27 ޖޫން 2016
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާގެ މައްޗަށް 1-0 އިން ކުރިހޯދައި ޔުނައިޓެޑް ވިކްޓަރީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާގެ މައްޗަށް 1-0 އިން ކުރިހޯދައި ޔުނައިޓެޑް ވިކްޓަރީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
މި ފަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ ތިން ވަނަ އަށް އެރީ ހަ މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސްއާ ޕޮއިންޓުގެ ގޮތުން އެއްވަރުވީ ނަމަވެސް ޔުނައިޓެޑް ވިކްޓަރީ އަށް ލިބިފައިވާ ފައިދާ ލަނޑު މަދެވެ. މިރޭގެ ބައްޔާ އެކު ވެލެންސިއާ އޮތީ ހަ މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި ފަސް މެޗުން 13 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ.
ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ހަންސްލޭ އަވީލޯ އާއި މުހައްމަދު އާރިފް (ބަކާ) ސަސްޕެންޝަނުގައި ހުރުމުން ވެލެންސިއާ އަށް މިރޭގެ މެޗުގައި އުނދޫގޫތަކެއް ދިމާވި އެވެ. ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ.
މި ހާފްގައި ވެލެންސިއާގެ ކުރިއަށް ކުޅުނު މުހައްމަދު ފުހެއިދު އާއި ހަސަން އަދުހަމް (ސަޑޭ) އަދި ޝާފިއު އަހުމަދު (ޝާފީ) ވަނީ ޔުނައިޓެޑް ވިކްޓަރީ ގޯލަށް އަމާޒުކޮށް ހަމަލާ އުފައްދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ.
ފުރަތަމަ ހާފްގައި ޔުނައިޓެޑް ވިކްޓަރީގެ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، ހުސެއިން ޝުއައިބު ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވެލެންސިއާގެ ފުހެއިދު (ކ) ޔުނައިޓެޑް ވިކްޓަރީގެ މަޒުހަރު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެ ވަނަ ހާފް ފެށިގެން ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ފޯވާޑް ކެރިކް އަންދްރެޖް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ދެ ވަނަ ހާފް ފެށިގެން ތިން ވަނަ މިނިޓްގައި ވެލެންސިއާ އޭރިއާ ތެރެއިން ކެރިކް ފޮނުވާލި ބޯޅަ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް މަތަކުރި އެވެ.
މި މެޗުގެ ލީޑު ނަގަން ދެ ވަނަ ހާފްގައި އެންމެ ހުސް ފުރުސަތެއް ލިބުނީ ވެލެންސިއާގެ ފުހެއިދު އަށެވެ. މެޗުގެ 68 ވަނަ މިނިޓްގައި ވެލެންސިއާގެ ސްޕެއިން މިޑްފީލްޑަރު އޭންޖެލް މުނޯޒް ހުސްކޮށްލާފައި ދިން ބޯޅަ ފުހެއިދު ފޮނުވާލި ނަމަވެސް ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ކީޕަރު މަހްމޫދު ޔޫސުފް ވަނީ މަތަކޮށްފަ އެވެ.
ޔުނައިޓެޑް ވިކްޓަރީ މޮޅުކޮށްދިން ލަނޑު މެޗު ނިމެން ނުވަ މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ކެރިކެވެ. ޔުނައިޓެޑް ވިކްޓަރީގެ ފަހަތުން ވެލެންސިއާ ހާފް ތެރެއަށް މަތިން ހުރަސްކޮށްލި ބޯޅައެއް ހޯދުމަށް ފަހު ކެރިކް ވަނީ ވެލެންސިއާ ކީޕަރު ފައިސަލް ބޯމަތިން ގޯލުގެ ތެރެއަށް އެ ބޯޅަ އޮއްސާލައިފަ އެވެ.
ޔުނައިޓެޑް ވިކްޓަރީގެ ލަނޑާ އެކު ވެލެންސިއާ ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރުމަށް ގިނަ އެޓޭކްތަކެއް ކޮށްފަ އެވެ. އެހެން ނަމަވެސް އެޓޭކްތައް ކާމިޔާބުވާ ގޮތެއްނުވި އެވެ.
ދެ ވަނަ ލަނޑެއް ޖެހުމަށް މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑް ވިކްޓަރީ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ، އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ނާވީ މުހައްމަދު ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ހުސްކޮށް ވަދެ ކެރިކް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
އެހެން ޓީމަކަށް މާޒިޔާއާ ވާދަކޮށްލެވިދާނެތަ؟
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ތިން ވަނަ
ޔޫވީން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި
ދެ މަހަށްފަހު ވެލެންސިއާ މޮޅުވެއްޖެ، އީގަލްސް ވީބަލި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ބޮޑު ތިން ކްލަބަށް ދިމާވީ ކޮން މައްސަލައެއް؟