Roadha Mihaaru
އިންޑިއާއިން ގެންނަން އުޅެނީ ޑޯނިއާ ބޯޓެއް: ސަރުކާރު

އިންޑިއާ އިން ގެންނަން މަސައްކަތް ކުރަނީ ކުރީގެ އެއްބަސްވުމުގައިވާ ޑޯނިއާ ބޯޓެއް: ސަރުކާރު

22 ޖުލައި 2020

އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖެ ގެންނަން މަސައްކަތް ކުރަނީ މިލިޓަރީ އެއާކްރާފްޓެއް ނޫން ކަމަށާއި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ ގައުމުން އެއްބަސްވި ޑޯނިއާ ބޯޓު ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖެ ގެންނަން މަސައްކަތް ކުރަނީ މިލިޓަރީ އެއާކްރާފްޓެއް ނޫން ކަމަށާއި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ ގައުމުން އެއްބަސްވި ޑޯނިއާ ބޯޓު ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖޭގައި ބޭއްވުމަށް ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު "މިހާރު" އަށް ވިދާޅުވީ އެފަދަ އެއްބަސްވުމެއް ހަދާފައި ނެތް ކަަމަށެވެ.

"ހިއުމަނިޓޭރިއަންގެ ބޭނުމަށް، ބަލި މީހުން އުފުލުމަށް ބޭނުންކުރާ ޑޯނިއާ ބޯޓެއް ގެންނަން ކުރީގެ ސަރުކާރުގައި އޮންނާނެ އެއްބަސްވެފައި. އެ ބޯޓު ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. ޔަގީނުން ވެސް މިލިޓަރީ އެއާކްރާފްޓެއް ގެނައުމުގެ އެއްބަސްވުމެއް މި ސަރުކާރުން ހަދާފައެއް ނޯންނާނެ،" ވަރަށް ޔަގީންކަމާ އެކު ހޫދު ވިދާޅުވި އެވެ.

ނަމަވެސް ޑޯނިއާ ބޯޓު ރާއްޖެ ގެންނާނެ ދުވަހެއް ދިވެހި ސަރުކާރަކުން އަދި ނުބުނެ އެވެ.

"އެ މަސައްކަތް ކުރިއަށް އެބަދޭ،" ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓީޖިސްޓް ހޫދު ވިދާޅުވި އެވެ.

ރާއްޖެ އަށް ޑޯނިއާގެ މަތިންދާބޯޓެއް އިންޑިއާ އިން ހަދިޔާކުރާކަން އިއުލާންކުރީ ޔާމީންގެ ސަރުކާރުގަ އެވެ. އޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޖެނުއަރީ 2016 ގައި އިއުލާން ކުރައްވާފައި ވަނީ މީހުން އުފުލަައި ސަލާމަތް ކުރުމުގެ އިތުރަށް، ސަވަޔަލެންސްގައި ވެސް ބޭނުން ކުރެވޭ ޑޯނިއާ ފިކްސްޑް ވިންގް ބޯޓު އިންޑިއާ އިން ދޭނެ ކަމަށެވެ. އެކަން އޭނާ އިއުލާން ކުރެއްވީ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރެއްގަ އެވެ.

އޭގެ ފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވެ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ފެބްރުއަރީ 2019 ގައި އިންޑިއާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޑޯނިއާ މަތިންދާބޯޓު ގެނައުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެހެންވެ އެ ގެންނަން ވަގުތު ނަގާނެ ކަމަށެވެ. އޭގެ ތެރޭގައި ހޭންގަރު ބިނާކުރުމާއި އެއްބަސްވުންތައް މުރާޖައާ ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

"އަޅުގަނޑުމެން ވާހަކަ ދައްކައިފިން ޑޯނިއާއާ ބެހޭ ގޮތުން އެއީ އޭގެ ސަބަބުން ސާޗް އެންޑް ރެސްކިއު ދާއިރާއިން އަޅުގަނޑުމެންގެ ގާބިލުކަން އިތުރުވާނެތީ އަދި އޭގެ އިތުރުން މެޑިކަލް އިވެކުއޭޝަންތަކަށް ވެސް އެހީއަކަށް ވާނެތީ،" ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އަރިހުގައި އިންޑިއާ އަށް ކުރެއްވި ދަތުރުގައި ޝަމާލް ވިދާޅުވެފައި ވެ އެވެ.

ހޫދު މިރޭ ވެސް ވިދާޅުވީ، ކުރިއެކޭ އެއްގޮތަށް ޑޯނިއާ ބޯޓު ދުއްވަން ދިވެހި ޕައިލެޓުން ތަމްރީނު ކުރާނެ ކަމަށެވެ. ޕައިލެޓުންގެ އިތުރުން އިންޖިނިއަރުން ވެސް އިންޑިއާ އިން ތަމްރީނު ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ކުރިން ވެސް ދެ ގައުމުން އެއްބަސްވި ގޮތް ކަމަށް ކުރީގެ އިންޓަވިއުތަކުން އެނގެ އެވެ.