Roadha Mihaaru
އުމެއިރުގެ ދެ ލަނޑުން މާޒިޔާ އަށް ރަނގަޅު ފެށުމެއް

އުމެއިރުގެ ދެ ލަނޑުން މާޒިޔާ އަށް ރަނގަޅު ފެށުމެއް

15 އޮކްޓޯބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ޗެމްޕިއަން މާޒިޔާ ކުޅުނު ފުރަތަމަ މެޗުން މިރޭ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އަތުން 3-0 އިން މޮޅުވެ އެއް ވަނަ މަގާމަށް އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ޗެމްޕިއަން މާޒިޔާ ކުޅުނު ފުރަތަމަ މެޗުން މިރޭ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އަތުން 3-0 އިން މޮޅުވެ އެއް ވަނަ މަގާމަށް އަރައިފި އެވެ.

މާޒިޔާ އާއި މިއަދު ހަވީރު ގދ. ތިނަދޫ އަތުން މޮޅުވި ޓީސީ ސްޕޯޓްސް ކްލަބުން 19 ޕޮއިންޓް ހަމަކޮށްފައިވާއިރު މާޒިޔާ އަށް އެއް ވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. ޓީސީ ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި 18 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ނިއު ރޭޑިއަންޓެވެ. މާދަމާ ހަވީރު ށ. މިލަންދޫ އަތުން މޮޅުވެގެން އެ ޓީމަށް އަލުން އެއް ވަނަ ހޯދޭނެ އެވެ. މިރޭ ބަލިވި ކުޑަހުވަދޫ އޮތީ އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ ފުލުގަ އެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކެޕްޓަން އަދި އިތުބާރު ފޯވާޑް އަސަދުﷲ އަބްދުﷲ ނެތި ކުޅުނު މާޒިޔާ އިން މެޗުގެ ތިން ގޯލް ވެސް ޖެހީ ފަހު 15 މިނެޓުގެ ތެރޭގަ އެވެ. އެ ޓީމުގެ ފުރަތަމަ ގޯލް 75 ވަނަ މިނެޓުގައި ޕެނަލްޓީއަކުން މުހައްމަދު އުމެއިރު ޖަހައިދިން އިރު 85 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދިނީ ވެސް އޭނާ އެވެ. އަދި ތިން ވަނަ ގޯލް 88 ވަނަ މިނެޓުގައި ޖެހީ އިސްމާއިލް އީސާ އެވެ. ކުޑަހުވަދޫން ވަނީ މާޒިޔާގެ ފުރަތަމަ ގޯލާ ހަމައަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މާޒިޔާގެ ކޯޗު މަރްޔަން ސެކުލޮސްކީ ބުނީ ރަނގަޅަށް ކުޅެ ކުޅުންތެރިން ޓާގެޓް ހާސިލްކޮށްފި ކަމަށާއި އެހެންވެ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

"މެޗު އުނދަގޫވެގެން ދިޔައީ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނީމާ. ލަނޑެ ޖެހުމާ އެކު ފަސޭހަވެގެން ދިޔައީ. އެއީ އަބަދުވެސް ވާގޮތް. އެކަމަކު ކުޅުންތެރިން އެހާތަނަށް ވެސް ކޮންސެންޓްރޭޝަން ހިފަހައްޓައި އަހަރެންގެ އިރުޝާދުތައް އަޑުއެހި. އަހަރެން އަބަދުވެސް އުފާވާނެ ކޮންމެ ނަތީޖާއަކުން ނަމަވެސް މޮޅުވެއްޖެއްޔާ،" ސެކުލޮސްކީ ބުންޏެވެ.

ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މާޒިޔާ އަށް ޕެނަލްޓީ ލިބުމާ ހަމައަށް އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި އެހިސާބުން ކުޅުންތެރިންގެ ހިތްވަރު އެލިގެން ދިޔައީ ކަމަށެވެ.

"ކުޅުމާ ދޭތެރެ ހިތްހަމަޖެހޭ. ކޮންމެ ދުވަހަކު ވެސް މި އަންނަނީ ތަޖުރިބާތަކެއް ކުރަމުން. ފޯމޭޝަނާއި ކުޅުމުގެ ސްޓައިލް ބަދަލުކުރަމުން މި އަންނަނީ. މިއަދު ވެސް ނުކުތީ ބޮޑު ބަދަލަކާ އެކު ސިސްޓަމާއި ކުޅުމުގެ ސްޓައިލަށް. މެޗުގެ 75 މިނެޓު ރަނގަޅަށް ކުޅުނު. (މާޒިޔާ އަށް) އޯޕަން ޗާންސެއް ނުދެޔޭ ބުންޏަސް ރަނގަޅުވާނެ. އަޅުގަނޑުމެންނަށް ވެސް ރަނގަޅު ދެ ޗާންސެއް ވަރު ލިބުނު،" މޯހަން ބުންޏެވެ.

އޭނާ ބުނީ ޕެނަލްޓީއާ މެދު އެއްޗެއް ބުނަން އެނގޭނީ ރީޕްލޭ ބެލުމަށް ފަހު ކަމަށާއި އެހާ ހިތްވަރުކުރަމުން އަންނަނިކޮށް އެގޮތަށް ވުމުން ކުޅުންތެރިންގެ ހިތްވަރު އެލިގެންގޮސް ފަހުކޮޅު ވަރުބަލިކަމާ އެކު ސަމާލުކަން ގެއްލިގެން ދިޔައީ ކަމަށެވެ.