Roadha Mihaaru
ރަސްގެފާނުގެ ޚަރަދުގައި ފަލަސްތީނުގެ 1000 މީހުން ހައްޖަށް

ސައުދީ ރަސްގެފާނުގެ ޚަރަދުގައި ފަލަސްތީނުގެ 1،000 މީހުން މިއަހަރު ވެސް ހައްޖަށް

08 އޯގަސްޓް 2017

ރިޔާޒް (އޮގަސްޓް 8) - ފަލަސްތީނު މީހުންގެ ތެރޭން ޝަހީދުވެ ދިޔަ މީހުންގެ 1،000 އާއިލާއަކަށް ސައުދީ ރަސްގެފާން ސަލްމާންގެ ޚަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު މި އަހަރު ވެސް ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (އޮގަސްޓް 8) - ފަލަސްތީނު މީހުންގެ ތެރޭން ޝަހީދުވެ ދިޔަ މީހުންގެ 1،000 އާއިލާއަކަށް ސައުދީ ރަސްގެފާން ސަލްމާންގެ ޚަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު މި އަހަރު ވެސް ދީފި އެވެ.

މިއީ ރަސްގެފާނުގެ ޚަރަދުގައި ފަލަސްތީނުގެ ޝަހީދުންގެ އާއިލާތައް ހައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖެއްސި ނުވަ ވަނަ އަހަރެވެ.

އިސްލާމިކް އެފެއާޒް މިނިސްޓަރު ޝެއިޚް ސާލިހު އަލް ޝެއިޚް ވަނީ ފަލަސްތީނު މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ރަސްގެފާން ދެއްވާ އަހަމިއްޔަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. ފަލަސްތީނު މީހުން ހައްޖަށް ގެންދަނީ ރަސްގެފާން ސަލްމާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގަ އެވެ.

މިސްރު ސިފައިންނާއި ފުލުހުންގެ ތެރޭން މަރުވި މީހުންގެ 1،000 އާއިލާ އަށް ވެސް ރަސްގެފާން ސަލްމާން މި އަހަރު ވަނީ ހައްޖަށް ދިއުމުގެ ފުރުސަތު ދެއްވައިފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ފާހަގަކޮށްލެވޭ ފަރާތްތައް ހައްޖާއި އުމްރާ އަށް ގެންދިއުމަށް ރަސްގެފާން ސަލްމާން ވަނީ ޚާއްސަ ޕްރޮގްރާމެއް އެކުލަވާލައްވައިފަ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސް ސުޕަވައިޒް ކުރަނީ ސައުދީގެ ހައްޖު މިނިސްޓްރީންނެވެ. މި ޕްރޮގްރާމް ފެށި ފަހުން މިހާތަނަށް ވަނީ ދުނިޔޭގެ އެކި ގައުމުތަކުން އެތައް ހާސް ބަޔަކު ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ހައްޖާއި އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވެ އެވެ.