Roadha Mihaaru
ވީޑިއޯ މެސެޖަކާ އެކު ހައްޖަށްދާން ރަސްގެފާނުގެ ދައުވަތު

ވީޑިއޯ މެސެޖަކަށް ފަހު 95 އަހަރުގެ މީހަކަށް ހައްޖުގެ ދައުވަތު

03 އޯގަސްޓް 2019

ޖިއްދާ (އޮގަސްޓް 3) - ހައްޖަށްދާން ކުރާ އުއްމީދު ވީޑިއޯ މެސެޖެއް މެދުވެރިކޮށް ހާމަކުރި އިންޑޮނީޝިއާގެ 95 އަހަރުގެ އޮހީ އިދުރީސް ސަމްރީ އަށް ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ދައުވަތު ދެއްވުމާ އެކު އާއިލާ އެކު އޭނާ ޖިއްދާ އަށް މިދިޔަ ހަފުތާގައި ހިނގައްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސަމްރީ އާއި އޭނާގެ އާއިލާގެ ހަ މެންބަރުންނާ ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީ އޮފިޝަލުން ވަނީ ހަވާލުވެފަ އެވެ.

ރަސްގެފާނުގެ ހައްޖު އެންޑް އުމްރާ ގެސްޓް ޕްރޮގްރާމުގެ ދަށުން ސަމްރީ އާއި އާއިލާ އަށް ހައްޖު ދަތުރު ލިބުނީ ރަސްގެފާނުގެ ފޮޓޯއެއް ހިފައިގެން ތިބެ ސަމްރީ އާއި އޭނާގެ ދެ އަންހެން ދަރިން، ހައްޖު ދަތުރެއް ލިބޭތޯ އަރަބި ބަހުން އާދޭސްކުރާ ވީޑިއޯއެއް އާއްމުވެ އެންމެ ފަހުން އެ ވީޑިއޯ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ފެނިވަޑައިގަތް ހިސާބުން ކަމަށްވެ އެވެ.

ސަމްރީ އޭނާގެ ދެ ކާފަ ދަރިންނާ އެކު.

ސަމްރީ އޭނާގެ ދެ ކާފަ ދަރިންނާ އެކު.

އިންޑޮނީޝިއާގައި ހުންނަ ސައުދީ އެމްބެސެޑަރު އީސާމް ބިން އާބިދު އަލް ތަގަފީ، ސަމްރީއާ ބައްދަލު ކުރައްވައި ހައްޖަށް ދިއުމަށް ރަސްގެފާނުގެ ދައުވަތު ލިބުނު ވާހަކަ ދެންނެވުމުން ސަމްރީ ވަނީ އެކަން ގަބޫލްކުރަން ދަތިވި ކަމަށް ބުނެފަ އެވެ. އޭނާ ވަނީ އެކަމަށްޓަކައި ﷲ އަށް ޝުކުރު ދަންނަވައިފަ އެވެ.

ސަމްރީގެ އަންހެން ދަރިއެއް ކަމަށްވާ ރަނާ ރުހާނާ ބުނީ އެ ވީޑިއޯ ރެކޯޑް ކުރީ ރޯދަ މަހުގެ ކުރިން ކަމަށެވެ. ރަނާ ބުނީ އެ އާއިލާގައި ތަނަވަސްކަން ނެތުމުން ހައްޖުގެ ފުރުސަތު ލިބޭތޯ އެފަދަ ވީޑިއޯއެއް ހެދުމުގެ ޚިޔާލު ދިނީ އަރަބި ރަހުމަތްތެރިޔާ ކަމަށާއި ވީޑިއޯ އަޕްލޯޑްކުރީ ވެސް އޭނާ ކަމަށެވެ.

އުމުރުން އެންމެ ދޮށީ މީހަކަށް މިހާތަނަށް ހައްޖުވެފައި ވަނީ އިންޑޮނީޝިއާގެ 104 އަހަރުގެ މީހެކެވެ. އެއީ 2017 ވަނަ އަހަރު އެވެ.

ސަމްރީ ޖިއްދާ އެއާޕޯޓުގައި. --ފޮޓޯ:އެސްޕީއޭ

ސަމްރީ ޖިއްދާ އެއާޕޯޓުގައި. --ފޮޓޯ:އެސްޕީއޭ