Roadha Mihaaru
ޖަރީމާއަކީ އެއާޕޯޓް ދިނުމެއް ނޫން، އަތުލުން: އެމްޑީޕީ

ޖަރީމާއަކީ އެއާޕޯޓް ޖީއެމްއާރަށް ދިނުމެއް ނޫން، އަތުލުން: އެމްޑީޕީ

19 މެއި 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމަކީ އިގްތިސާދީ ޖަރީމާއެއް ނޫން ކަމަށާއި، ޖަރީމާ އަކީ ޖީއެމްއާރުގެ އަތުން އެތަން އަތުލުން ކަމަށް ބުނެ، ރައީސް އަބްދުﷲ ޔާމީނަށް އެމްޑީޕީން ފާޑު ކިޔައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމަކީ އިގްތިސާދީ ޖަރީމާއެއް ނޫން ކަމަށާއި، ޖަރީމާ އަކީ ޖީއެމްއާރުގެ އަތުން އެތަން އަތުލުން ކަމަށް ބުނެ، ރައީސް އަބްދުﷲ ޔާމީނަށް އެމްޑީޕީން ފާޑު ކިޔައިފި އެވެ.

އެއާޕޯޓަށް 50 އަހަރު ފުރުން ފާހަގަކުރަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓު ދިނުމަކީ އިކޮނޮމިކް ކްރައިމެއް ކަމަށާއި ކޮންސެޝަން ފީގެ ގޮތުގައި ވެސް އެއާޕޯޓްސް ކުންްފުންޏަށް ލިބުނީ އެންމެ 16 މިލިއަން ރުފިޔާ ކަމަށެވެ. އެ ވާހަކަފުޅަށް އިޝާރާތްކޮށް ބަޔާނުގައި ބުނެފައި ވަނީ ކޮންސެޝަންފީގެ ގޮތުގައި އެއާޕޯޓު ކުންފުންޏަށް 25 އަހަރުގެ ތެރޭގައި 665.2 މިލިއަން ޑޮލަރު ލިބިގެންދާނެ ކަމަށެވެ.

"އެ މުއްދަތުގެ ތެރޭގައި އެއާޕޯޓު ކުންފުނިން އެއާޕޯޓު ހިންގާނަމަ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 442.2 މިލިއަން ޑޮލަރު،" ބަޔާނުގައި ބުންޏެވެ.

ދިވެހި ސަރުކާރުން ޖީއެމްއާރު ކުންފުންޏާ އެކު ވި އެއްބަސްވުން ބާތިލްކުރުމުން އޭގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 803 މިލިއަން ޑޮލަރު ހޯދަން އެ ކުންފުނިން ވަނީ ދައުވާކޮށްފަ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ބަޔާނުގައި ބުނީ ޖީއެމްއާރަށް އެއާޕޯޓު ހިންގަން 25 އަހަރަށް ދިނީ މުޅި ދުނިޔެއަށް ހުޅުވާލައިގެން ހިންގި ދެފުށް ފެންނަ ބިޑިން ޕްރޮސެސެއްގެ ދަށުން ކަމަށާއި އެކަން އެގޮތަށް ކުރަން ލަފާދިނީ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ކަމަށެވެ.

"ޒަމާނީ ފެންވަރަކަށް އެއާޕޯޓު ތަރައްގީކުރަން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހެ އެވެ. މީގެ ސަބަބުން ދައުލަތުގެ ދަރަނީގެ ހާލަތަށް އެއްވެސް ބަދަލެއް ނާދެ އެވެ. ނަމަވެސް ޖީއެމްއާރު ބޭރުކޮށް، މިހާރު އެއާޕޯޓު ތަރައްގީކުރުމުގެ ނަމުގައި ދިވެހި ސަރުކާރުން އެތައް ސަތޭކަ މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ނަގަމުން އެބަދެ އެވެ. މި ކަމުގެ ސަބަބުން ދައުލަތުގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ އެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން ޖީއެމްއާރު އަތުން 2012 ވަނަ އަހަރު އެއާޕޯޓު އަތުލުމަކީ މިހާތަނަށް ރައްޖޭގައި ހިންގި އެންމެ ބޮޑު އިގުތިސާދީ ޖަރީމާ ކަން ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.