވެ.

"ވަރަށް ގިނަ ސަބަބުތަކާ ހުރެ އަހަރެމެންނަށް މާލޭ ލީގުގެ ދެ ވަނަ ބުރުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު. އެހެންވުމުން އަހަރެމެން ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ގެނެސް ވަރުގަދަ މިކުރީ. މިސާލަކަށް އަސަދުﷲ ކަހަލަ ކުޅުންތެރިންނަށް މިހާރު އެހީވާން ކެރިޗް އެބަހުރި،" ކުރިން މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ ޓީމު މިހާރު އޮތީ އޭނާ ބޭނުންވާ ގޮތަށް ކަމަށާއި ނަތީޖާތަށް ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ކުޑަހުވަދޫ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.