Roadha Mihaaru
މިވަގުތު މަގާމަކާ މެދު ނުވިސްނަން: ސެކުލޮސްކީ

މިވަގުތު މަގާމަކާ މެދު ނުވިސްނަން: ސެކުލޮސްކީ

14 އޮކްޓޯބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު މި ވަގުތު މާޒިޔާ އޮތް މަގާމާ މެދު ނުވިސްނާ ކަމަށާއި ބޭނުންވަނީ މެޗުތަކުން މޮޅުވާން ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު މި ވަގުތު މާޒިޔާ އޮތް މަގާމާ މެދު ނުވިސްނާ ކަމަށާއި ބޭނުންވަނީ މެޗުތަކުން މޮޅުވާން ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ މި ވަގުތު އޮތީ ލީގުގެ ދެ ވަނައިގަ އެވެ. ނިއު އެއް ވަނައިގައި 18 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. މިއަދު ޓީސީ އާއި މާޒިޔާ ކުޅޭ މެޗުތަކުން ނަތީޖާ ނުކުންނަ ގޮތަކުން ދެ ޓީމަށް ވެސް އެއް ވަަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މިރޭގެ މެޗުގެ ކުރިން ސެކުލޮސްކީ "މިހާރަ"ށް ބުނީ އެ ޓީމު އޮތް މަގާމު އޭނާ އަށް މުހިއްމު ނުވާ ކަމަށެވެ.

"އޮތް މަގާމު މި ވަގުތަށް މުހިއްމެއް ނޫން. އަހަރެމެންގެ ވިސްނުން ހުރީ މެޗަކަށް ފަހު މެޗަކަށް. ލީގުގެ މަގާމު މުހިއްމުވާނީ 2 ޑިސެމްބަރުގައި. އޭގެ ކުރިން ކޮންމެ ގޮތެއް ވެސް ވެދާނެ،" ސެކުލޮސްކީ ބުންޏެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މި ފަހަރު މާޒިޔާ ވަނީ 4-0 އިން ކުޑަހުވަދޫ ބަލިކޮށްފަ އެވެ. ސެކުލޮސްކީ ބުނީ މި މެޗަށް ނުކުންނައިރު އުނދަގޫތަކެއް އެބަހުރި ކަމަށެވެ.

ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަހަރެމެންގެ ހަތަރު ކުޅުންތެރިން ރާއްޖޭގެ ގައުމީ ޓީމަށް ކުޅުނު. އެއް ކުޅުންތެރިއަކު ސީރިއާ ގައުމީ ޓީމުގައި. މި ހުރިހާ ކުޅުންތެރިން ގޮވައިގެން ފުރިހަމަ ޓްރެއިނިން ސެޝަނެއް ކުރިއަށް މި ގެންދެވުނީ އެންމެ ފަހަރަކު. މި ކަންތައްތަކާ އެކު ވެސް އަހަރެން ގަބޫލުކުރަނީ ރަނގަޅު ފުރަތަމަ އެގާރައެއް ނެގޭނެ ކަމަށް. އެ ކުޅުންތެރިންގެ ޓާގެޓަކީ އެންމެ ކަމެއް މެޗުން މޮޅުވުން،" ސެކުލޮސްކީ ބުންޏެވެ.

ފުރަތަމަ ބުރުގައި މާޒިޔާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ލަނޑު ނުޖެހުމެވެ. ގިނަ މެޗުތަކުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް ނިންމައިނުލެވުނެވެ. އަނިޔާގެ ސަބަބުން އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި ހުސެއިން ނިޔާޒު މުހައްމަދު (ބޮކުރީ) ކުޅުމާ ދުރުގައި ހުރުމަކީ ސެކުލޮސްކީ އަށް ކުރިމަތިވެފައިވާ އިތުރު ބޮލުގެ ރިހުމެކެވެ.

"މިދިޔަ ބުރުގައި އަހަރެމެން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުގައި މެޗުގެ ކޮންޓްރޯލް ހޯދައިގެން އަހަރެމެން ކުޅުނިން. ލަނޑު ނުޖެހުމުގެ މައްސަލަތައް އެބަހުރި. އެކަމަކު ޓީމެއްގެ ގޮތުގައި މިކަން ހައްލުކުރެވިދާނެ. އަސައްކޮ ނެތްތަން ފޫބައްދަން ފަސޭހަނުވާނެ. އެކަމަކު މި ޓީމުގެ ތެރެއިން އެ މައްސަލަ އަށް ހައްލެއް ހޯދަން އުނދަގޫ ނުވާނެ،" ސެކުލޮސްކީ ބުންޏެވެ.

ލިބުނު ބްރޭކުގެ ބޭނުން އެންމެ ފުރިހަމަ އަށް ނުހިފުނު ނަމަވެސް ލީގުގެ އެންމެ ފުލުގައި އޮތް ކުޑަހުވަދޫ އަތުން މޮޅުވެވޭނެ ކަމަށް ސެކުލޮސްކީ ގަބޫލުކުރެ އެވެ.

މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ.