Roadha Mihaaru
"ބޭރުގެނުފޫޒާއެކު ވެރިކަން ގާއިމްކުރަން ނާޒިމް އުޅުނު"

ބޭރުގެ ނުފޫޒާއެކު ވެރިކަމެއް ގާއިމްކުރަން ނާޒިމް އުޅުއްވި: ރައީސް

06 އޯގަސްޓް 2017

ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖޭގައި ވެރިކަމެއް ގާއިމްކުރަން އުޅުއްވި ކަމުގެ ތުހުމަތު، ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖޭގައި ވެރިކަމެއް ގާއިމްކުރަން އުޅުއްވި ކަމުގެ ތުހުމަތު، ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ކުރައްވައިފި އެވެ.

ސްޓެލްކޯގެ ކޮންފަރެންސް ހޯލުގައި ބޭއްވި ޕީޕީއެމްގެ ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ 2013 ގެ އިންތިހާބާ ކުރިމަތިވިއިރު ދިވެހި ދައުލަތް އޮތީ ނާމާންކަމެއްގެ ތެރޭގައި ކަމަށެވެ. ގާނޫނުއަސާސީގައި ބުނާ ގޮތަށް، ނޮވެމްބަރު 11 ގައި ރައީސަކު ހުވާކުރައްވާނެ ކަމުގެ ކުޑަ ވެސް އުއްމީދެއް ނެތް ކަމަށް ވިދާޅުވި އެވެ.

ނޮވެމްބަރު 17 ގައި ރައީސް ޔާމީން ހުވާކުރެއްވީ، ތިން ހަތަރު ބުރަށް، ރިޔާސީ އިންތިހާބު ބޭއްވި ފަހުން ކަން ފާހަގަކުރައްވައި ވިދާޅުވީ އޭގެ ކުރިން، ޕްލޭންކޮށްފައި އޮތީ ބޭރުގެ ނުފޫޒު ދައުލަތަށް ފޯރާ ގޮތަށް ވެރިކަން ބައްޓަންކުރާ ގޮތަށް ކަމަށެވެ.

"ވަރަށް ނުރައްކާތެރި އެގްރީމެންޓެއްގައި ސޮއިކުރެވުނު. ޓްރޮއިކާ ނަމުގައި އެގްރީމެންޓެއްގައި ސޮއިކުރެވުނު. ސިޔާސީ ޕާޓީތަކުގެ އިސް ވެރިން އެ އެގްރިމެންޓުގައި ވަނީ ސޮއިކުރައްވާފައި،" ރައީސް ވިދާޅުވި އެވެ.

އެ އެގްރިމެންޓުގައި އޮތީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ނޮވެމްބަރު 11 ގައި ހުވާކުރައްވާނެ ރައީސަކު ނެތް ނަމަ، ގާނޫނުއަސާސީގައި ބުނާ ގޮތަށް ކަންކަންކޮށް 60 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި ނިންމާގޮތަށް އެކުލަވާލައިފަ އެވެ. އިންތިގާލީ އިންތިޒާމުތަކެއްގެ ތެރެއިން ވެރިއަކު ކަނޑައެޅެންދެން، ވެރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސާ ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް އެ އެއްބަސްވުމުގައި އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިހާބު ނިމެންދެން، އޭރުގެ ޕޮލިސް ކޮމިޝަނަރާއި ޑިފެންސް މިނިސްޓަރު މަގާމުގައި ދެމިތިއްބަވަންވާނެ ކަމަށް ވެސް އެއްބަސްވުމުގައި އޮތް ކަމަށެވެ.

ޕީޕީއެމުން ސްޓެލްކޯގައި މިއަދު ބޭއްވި ބައްދަލުވުމުގައި، ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕީޕީއެމުން ސްޓެލްކޯގައި މިއަދު ބޭއްވި ބައްދަލުވުމުގައި، ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މި އެގްރީމެންޓަކީ ބޭރުގެ ނުފޫޒާއެކު ތައްޔާރުކޮށްފައި އޮތް އެގްރީމެންޓެއް. މި އެގްރީމެންޓުގެ ކަންކަން ދިވެހި ދައުލަތުގެ ފަރާތުން، އަޅުގަނޑަކަށް ހިއެއް ނުވޭ އޭރުގައި ހުންނެވި ރައީސް ވަހީދަކަށް އެނގިވަޑައިގަންނަވާނެހެނެއް. އެހެން ނަމަވެސް ދިވެހި ދައުލަތުގެ ފަރާތުން އޭރު އެންމެ ވަރުގަދަ އަށް މި އެގްރިމެންޓު ކޮށްޕައި މި އެގްރީމެންޓު ނިންމައި ސީލް ޖަހައި އުޅުއްވީ އޭރު ހުންނެވި ޑިފެންސް މިނިސްޓަރު ނާޒިމް އެކަން ކުރައްވަން އުޅުއްވީ،" ރައީސް ވިދާޅުވި އެވެ.

"މިއޮތީ އަޅުގަނޑުމެންގެ އިސްތިގުލާލާއި ވެރިކަން ދޫކޮށްލައްވާފައި."

ރައީސް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ބުނާ ތާރީޚަށް އިންތިހާބު ނުބޭއްވުނަސް ރާއްޖެ މުޅި ގެލެކްސީން ގެއްލިދާވަރުގެ ކަމެއް ނުހިނގަ އެވެ. ދައުލަތަކީ ދެމިގެންވާ ޝަހުސެއް ކަމަށާއި ގާނޫނީ ހުސްކަމެއް އަންނާނެ ކަމަށް ބަލައިގެން ނުރައްކާތެރި އެގްރިމެންޓް ކުރާ ހިސާބަށް ކަންކަން ނުދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭރު އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމުގައި ކަން ފާހަގަކުރައްވައި ވިދާޅުވީ ބޭރުގެ ނުފޫޒުގަދަ ދެ ބޭފުޅުންނާއި ދިވެހި ބޭފުޅަކު އެ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ވަޑައިގަތް ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއިކުރައްވަން އެމަނިކުފާނު އަރިހުގައި އެދިވަޑައިގަތުމުން، އެފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރެއްވޭނީ ޕީޕީއެމުގެ ކައުންސިލުން ނިންމައިގެން ކަމަށް ވިދާޅުވެ އިންކާރު ކުރައްވާފައިވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެތަނުން އެތަނަށް ކިޔާފައި އަޅުގަނޑު ބުނެފިން ބޭނުމެއް ނޫނޭ މިކަން ކުރާކަށް. އެއީ ދިވެހިރާއްޖޭގައި ވެރިކަން ފުރޮޅިގެންދާނެ، ބަދަލުވެގެންދާނެ ގޮތް ގާނޫނުއަސާސީގައި އެބައޮތޭ. އޭގެ ކުރިން އިންތިގާލީ އިންތިޒާމަކަށް ދާން އަޅުގަނޑު މިއަކު ސޮއެއް ނުކުރާނަމޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭރު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށަހަޅާފައިވާތީ، އެމަނިކުފާނާ ބައްދަލުކުރައްވަން ވަޑައިގަތް ބޭރުގެ ދެ ބޭފުޅުންނާ އެ މައުލޫމާތު ވެސް ހިއްސާކުރެއްވި އެވެ. އެއަށް ގޮތެއް ނުނިމެނީސް ވެރިކަން މަޖިލީހގެ ރައީސާ ހަވާލު ނުކުރެވޭނެ ކަމަށް ވެސް ދެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.